
ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހަކަށް ހަމަލާދީގެން: ފުލުހުން
ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުުކުރި ނޫސްވެރިޔާ ހައްޔަރުކޮށްފައި ވަނީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހަކަށް ޙަމަލާދީގެން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިމައްސަލައިގައި ހައްޔަރުކުރީ، ރާއްޖޭގެ އޮންލައިން ނޫސް "އަވަސް"ގައި މަސައްކަތްކުރާ ނޫސްވެރިއެކެވެ. އެމުޒާހަރާގެ ގެ ތެރޭގައި އެނޫސްވެރިޔާ ހަރަކާތްތެރިވަމުން ދިޔަ ގޮތް ފެންނަ ވީޑިއޯ ފޫޓޭޖް މިހާރު ދަނީ ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި ދައުރު ކުރަމުންނެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާރިޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެންކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ފުލުހުން ވިދާޅުވީ، އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށެވެ.