އީސީގެގެ ބައެއް މެމްބަރުން / ފޮޓޯ:އީސީ

ދެވަނަ ބުރު ބާއްވަން ބޭނުންވާ ބަޖެޓު ހަމަޖެހިއްޖެ: އީސީ

ހޯމަ 18 ސެޕްޓެމްބަރ 2023 | އަހުމަދު ދާއޫދު

މިމަހުގެ 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ބޭނުންވާ ބަޖެޓު ފިނޭންސް މިނިސްޓްރީން ހަމަޖައްސައި ދެއްވައިފިކަމަށް އިލެކްޝަން ކޮމިޝަން، އީސީ އިން ވިދާޅުވެއްޖެއެވެ.

Advertisement


މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް، އިލެކްޝަން ކޮމިޝަނުން އަންދާޒާ ކުރަނީ 44 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އެ ބަޖެޓުގެ ތެރެއިން އެއްބަޔަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ކަނޑައެޅި ބަޖެޓުން ބާކީކުރެވުނު ބައެކެވެ.

ސަރުކާރުގެ މީޑިޔާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ގާތްގަނޑަކަށް 23 މިލިއަން ރުފިޔާ ބާކީކުރެވުނުކަމަށާއި، އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ހުށައެޅުއްވީ އިތުރު 25 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި ދެއްވުމަށްކަމަށެވެ. އެ ޢަދަދަށް ފައިސާ ހަމަޖައްސައިދެއްވުމަށް ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގަތީ، އިންތިޚާބުގެ އިދާރީ މަސައްކަތުގެ އިތުރުން އިންތިޚާބަށް ޢާންމުން ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފައިސާއާއި އެކުކަމަށް ޙަސަން ވިދާޅުވިއެވެ.

މިކަން މިހެން އޮތްކަމުގައި ވިޔަސް ފިނޭންސް މިނިސްޓްރިއާއެކު ކުރެވުނު މަޝްވަރާތަކުން އެއްބަސްވުމަށް އާދެވުނީ، 18 މިލިއަން ރުފިޔާގެ ބަޖެޓަކަށްކަމަށް ޙަސަން ވިދާޅުވިއެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން އެދުނު ޢަދަދަށްވުރެ ގާތްގަނޑަކަށް 7 މިލިއަން ރުފިޔާގެ މަދު ޢަދަދެކެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ހަމަޖެހުނު ބަޖެޓުގެ ޖުމްލައަކީ ގާތްގަނޑަކަށް 41 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ފޮނުއްވީ 120 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ދައުލަތުގެ ފާސްކުރެއްވިއިރު އިންތިޚާބު ބޭއްވުމަށް ދެއްވާފައިވަނީ 90 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.