
ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލައިފި
ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

މިމަޝްރޫއުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ބުނީ، މި މަޝްރޫޢުގެ ދަށުން 10،200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށް ސަރަހައްދަށް އަޅާފައިވާ ކަމަށެވެ. އަދި 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ އިތުރުން 142 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މި މަޝްރޫއަކީ 42.38 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
2094 މީހުންގެ އާބާދީއެއް އޮންނަ ޅ.ކުރެންދޫއަކީ ޒަމާނުއްސުރެ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. ކުރެންދޫގެ އާބާދީގެ ގިނަ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.
ރަށްގިރުމުގެ ސަބަބުން ކުރެންދޫއަށް ވަނީ ވަށައިގެން އެތަކެއް ގެއްލުމެއް ލިބި، އެތައް ރުއްގަހެއްވެސް ނެތިގެން ގޮސްފައެވެ. ރަށުގެ ހުރިހާ ފަރާތަކުންހެން ގިރަމުން ދިޔުމާއެކު، މި މައްސަލައަކީ އެރަށު ރައްޔިތުންގެ ވަރަށް ދުވަސްވީ ކަންބޮޑުވުމަކާއި އުދާސްތަކެއް އޮތް ކަމެކެވެ. މިމަޝްރޫއުގެ ސަބަބުން ކުރެންދޫގެ ވަށައިގެން ގިރަމުންދާ ހުރިހާ ސަރަހައްދެއްހެން ވަނީ ރަށް ގިރުމުން ހިމާޔަތްކޮށްފައެވެ. މިއީ ކުރެންދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫއެއް ކަމަށް ދެކޭ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.