
ވަކި މިނިސްޓްރީއެއް ކައުންސިލްތަކަށް އުފެއްދުމުން މަރުކަޒީ ނިޒާމަށް އަނެއްކާވެސް ބަދަލުވާނެ: ރައީސް
ރާއްޖޭގެ އަތޮޅުތަކުގެ ކައުންސިލްތައް ބާރުވެރިކުރުމުގެ ނަމުގައި ވަކި މިނިސްޓްރީއެއް ހެދުމަކީ، ބިރުވެރިކަމެއް ކަމަށާއި އެއިން ފެންނަނީ ބާރުތައް އަނބުރާ މާލެއަށް ޖަމާކުރެވޭތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޙާބުގެ ކެމްޕެއިން ހަރަކާތެއް ހެންވޭރުގައި ކުރިއަށް ގެންދަވަމުން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މިފަދަ ނިންމުމެއްގެ ސަބަބުން ބާރުތައް މަރުކަޒު ވެގެންދާނެކަމަށެވެ. މިއީ ރާއްޖޭގެ ތަރައްޤީއަށް އެޅޭނެ އެންމެ ބޮޑު އެއް ހުރަސްކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓުގެ ސިޔާސަތުގައި ކައުންސިލްތަކަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަވާނެކަމަށް ވިދާޅުވުމުން، އެކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ކުރީ ސަރުކާރުގައި ކައުންސިލްތަކާއި މެދު ޢަމަލުކުރި ގޮތް ފެނިވަޑައިގެންނެވި ކަމަށާއި، އޭރު ކައުންސިލަރުން ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރުތައް ނަގާ، މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ބާރު ކަނޑުވާލިކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ވިދާޅުވީ މިސަރުކާރުން ކައުންސިލްތައް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް، އެ ބާރުތައް ކައުންސިލަށް އަނބުރާ ދޫކޮށްލެއްވި ކަމަށެވެ. އެގޮތުން ކަންކަމުގައި ގޮތް ނިންމުމުގެ މިނިވަންކަން ކައުންސިލްތަކަށް ދެއްވާ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދެއްވި ކަމަށެވެ.
"އަނެއްކާވެސް ފެންނާނީ ބާރުތައް މާލެއަށް ޖަމާވާތަން. އެއީ ބިރުވެރި ކަމެއް. އެއަށް ފުރުޞަތު ލިބިއްޖެއްޔާ އަނެއްކާވެސް ދާނީ އަހަރުތަކެއް ފަހަތަށް." ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.
މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، ކައުންސިލްތަކަށް ބާރުތައް ދޫކޮށްލެއްވުމަށް ލާމަރުކަޒީ ޤާނޫނަށް ވަނީ އިސްލާހު ގެންނަވާފައެވެ. އެގޮތުން މާލީ ބާރުވެރިކަން ދެއްވުމާއި، ކަންކަމުގައި ގޮތް ނިންމުމުގެ ބާރުވެސް ވަނީ ދޫކޮށްލައްވާފައެވެ.