
އީސީގެ ޑޭޓާ ބޭސްއަށް އެކްސެސް ނުވެވޭނެ، ފޯމުތަކުގެ ޞައްހަކަން ކަށަވަރުކުރާނަން: އީސީ
އެމީހަކު ރަށްވެހިވެފައިވާ ތަންނޫން އެހެންތަނަކަށް ރަޖިސްޓްރީ ވުމަށް ހުށައަޅާ ހުރިހާ ފޯމެއްވެސް ވެރިފައި ކުރާނެކަމަށާއި، މިހާތަނަށް އެކަމުގައި ސުވާލު އުފެދޭކަމެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅު ވެއްޖެއެވެ.

ކޮންމެ މީހަކުވެސް ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 2 ދުވަހުގެތެރޭގައި 25000 ހާހަށްވުރެ ގިނަ މީހުން ވަނީ ފޯމު ހުށައަޅާފައެވެ. މިއާއެކު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއާއި، ޕީޕީއެމް،ޕީއެންސީގެ ލީޑާރޝިޕުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
އިންތިހާބާއި ގުޅޭ ހުރިހާކަމެއް ބަލަހައްޓަވަމުން ގެންދަވާ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުޞަތުގައި ދެ ދުވަހުގެތެރޭ ފަންސަވީސް ހާހަށްވުރެ ގިނަ ފޯމް އެކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެ ފޯމުތަކުގެ ތެރެއިން 10000 ހާހަސްވުރެ ގިނަ ފޯމުގެ ޞައްޙަކަން ކަށަވަރު ވެފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. އަދި މަޢޫލޫމާތު ޞައްޙަކަން ކަށަވަރު ނުވާ ފަނަރަހާސް ފޯމު މިހާތަނަށް ރިޖެކްޓް ނުވަތަ ބަލައިނުގަތުމަށް ނިންމާފައިވާކަމަށް ޙަބީބު ވިދާޅުވިއެވެ.
އީސީ އިން ވިދާޅުވީ ރީ ރަޖިސްޓަރވުމަށް ހުށައަޅާ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ހުށައަޅާ ފޯމުވެސް ހުށައެޅެނީ ފޯމު ފުރަމުންދާއިރު "ލައިވް ފޮޓޯ" ނުވަތަ ވަގުތުން ފޯނުން ފޮޓޯއެއް ނަގަން ޖެހޭގޮތަށެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ކަރުދާސް ފޯމުގެ ގޮތުގައި ހުށައަޅާ ލިޔެކިޔުންތަކުގެ ސައްޙަކަންވެސް ކަށަވަރު ކުރާނެކަމަށެވެ. ޙަބީބު ވިދާޅުވީ ދެވަނަބުރުގައި ރީ-ރެޖިސްޓަރ ކުރުމަށް، އެއްފަހަރާ ގިނަ ފޯމު ނުވަތަ ފޯމު ސެޓު ގެންނަ ފަރާތްތަކުން ހުށައަޅާ ލިޔުންތަކުގެ ސައްޙަކަން ދެނެގަންނާނެ ކަމަށެވެ.
ޙަބީބު ވިދާޅުވީ ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. އެ ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅޭނެގޮތަށް މަސައްކަތްތައް ގެންދިއުމަށްކަމަށް ޙަބީބް ވިދާޅުވިއެވެ. ޙަބީބް ވިދާޅުވީ މީހެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލޭގޮތަށް ޢަމަލުކުރުމަކީ ޤާނޫނީ ކުށެއްކަމަށާއި، މިގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫން ކަނޑައަޅާފައިވާގޮތަށް ފިޔަވަޅު އަޅުއްވާނެކަމަށެވެ.
ރާއްޖޭގެ ހުރިހާ އިންތިހާބަކާއި ބެހޭ ހުރިހާކަމެއް ބަލަހައްޓަވާ އިލެކްޝަންސް ކޮމިޝަންގެ ޑޭޓާ ބޭސްއަށް އެކޮމިޝަންގެ ބޭރުން އެހެން ބަޔަކު އެކްސެސްވަމުން އަންނަ ވާހަކަތައް އެކޮމިޝަނުން ވަނީ ދޮގުކުރައްވާފައެވެ. އެކޮމިޝަނުން ދެއްވި ޔަޤީންކަމަކީ އެކޮމިޝަންގެ ޑޭޓާ ބޭސްއަށް އެހެން ބަޔަކަށް އެކްސެސް ނުވެވޭނެކަމެވެ.