
ރޭލު އެކްސިޑެންޓްގައި ޒަޚަމްވި މީހުން ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެއްޖެ
އިންޑިއާގެ އޮޑީއްސާގައި އިއްޔެ ހިނގި ރޭލު އެކްސިޑެންޓްގައި ޒަޚަމްވި މީހުން ގޮވައިގެން ދަތުރު ކުރި ބަހެއް އެކްސިޑެންޓްވެ ޒަޚަވެފައި ތިބި މީހުން އިތުރަށް އަނިޔާވެއްޖެއެވެ.

އިންޑިއާ ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭލު އެކްސިޑެންޓްގައި 288 މީހުން މަރުވި އިރު 900އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޒަޚަމްވި މީހުން އޮޑިއްސާގެ އެކި ސަރަހައްދުތަކުގައި ހުރި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޮނުވުމުގައި ބޭނުން ކުރި ބަހެއް އެކްސިޑެންޓްވެފައި ވަނީ މިއަދުއެވެ. މުދާ އުފުލާވޭނެއްގައި ޖެހި ބަސް އެކްސިޑެންޓްވީ ވެސްޓް ބެންގާލްގެ ތެރޭގައެވެ.
ޒަޚަމްވަފެއި ތިބި މީހުންނަށް މި އެކްސިޑެންޓްގައި އިތުރު އަނިޔާތައް ވިނަމަވެސް އެއްވެސް މީހަކު މަރުވިކަމެއް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.
އޮޑީއްސާގައި އިއްޔެ ހިނގި ރޭލު އެކްސިޑެންޓަކީ، މިފަހުގެ ތާރީޚުގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ. މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމުގައި އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.