
ވިލިމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި
ވިލިމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ މެންދަމު 1:33 ހާއިރުގައި ކަމަށެވެ. އަދި އެކުއްޖާ ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާގެ އާއިލާގެ ގާތް މީހެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެންކުއްޖާ ގެއިން ނުކުމެގެން ގޮސްފައި ވަނީ ރޭގެ 7:30 ހާއިރުގައެވެ. އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މެންދަންވި އިރުވެސް ކުއްޖާ އެނބުރި ގެއަށް ނައުމުންނެވެ.
ކުއްޖާ ފެނޭތޯ އާއިލާއިން ދަނީ ވިލިމާލެ އާއި މާލެ އަދި ހުޅުމާލޭގެ ތަންތަން ބަލަމުންނެވެ. އާއިލާގެ ފަރާތުން އެނގިފައިވާ ގޮތުގައި ކުއްޖާ ގެއިން ދިޔަކަމަށް ބެލެވެނީ އެހެން މީހަކާއި އެކުގައެވެ.