މިއަދު ފެށި، ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ތެރެއިން ---

ރާއްޖޭގެ ފުރަތަމަ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފަށައިފި

ހޮނިހިރު 18 މާޗް 2023 | މޫސަ

ރާއްޖޭގެ ފުރަތަމަ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް މިއަދު ފަށައިފިއެވެ. މާރިޗް 18 އިން 20 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމްގައި ބާއްވާ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރަންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މިއީ ޕޮލިސް ބޯޑާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ބާއްވާ ކޮންފަރަންސެކެވެ.

Advertisement


މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހާމަކުރައްވާ ގޮތުގައި، މިއީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި މުޖްތަމައުގެ ބައިވެރިވުން ހިމެނޭ ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތް ހެދުމަށް އަމާޒުކޮށް އެންމެ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބާއްވާ ކޮންފަރަންސެކެވެ.


މިކޮންފަރެންސްގެ މިއަދުގެ މެންދުރު ކުރީގެ ދަންފަޅީގައި ވަނީ، ތިން ކަރުދާހެއް ހުށައަޅާފައެވެ. ހޯމް މިނިސްޓްރީން ހާމަކުރައްވާ ގޮތުގަިއ، މިކޮންފަރެންސްގެ ތިން ދުވަހުގެ ތެރެއިން ފުރަތަމަ ދުވަސް ޚާއްސަކޮށްލެވުނީ ސަލާމަތާއި ރައްކާތެރިކަމާއިގުޅޭ ތަފާތު 10 ދާއިރާއަކުން ދިރާސާ ކަރުދާސް ހުށަހެޅުމަށެވެ. މިގޮތުން، އާންމު ފަރާތްތައް، ޖަމްޢިއްޔާ، ކޮލެޖް އަދި ފުލުހުން ހިމެނޭގޮތަށް، އެކި ފަރާތްތަކުން 9 ދިރާސާ ކަރުދާސް ހުށަހަޅާ، ފަނޑިޔާރުން އިންސާފުކުރެއްވިއެވެ. އަދި ހުށަހެޅުނު ކަރުދާސްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ކަރުދާސް ހުށަހެޅި ފަރާތްތަކަށް އިނާމު ދިނުމަށްވެސް ވަނީ ނިންމާފައެވެ.


މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، މިކޮންފަރަންސްގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި މުޖުތަމަޢުގައި ބަސްވިކޭ ފަރާތްތަކާއި ޔުނިވަސިޓީ އަދި ކޮލެޖްތަކާއި މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކާއި އަދި އަމިއްލަ ފަރުދުންގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކުން ކުރާ ދިރާސާތަކާއި، ރަނގަޅަށް ކުރަމުންދާ މަސައްކަތްތަކާއި، ބިނާކުރަނިވި ޚިޔާލުތައް ޙިއްސާކުރުމަށް ފުރުސަތު ފަހިކޮށްދެވޭނެއެވެ. އަދި މުޖުތަމައުގައި ސިޔާސަތު ކަނޑައަޅާ އިސް ފަރާތްތަކާއި މަދަނީ ޖަމުއިއްޔާތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަދި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުންގެ މެދުގައި ގުޅުން ބަދަހިކުރުމަކީވެސް މި ކޮންފަރަންސްގެ މުހިންމު އެއް މަޤުޞަދެކެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރަންސް ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސެއް ކަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހާމަކުރައްވާފައި ވެއެވެ.










ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.