
ވިނަރެސް ފްލެޓްތަކަށް ޑައުންޕޭމަންޓުގެ %15 ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ޑައުންޕޭމަންޓަށްވާ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެެވެ.

އާބަންކޯއިން ބުނީ، ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުން ޑައުންޕޭމަންޓުގެ 15 އިންސައްތަ ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ. އަދި 3 މަސްދުވަހުގެ ތެރޭގައި ޑައުންޕޭމަންޓުގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ. އަދި މިއާއެކު ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލު ކުރެވިގެން ދާނެ ކަމަށެވެ.
ވިނަރެސް އެޕާޓްމަންޓުތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އާބަންކޯއިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން، އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއެކު ކުރިއަށް ގެންދިޔަ މަޝްރޫއެއްކަން އާރބަންކޯއިން ފާހަގަކުރެއެވެ.
10 ޓަވަރުގެ މި މަޝްރޫއަކީ އާބަންކޯއިން މެދުފަންތީގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ހިންގައި، ޚިދުމަތް ފޯރުކޮށްދީފައިވާ މަޝްރޫއެވެ. ދެ ކެޓަގަރީއެއްގެ އެޕާރޓްމަންޓް ހިމެނޭ މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހުރެއެވެ.
މިމަޝްރޫއުގެ މަސައްކަތް ނިމި، އެޕާރޓްމަންޓްތައް ގަތް ބައެއް ފަރާތްތަކަށް މިހާރުވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ.