ސިފައިންގެ 127 ވަނަ އަހަރީ ޖަލްސާގެ ތެރެއިން. ފޮޓޯ: އެމް.އެން.ޑީ.އެފް

ސިފައިންގެ ކުރިމަގަށް އުނިކަން އަންނަ ފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކޮށްފި

އާދީއްތަ 17 ސެޕްޓެމްބަރ 2023 | ހަމްޒާ

ސިޔާސީ މަޤުސަދު ހާސިލުކުރުމަށްޓަކައި ދިވެހި ސިފައިންނާއި ސިފައިންގެ މުއައްސަސާގެ އަގުވައްޓާލައި ސިފައިންގެ ކުރިމަގުގެ ތަރައްޤީއަށް އުނިކަން އަންނަ ގޮތަށް ހަޤީޤަތާ ޚިލާފު ޕްރޮޕަގެންޑާ ފަތުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

Advertisement


ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފއިވަނީ، ކ.އުތުރު ތިލަފަޅުގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ތަރައްޤީ ކުރަމުންދާ 'އެކަތަ' ބަނދަރަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއްކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ޚަބަރުތަކެއް ކަމަށެވެ. އަދި އެކަތަ ބަނދަރަކީ ދިވެހި ސިފައިންގެ ކޯސްޓްގާޑު އުޅަނދުތައް އަޅާފައި ބޭއްވުމަށާއި، އެ އުޅަނދުފަހަރުތައް މަރާމާތުކުރުމަށްޓަކައި ތަރައްޤީކުރާ ބަނދަރެއް ކަމަށެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ، އުތުރު ތިލަފަޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިއާ ސަރުކާރާއެކު އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ 2013ވަނަ އަހަރު އޭރުގެ ޑިފެންސް މިނިސްޓަރ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށެވެ. އެގޮތުން އުތުރު އެދަތުރުފުޅުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގުމަށް އެ ސަރުކާރުގެ ތަސައްވުރާއި ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށަހެޅި ކަމަށާއި 2016 ވަނަ އަހަރު ދެ ޤައުމު ދެމެދު ސޮއިކުރި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިއާ"ގައިވެސް އިންޑިއާ ސަރުކާރާ ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގަން އެއްބަސްވި ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ކުރީ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ ސްކޯޕް ހަނިކޮށް މި ސަރުކާރުން 2019 ވަނަ އަހަރު އުތުރު ތިލަފަޅުގައި ކޯސްޓްގާޑު އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި، އެ އުޅަނދުތަަައް މަރާމާތު ކުރާނެ ޑޮކްޔާޑެއް ތަރައްގީ ކުރުމަށް ހަމަޖެއްސި ކަމަށްވެސް ބުނެފައިވެއެވެ.

ޑިފެންސް މިނިސްޓްރީން އިތުރަށް ބުނީ، އެކަތަ ބަދަރާ ގުޅޭގޮތުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް އެ ބަނދަރުގައިވާ ހުރިހާ ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ދިވެހިންގެ އަމިއްލަ މިލްކިއްޔާތެއް ކަމަށެވެ. އަދި އެ ބަނދަރުގައި އެހެން އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމުވެ ނުތިބޭނެކަން މިނިސްޓްރީން ކަށަވަރުކޮށްދީފައިވެއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ދީފައިވެއެވެ.

ޑިފެންސް މިނިސްޓްރީން ވަނީ، ދިވެހި ސިފައިންގެ މުއައްސަސާއަކީ ޤައުމުގެ އަމަންއަމާންކަމާއި ސިޔާދަތު ދިފާއު ކުރުމުގެ އެންމެ މުހިންމު އައްޑަނަކަމަށްވާތީ، ސިޔާސީ ގޮތުން ހައްސާސް ދަނޑިވަޅެއްގައި ސިފައިންގެ ތަރައްގިއަށް ހިންގޭ މުހިންމު ކަންކަމަށް ހުރަސްއަޅައި ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ އަގުވައްޓާލުމަށާއި އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވެއްދުމަށް ސިޔާސީ ޕްރޮޕަގެންޑާ ފަތުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް މިިނިސްޓްރީން ބުނެފަައިވެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.