
ކަނޑު މަސް ގަންނަ ނިސްބަތް ބޮޑުތަނުން އިތުރުވެ، 4.4 ބިލިއަން ރުފިޔާ ދޫކޮށްފި
ވޭތުވެދިޔަ ރައީސް ޔާމީނުގެ ސަރުކާރުގެ 5 އަހަރަށް ވުރެ މިސަރުކާރުގެ 5 އަހަރު މަސްވެރިންގެ އަތުން މަސްގަނެފައިވާ މިންވަރު %42 އިންސައްތަ އިތުރުކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކުރެއްވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސްގަންނަ އަގު ބޮޑުކުރުމާއި ގުޅިގެން އެކަމުގެ ތަފްސީލް ހިއްސާ ކުރައްވަމުންނެވެ.

މިއަދުގެ ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ މަސް ކިލޯއެއް 25ރ އަށް ބޮޑުކޮށްފައެވެ. މީގެ ކުރިން މަސް ކިލޯއެއް ގަންނަމުން އައީ 17ރުފިޔާއަށެވެ. ރާއްޖޭގެ ޤައުމީ މީޑިޔާ އާއި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޟް މަންސޫރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތެކޭ އެއްފަދައިން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހިންވެސް ވަރަށް ގިނަކަމަށެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުމަށް މި ދާއިރާއަށް ވަންނަ ދިވެހިންގެ އަދަދު އަދިވެސް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ރިޔާޟް ވިދާޅުވީ މަސްވެރި އުޅަނދުތަކާއި މަސްބާނާ މިންވަރަށް ބެލުމުން މި ސިނާއަތް މިހާރު ކުރިއަރާފައިވާ މިންވަރު ފެންނަނަކަމަށެވެ.
ރިޔާޟް ވިދާޅުވީ ކުރީ ސަރުކާރުގެ ފަސް އަހަރަށްވުރެ މިސަރުކާރުގެ ފަސް އަހަރު މަސްވެރިންގެ އަތުން މަސް ގަނެފައިވާ ޢަދަދު %42 އިތުރުވެފައިވާކަމަށެވެ. އަދި މަސްވެރިންނަށް ދީފައިވާ ފައިސާގެ ޢަދަދު 4.4 ބިލިއަނަށް އަރާކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.
ރިޔާޟް ވަނީ މަސްވެރިކަން ކުރިއަރާފައި ވީނަމަވެސް މަސްވެރިން ބާނާ މަސް ރައްކާ ކުރެވޭނެ ނިޒާމު އަދިވެސް އެންމެ ފުރިހަމައަށް ކުރިއަރާފައި ނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިސަރުކާރުން މީގެ ކުރިން އެއްވެސް ސަރުކާރަކުން މި ސިނާއަތަށް ވަސީލަތްތައް އިތުރު ނުކުރާ މިންވަރަށް އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ. މިސަރުކާރު އާއިރު މަސްގަންނަ ބޮޑެތި ކުންފުނިތައްވެސް އޮތީ ކުރިނާރާކަމަށާއި، ނަމަވެސް ސަރުކާރުން މިހާރު ހިންގާ މަޝްރޫޢުތަކާއެކު މި ސިނާއަތަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.
މިގޮތަށް ވާހަކަ ދައްކަވަމުން އޭނާ ވަނީ ހުސްވި 2022 ވަނަ އަހަރަކީ މިފްކޯގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދެއްގެ މަސްގަނެ އެންމެ ގިނަ ޢަދަދެއްގެ ފައިސާ މަސްވެރިންނަށް ދޫކުރި އަހަރުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަސްވެރިންނަށް މިދިޔަ އަހަރު އެކަނިވެސް 990.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޟް މަންސޫރު ވިދާޅުވީ، މަސްކިރާ ކާރުޚާނާތައް އަޕްގްރޭޑްކޮށް ކެޕޭސިޓީ އިތުރުކުތުމުގެ ބިޔަ ޕްރޮޖެކްޓް ސަރުކާރުން ދަނީ ހިންގަމުންކަމަށާއި، މިއާއެކު މަސްވެރިންނަށް ދޫކުރާ ފައިސާގެ އަދަދު ދެގުނަކޮށް މަސްވެރިންގެ އާމްދަނީ އިތުރުވާނެ ކަމަށެވެ.