މިނިސްޓަރ ޝައުނާއާއި، މެންބަރު ނިޔާޒު ކެމްޕެއިންގައި

އެމްޑީޕީގެ ލީޑަރޝިޕް ފެންނަނީ މާ ބަދަހިކޮށް، ވަރުގަދަކޮށް!

އާދީއްތަ 09 އޭޕްރީލް 2023 | އައުޓްރީޗް

ޖުމްހޫރީ ޕާޓީއާއި ރައީސް ނަޝީދާ ކުރެވޭ މަޝްވަރާތައް އެއީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާ ދެމެދު ކުރެވޭ މަޝްވަރާތަކެއްކަމުގައި ދައްކަން މަސައްކަތްކުރާ ހިސާބަށް ކަންތައް ހިނގައްޖެއެވެ. ޤާސިމް އިބްރާހީމްގެ އެޑްވައިޒަރ، ޕީޕީއެމް ފިކުރުގެ ޕީޕީއެމް ބޭފުޅެއްގެ ގޮތުގައި "ލޭބަލް" ވެފައިވާ އަހުމަދު ނިހާން ހަސަން މަނިކުގެ ޓްވީޓްތަކުގައި މުޅިންވެސް ވިދާޅުވެފައި ހުންނަނީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާ ކުރެވޭ މަޝްވަރާތަކެއްގެ ވާހަކައެވެ. އެމްޑީޕީގެ "ކުރީގެ" ޗެއަރޕަސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފްވެސް ވިދާޅުވަނީ އެމްޑީޕީގެ ރައީސްގެ ފަރާތްޕުޅުން ބާއްވާ ބައްދަލުކުރެއްވުންތަކެއް ކަމަށެވެ.

Advertisement


މިނިސްޓަރ މަހުލޫފާއި، މެންބަރު ރޮޒެއިނާ ކެމްޕެއިންގައި

ޢާއްމުންނާއި، ޢާއްމު މެންބަރުންނަށް ދައްކަވަނީ އެމްޑީޕީއަކީ އެބޭފުޅުންކަމެވެ. އެކަމަކު ހަޤީޤަތަކީ އެމްޑީޕީގެ ޗެއަރޕަސަންއަކީ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒު އިސްމާއީލްކަމެވެ. އެއީ ރައީސް ނަޝީދުގެ އަރިސް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒު ފަހުމީ އިންތިޚާބުގައި ބަލިކުރައްވައި ހޯއްދެވި މަޤާމެވެ. ރިޔާސީ ކެންޑިޑޭޓަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. އެއީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބަލިކުރައްވައި ކަށަވަރުކުރެއްވި ޓިކެޓެވެ. ޤައުމީ މަޖިލީހާއި، އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ސާފް މެޖޯރިޓީ އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަތްޕުޅުގައެވެ. ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމާއި، އެކަމާ ގުޅިގެން ކުރައްވަން ޖެހޭ ކަންކަން ކުރެއްވުމުގެ ބާރު ޤައުމީ މަޖިލީހުން ވަނީ ރައީސް ޞާލިހަށް ދެއްވާފައެވެ. އެއީ ސިއްރެއްވެސް ނޫނެވެ. ސީދާ ރައީސް ޞާލިހާއި، އެމަނިކުފާނުފެ ފަރާތްޕުޅުން ބޭފުޅުން ގެންދަވަނީ އެމަޝްވަރާތައް އެކި ބޭފުޅުންނާއެކު ކުރައްވަމުންނެވެ. ނަތީޖާވެސް ނެރުއްވަމުންނެވެ. މިއީ އޮޅުވާލެވެން ނެތް ސާފް ހަޤީޤަތެވެ. 

މެންބަރު ޒަރީރުއާއި މެންބަރު ރިޒާ ކެމްޕެއިންގައި

މިހިނގާ ކަންކަމުން ފެންނަ ދެވަނަ ހަޤީޤަތަކީ އެމްޑީޕީ ތެރޭގައި އުފެދުނު ބައިބައިވުމެވެ. އެބައިބައިވުން އުފެދުނު ސަބަބަކީ ރައީސް ނަޝީދަށް ރިޔާސީ ޓީކެޓް ގެއްލުމެވެ. ބަރުލަމާނީއަކަށް ދިއުމަށް ހުރަސްތައް ކުރިމަތިވެ ނާކާމިޔާބުވުމެވެ. އެއާއެކު އިބޫ ނޫން ކޮންމެ ގޮތެއް ހޯދަން ކޮންމެ ދުވަހަކު މަޝްވަރާތައް ކުރައްވަނީ އެބޭފުޅުން އިއްޔެއާ ހަމައަށް "ހެއްދެވި ނެހެއްދެވިއަށް" ގޮވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއާއެވެ. 

މެންބަރު ސަނީފްއާއި މެންބަރު ރާޝިދު ކެމްޕެއިންގައި

މިދެ މަންޒަރާއެކު ފެންނަ ތިންވަނަ މަންޒަރެއްވެސް ނިކަން ސާފެވެ. އެއީ އެމްޑީޕީގެ ލީޑަރޝިޕް މާ ބޮޑަށް ބަދަހިވެފައި، ވަރުގަދަ ވެފައިވުމެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރާ ކެމްޕެއިނުން އެކަނި އެކަން ސާފެވެ. ކޮންމެ ދުވަހަކު އެދާއިރާގެ ތިން ރަށަށް ފިކުރެއްގެ ދިރުން ނުހިމެނޭ އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންގެ ޓީމްތައް ދަތުރުކޮށް ކެމްޕެއިންގައި އެދައްކަވަނީ ބަދަހިކަމާއި ހިތްވަރެވެ. އެކެމްޕެއިންގައި މުޅި އެމްޑީޕީގެ ލީޑަރޝިޕް އެގެންދަވަނީ އެކުގައި ބައިވެރިވަމުންނެވެ. ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ސްޓޭޓް މިނިސްޓަރުންނާއި، ދާއިރާތަކުގެ ރައީސުންވެސް މެއެވެ. ގުރައިދުއާއި، މާފުށްޓާއި، ގުޅީގައިވެސް ކޮންމެ ދުވަހަކު ޓީމްތައް ހުއްޓާނުލާ ކުރައްވާ މަސައްކަތްތަކުން ފެންނަނީ ރިޔާސީ އިންތިޚާބަށް ރުކުރުވާލަމުންދާ ބަދަހި ޓީމެވެ. އެއިންތިޚާބަށް ކުރެވޭ ވަރުގަދަ ޕްރެކްޓިސްއަކާއެކު ފުރަތަމަ ފަހަރަށް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދުމަށް ކޮންމެ ދުވަހަކު ޓަކި ނުޖަހާ ދޮރެއް ނެތެވެ. މިކުރެވޭ މަސައްކަތުގެ ތެރެއިން އެމްޑީޕީގެ ލީޑަރޝިޕް އިހުނަށްވުރެ މާބޮޑަށް ބަދަހިވެ، ރިޔާސީ އިންތިޚާބަށް މާފޯރީގައި ތައްޔާރުވުމުގެ ރޫހު ފެނެއެވެ.

އެމްޑީ ޝަރީފްއާއި ރައީސް އޮފީހުގެ މިނިސްޓަރ ކެމްޕެއިންގައި

އެމްޑީޕީއަށް ރަނގަޅުގޮތް ހޯދުމުގައި ރައީސް ނަޝީދުއާއި، އެމަނިކުފާނަށް ބައިއަތު ހިތްޕަވައިގެން ތިއްބެވި ބޭފުޅުން ކުރައްވާ ހަމައެކަނި ކަމަކީ އިބޫ ނޫންގޮތެއް ހޯދުމާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ކޮންޓްރޯލް އަލުން ހޯދުމަށް ކުރާ މަސައްކަތެވެ. އެކޮންޓްރޯލް ހޯދޭނީ ރައީސް ޞާލިހަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުކޮށްލައިގެންކަމަށް ދެކި ކުރާ މަސައްކަތެވެ. އެހެން ނޫންނަމަ ޤާސިމަށް މާހެޔޮއެދިގެން ކުރާނެ މަސައްކަތެއް ހަޤީޤަތުގައިވެސް ނޯންނާނެވެ. އެމްޑީޕީއަށް ހެޔޮއެދޭނަމަ މިވަގުތު އޮތްކަމަކީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ޕާޓީއަށް ހޯދައިދުނުމުގެ މަސައްކަތް ނޫން ކޮންކަމެއްތޯއެވެ؟ އެމަސައްކަތުގައި ފިޔަވަޅެއް އަޅަންވެސް ބޭނުންނުވެ، ކޮންމެ ދުވަހެއް ނިމިދަނީ ސަން އައިލެންޑްގައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.