
ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދޭ
ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިއްޖެއެވެ

އިލެކްޝަން ކޮމިޝަނުން ބުނީ، ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ހެނދުނު 7:30 ން ފެށިގެން ކިޔޫގައި މަޑުކުރެވޭނެ ކަމަށެވެ. އަދި ވޯޓުލުން ނިމޭނީ ހަވީރު 4:00 ގައި ކަމަށެވެ.
ވޯޓުލާން ފުރަތަމަ އަންނަ 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކަނޑާލުމަށްފަހު، 8 ޖަހާއިރު ވޯޓުލުން ފެށިގެން ދާނެއެވެ. އަދި ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދު ކުރާނެ ކަމަށެވެ. ވޯޓު ގުނަން ފަށާނީ އާންމު ގޮތެއްގައި، ހަވީރު 4:30 ގައެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، މިހާރު ހުރިހާ ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މި އިންތިހާބުގައި ވޯޓުލުމުގައި ކާކުކަން ދެނެގަތުމަށް ބޭނުން ކުރާނީ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު) އާއި ދިވެހި ޕާސްޕޯޓާއި، ޕާސްޕޯޓް ކާޑާއި، ޑްރައިވިންގ ލައިސަންސްއެވެ. މި 4 ޑޮކިއުމަންޓުން ކުރެ، ކޮންމެވެސް އެއް ޑޮކިއުމަންޓެއްގެ އަސްލެވެ. މި ނޫން އެހެން އެއްވެސް އެއްޗެއް، ވޯޓުލާ މަރުކަޒުން ގަބޫލު ނުކުރާނެ ކަމަށް އީސީން ބުނެއެވެ. އަދި އީސީން ވަނީ، މި އިންތިހާބުގެ އެއްވެސް ކަމެއްގައި، ޑިޖިޓަލް އައިޑީ ކާޑު އަދި އީފާސް ބޭނުން ނުކުރާ ގޮތަށް ނިންމާފައެވެ.
ވޯޓު ކަރުދާހުގައި ފާހަގަ ޖަހާނީ، ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމަކުންނެވެ. އެނޫން ކުލައަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިފިނަމަ ވޯޓު ބާތިލްވާނެއެވެ. އަދި ވޯޓު ކަރުދާހުގައި ޖަހަން ޖެހޭނީ ރަނގަޅު އެއްފާހަގައެވެ. ގިނަ ފާހަގަ ޖަހައިފިނަމަ ވޯޓު ބާތިލްވާނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ، ޖުމްލަ 282،395 މީހުންނަށެވެ. އޭގެތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.
8 ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ، 5 ޤައުމެއްގައެވެ. އޭގެތެރޭގައި ހިމެެނެނީ، ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީއެވެ.