ޔޮޓްތައް އެޅުމަށް ހާއްޞަ ފަޅެއް ހިއްކަށް ފަށައިފި / ފޮޓޯ:ސޯސަލްމީޑިޔާ

ސަފާރީތަކަށް ޙާއްޞަކޮށްގެން "ދިޔަނެރު" ފަޅު ހިއްކަން ފަށައިފި

އަންގާރަ 19 ސެޕްޓެމްބަރ 2023 | އަހުމަދު ދާއޫދު

ސަފާރީ އުޅަދުތަކަށް ޚާއްސަ ބަނދަރެއް ހެދުމަށްޓަކައި "ދިޔަނެރު" ފަޅު ހިއްކަން ފަށައިފިއެވެ. ސަފާރީ ބޯޓުތައް އަޅާނެ ވަކި ޚާއްސަ ތަނެއް ނޯވެއެވެ. އެހެންކަމުން މި އުޅަނދުތައް މިވަގުތު އަޅަމުންދަނީ ހުޅުމާލެއާއި މާލެ އާއި ގުޅީ ފަޅުގައެވެ.

Advertisement


ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެ ސަފާރީތަކަކީ ވެސް މިހާރު މި ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ އުޅަނދުތަކެކެވެ. ސަފާރީތަކާއި ޔޮޓްތައް އިތުރުވެ، މި ވިޔަފާރިން އާމްދަނީ ހޯދާ މީހުންގެ ޢަދަދު މިހާރު ވަރަށް ބޮޑަށްވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް މި ވިޔަފާރި ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އަބަދުވެސް އޮތީ، އެ އުޅަނދުތަކަށް ބޭނުންވާ އެކަށީގެންވާ ޚިދުމަތް ނުލިބުމެވެ.

ވިޔަފާރިވެރިންގެ ޝަކުވާތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ، ބޯޓުފަހަރު އެޅުމަށް ދިޔަނެރު ފަޅު ކައިރިން ތަނެއް ތަރައްޤީ ކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ. ދިޔަނެރު ފަޅު ހިއްކަން ފެށުމުން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، މިހާރު މި ފެށުނީ ސަފާރީތަކަށް ބަނދަރެއް ލިބުމުގެ މަސައްކަތްކަމަށެވެ. މި ބަނދަރު ނިމިގެން އައުމުން މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަކުރެއްވި ގޮތުގައި މިއީ ގިނަ ދުވަސްވީ އުންމީދެއްގެ ފެށުންކަމަށާއި، މިކަން ނިމުމުން އިންޑަސްޓްރީއަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެކަމަށް ބޯޓިން އެސޯސިއޭޝަނުން ފާހަގަކުރެއެވެ. ސަފާރިތަކަށް ޚާއްސަ ބަނދަރެއް މިހާތަނަށް ރާއްޖޭގައި ތަރައްޤީ ކުރެވިފައެއް ނުވެއެވެ. މި ސިނާއަތަށް 50 އަހަރު ވެގެންދިޔައިރު އެކި ސަރުކާރުތަކަށް މިކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ދިޔަކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ދިޔަނެރު ފަޅު ތަރައްޤީ ކުރާނީ، މިފަދަ ތަނަކުން ލިބޭނެ ފުރިހަމަ ޚިދުމަތާއި އެކުކަމަށެވެ. އެގޮތުން އުޅަނދު އަޅާފައި ބޭއްވުމާއި، ތެޔޮ އެޅުމާއި، އުޅަނދު އަޅާފައި އޮންނައިރު ކަރަންޓުގެ ޚިދުމަތާއި، ފެން ލިބޭނެ އިންތިޒާމާއި، ނަރުދަމާއާއި ގުޅުންހުރި ޚިދުމަތް އަދި އުޅަނދުފަހަރުން ފަސޭހައިން ކުނި މެނޭޖްކުރެވޭނެ ނިޒާމެއްވެސް ޤާއިމުކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.