ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް. ފޮޓޯ:ރައީސްއޮފީސް

ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީން ގިނަ ކުރިއެރުންތަކެއް ހޯދާފައިވޭ - ނައިބުރައީސް

ހުކުރު 26 މެއި 2023 | ހަމްޒާ

ފާއިތުވި 28 އަހަރުގެ ތެރޭގައި، އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ވަރަށް ގިނަ ކުރިއެރުންތައް ހޯދާފައިޥަ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. 

Advertisement


އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ހެންވޭރު ދަނޑުގައި ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ފެނަކީ އަސާސީ އެއްޗަކަށްވާއިރު، އެމް.ޑަބްލިޔު.އެސް.ސީއިން މެދުކެނޑުމެއްނެތި ފޯރުވައިދެނީ ވަރަށް މުޙިއްމު އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްތައް ހިމެނޭ ގޮތުން މުޅި ރާއްޖޭގައި އެކުންފުނިން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މުޙިއްމު ވަޢުދެއްކަން ފާހަގަކުރައްވައި، އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކޮށް ޚިދުމަތް ދިނުމުގައި އެމް.ޑަބުލިޔު.އެސް.ސީގެ ހީވާގި މުވައްޒަފުން ކުރައްވާ މަސައްކަތަށް އެމަނިކުފާނު ތަޢުރީފް ކުރެއްވިއެވެ. އަދި ކުންފުނިން މުވައްޒަފުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި މުހިއްމު ދާއިރާތަކުން އެވޯޑްތައް ދެއްވަމުންގެންދަވާތީ އެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށްދޭ ޔަޤީންކަމަކީ، ކުޑަރަށެއް އަދި ބޮޑުރަށެއް، ކުޑަކަމެއް އަދި ބޮޑުކަމެއް ތަފާތުނުކޮށް، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހުއްޓުމެއް ނެތި އަދި މެދުކެނޑުމެއްނެތި މިސަރުކާރުން ކުރިޔަށް ގެންދެވުން ކަމަށެވެ.

މި ހަފްލާގައި ވަނީ، އެކިދާއިރާތަކުން ފާހަގަކޮށްލެވުނު ކުންފުނީގެ މުވައްޒަފުންނަށް އެވޯޑްތައް ދެއްވާފައެވެ. މީގެއިތުރުން އެކުންފުނިން ދޭ ޔުނީކް ޕަރފޯމަންސް އެވޯޑާއި، ޗެއަރމަންސް އެވޯޑް ފޮރ އެކްސެލެންސް ޙާޞިލް ކުރެއްވި މުވައްޒަފުންނަށް އެ އެވޯޑްތައް ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އަދި މިހަފްލާގައި އެމް.ޑަބުލިޔު.އެސް.ސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޚާއްޞަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އުފައްދަވާފައިވަނީ، 1 އޭޕްރީލް 1995 ގައެވެ. އެކުންފުނީގައި މިހާރު 1247 މުވައްޒަފުން މަސައްކަތްކުރާއިރު، މިދައުރުގެ ތެރޭގައި ރާއްޖޭގެ 31 ރަށެއްގައި 68 މަޝްރޫޢެއް ހިންގުމާއި އެކުންފުނިން ޙަވާލުވެފައިވެއެވެ. އޭގެތެރެއިން 28 މަޝްރޫއެއް މުޅިން ނިންމައި 40 މަޝްރޫއެއްގެ މަސައްކަތްތައް މިހާރުވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.