
މިފްކޯއަށް ގެންނަ މަސްކިރުވާ ބޮޑު ބޯޓު ރާއްޖެއައުމުގެ ދަތުރު ފަށައިފި
މިފްކޯއިން މަސްކިރުވުމަށް ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ މަސްކިރުވާ ބޯޓުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބޯޓު ކޮރެއާއިން ރާއްޖެއަށް ދަތުރުފަށައިފިއެވެ.

މިފްކޯމިހާރު ހިންގަމުން އަންނަނީ އެސްޓީއޯގެ ދަށުންނެވެ. އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން އަމުރު ވިދާޅުވީ، ޖަޒީރާ 103ގެ ނަންދީފައިވާ ބޯޓު މިހާރު ރާއްޖެއައުމުގެ ދަތުރު ފަށާފައިވާ ކަމަށާއި އަންނަ އޭޕްރީލްމަހުގެ 7 ވަނަ ދުވަހު އެބޯޓު ރާއްޖެއަށް ވަންނާނެ ކަމަށެެވެ.
މި ބޯޓުގަ ދުވާލަކު 120 ޓަނު މަސް ކިރުވައި، ގަޑު ކުރެވޭނެ ކަމަށާއި އަދި ބޯޓުގައި ޖުމުލަ 420 ޓަނު މަސް ރައްކާކުރެވޭނެކަމުގައި އަމްރު ވިދާޅުވިއެވެ. މިބޯޓުގަތުމަށް ޚަރަދުކޮށްފައި ވަނީ އެސްޓީއޯއިންނެވެ.
ޖަޒީރާ 103 ރާއްޖެއައުމުގެ ދަތުރު ފަށާފައިވާއިރު، މިފްކޯއަށް މަސްކިރުވުމަށް ގަންނަ އަނެއް 3 ބޯޓުވެސް މިހާރު ވަނީ، ގަނެ ރަޖިސްޓްރޭޝަންގެ މަރުހަލާތައް ނިންމާފައެވެ. މިބޯޓުތަކަކީ ރާއްޖޭގެ ސަރަހައްދުތަކުގައި މަސްކިރުވުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށާއި މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ގަންނަ ބޯޓުތަކެކެވެ.