
ޖަންގަލިތަކުގައި ރޯވެ އަނދަމުންދާތީ ބްރިޓިޝް ކޮލަމްބިއާގައި ކުއްލި ހާލަތު އިއުލާނުކޮށްފި
ކެނެޑާގެ ހުޅަނގު ސަރަހައްދުތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާން ނުރައްކާތެރި ދަރަޖައަކަށް ފެތުރެމުން ދިޔުމާއި ގުޅިގެން، ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގައި ކުއްލި ޙާލަތު އިއުލާނުކޮށްފިއެވެ.

ކެނެޑާގެ ހުޅަނގުޕްރޮވިންސެއް ކަމަށްވާ ބްރިޓިޝް ކޮލަމްބިއާގައި އިއްޔެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރީ ހުޅަނގު ކެލޯނާ އަވަށުގެ ހުޅަނގުގައިވާ ފަރުބަދަތަކާއި ޖަންގަލިތަކުގައި އަލިފާން ރޯވެ ހާލަތު ނުރައްތެރި ދަރަޖައަކަށް ދިޔުމުންނެވެ.
މިގޮތުން 36000 މީހުންގެ އާބާދިއެއް އޮންނަ ކެލޯނާ އަވަށުގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ބްރިޓިޝް ކޮލަމްބިއާގެ ޕްރިމިއާ ޑޭވިޑް އެބީ ނޫސްވެރިންނަށް މައުލުމޫތު ދެއްވަމުން ވިދާޅުވީ، މިއީ އެޕްރޮވިންސްގެ ތާރީޚުގައިވެސް ކުރިމަތިވި ޖަންގަލިތަކުގައި ރޯވުމުގެ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމަށެވެ.
ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާތަކާއި ކެނެޑާއަށް ކުރިމަތިލާންޖެހިފައިވާއިރު، އެމެރިކާގެ ހަވާއީގެ ޖަންގަލިތަކުގައި ރޯވި އަލިފާން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރި، މަދުވެގެން 93 މީހުން ވަނީ މަރުވެފައެވެ.