ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްލުން ކުރިއަށް ދަނީ / ފޮޓޯ:އީސީ

ދެވަނަ ބުރަށް 47000 އަށްވުރެ ގިނަ ފޯމް ރީ-ރަޖިސްޓްރީކުރަން ހުށަހެޅައިފި

ހޯމަ 18 ސެޕްޓެމްބަރ 2023 | އަހުމަދު ދާއޫދު

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ރީ-ރަޖިސްޓްރީކުރަން 47000 (ސާޅީސް ހަތްހާހަށް) ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

Advertisement


އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަލްފާޟިލް އިސްމާޢިލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގައި ހުށައެޅި ފޯމުތަކުގެ ތެރެއިން 19000 ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި 27 ހާހަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، ސައްހަކަން ކަށަވަރުވީހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ ކަމަށެވެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާއި ޙިއްޞާ ކުރާނެ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ރާއްޖޭގައި ބޭއްވޭ އެންމެހައި އިންތިހާބުތަކާއި ބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓަވަމުން ގެންދަވާ މައި އިދާރާ އިލެކްޝަން ކޮމިސަނުން މައުލޫމާތު ދެއްވި ގޮތުގައި ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީންނެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 42867 މީހުން ރީ-ރަޖިސްޓްރީކުރަން ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނެނީ އޮންލައިންކޮށް ހުށަހެޅި 22882 ފޯމާއި، ފޯމް މެދުވެރިކޮށް ހުށަހެޅި 19985 ފޯމެވެ. މިބުރުގައި 35849 މީހުން ރީރަޖިސްޓްރީކޮށްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ. ފުރަތަމަ ބުރުގައި ރީ ރަޖިސްޓްރީ ކުރުމަށް އެއްމަސްދުވަހަށްވުރެ ދިގު މުއްދަތެއް ދިނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.