ރައިސްޔާމީނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

ޑރ. މުއިއްޒުއަށް ވެރިކަން ދިނަސް، އިންޑިއާ އައުޓެއްވެސް ނުކުރާނެ! ޗާގޯސް ހޯދާކަށްވެސް ނޫޅޭނެ!.

ހުކުރު 29 ސެޕްޓެމްބަރ 2023 | މޫސަ

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ، ރާއްޖޭގައި ބޭއްވޭ އެންމެ މިނިވަން އިންސާފުވެރި އަދި ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓުލާން ލިބޭ ފަހަރުކަމުގައި އިދިކޮޅު މީހުންނާއި އެއްކޮޅު މީހުންވެސް އެއްބަސްވެއެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ދައްކާނޭ ވާހަކައެއް ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ނުވެސް ނެތެވެ. ސަބަބަކީ މިއިން ޒަމާނެއްގައިވެސް ރާއްޖޭގެ އަތޮޅުތަކުގައި ތަރައްޤިގެ މަޝްރޫޢުތައް ހިންގިފައި ނުވާ މިންވަރަށް މިސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައި ވުމެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ހާލަތަށްފަހު، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމުގައިވާ، ކޯވިޑް-19 ސަރުކާރުން މެނޭޖްކޮށް އެހެން ޤައުމުތަކުގެ އާއްމު ރައްޔިތުން ވެއްޓިގެން ދިޔަ ޙާލަތަށް ރާއްޖެ ވެއްޓުނަ ނުދިނުމެވެ. 2 އަހަރުވާންދެން މުޅިދުނިޔެ ބަންދުވެފައި އޮތް، ކޯވިޑް-19ގެ ފުރަބަންދުތަކުގެ ދުނިޔޭގެ ޤައުމުތައް ވީއްލި ހުޅުވައިލެވުނުތާ 2 އަހަރު ވީއިރު، އެހަނދާންވެސް މިހާރު ދިވެހިންގެ ނެތެވެ.

Advertisement


ސިޔާސީ މަޝްރަހުގައި ފާއިތުވި ރިޔާސީ އިންތިޚާބުތަކުގައި، ކެންޑިޑޭޓުން ނުކުމެ ވިއްކީ، އަނިޔާގެ ވާހަކައެވެ. މިނިވަންކަމެއް ނެތްކަމުގެ ވާހަކައެވެ. ކޯލިޝަންތައް ހަދާފައި ވެރިކަން ލިބުނީމާ ވެރިއަކަށް ހުންނަ މީހާ އަނިޔާވެރިވެ ވެރިކަމުގައި އެކަނި ބަގުޑިބައްދާކަމުގެ ވާހަކައެވެ. ރައްޔިތުންނަށް އަސާސީ ޚިދުމަތް ނުލިބޭ ވާހަކައެވެ. އެކަމަކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ 5 އަހަރު ނިމިގެން ދިޔައިރު، ސިޔާސީ ލީޑަރުންނަށް އެމޭރުމުން ގޮސް ރައްޔިތުން ގާތު ވޯޓުހޯދަން ދެއްކޭނެ ވާހަަކައެއް ނެތެވެ. ވީމާ، ރައިސް ސޯލިޙާއި އެކު ރިޔާސީ އިންތިޚާބާއި ހަމައަށް ތިބި ކޯލިޝަން ލީޑަރުން ރައީސުލްޖުމްހޫރިއްޔާ އާ ދެކޮޅުވެ ރިޔާސީ އިންތިޚާބަށް ނުކުންނެވީމާ އެމީހުން ހުއްޓުވާކަށް ރައީސް ސޯލިޙްއެއް މަސައްކަތެއް ނުކުރެއްވިއެވެ. އެމީހުންނާއި މެދު ބަސް ބުނަން ފުރުޞަތު ދެއްވީ ރައްޔިތުންނަށެވެ. 8 ކެންޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އާއެކު މިސަރުކާރުގެ ކޯލިޝަންތެރޭގައި ތިއްބެވި 3 ފަރާތަކުން ކެންޑިޑޭޓުން ނެރުނެވެ. ޖުމްހޫރީޕާޓީން ޤާސިމެވެ. އެމްއާރްއެމްއިން ފާރިޝް މައުމޫނެވެ، ރައީސް ނަޝީދުގެ ފަރާތުން އިލްޔާސް ލަބީބެވެ. އަދި ސަރުކާރާއި އެކުގައި މަސައްކަތް ކުރައްވާފައި ނުކުންނެވި ނާޒިމެވެ. އެބޭފުޅުންނަށް ރައްޔިތުން ވޯޓުން ދިން ޖަވާބު މާ ސާފެވެ. ޤައުމަށްޓަކައި ދީނަށްޓަކައި ރައްޔިތުންނަށް ވިއްކަވާނެ އެއްޗެއް، ދޭނެ އެއްޗެއް އެބޭފުޅުންގެ އަތުގައި ނެތެވެ.

ޕީޕީއެމް ޕީއެންސީވެސް ސިޔާސީ މިނިވަންކަމާއި، ތަރައްޤީއާ، ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅޭ ގޮތުން ރައްޔިތުންނަށް ވިއްކާނެ އެއްޗެއް ނެތެވެ. އެހެންވެ މިހާރުވެސް ދިވެހިންގެ ރާއްޖޭގެ ގޮތުގައި އޮތް، ރާއްޖެ ދިވެހިންނަށް ހޯދައިދޭން ކަމަށް ބުނެ ކެމްޕޭން ފެށީ އެސްލޯގަންގައެވެ. އެހެނަސް ހަޤީޤަތަކީ، ދިވެހީން މިތިބީ ދިވެހިން އެދޭ ދިވެހީންގެ ރާއްޖޭގައި ކަމެވެ. ހަމަޖެހުމާއި އަމާންކަން އެބަ އޮތްކަމެވެ. ބޭރުގެ ފަރާތަކަށް މިޤައުމުގެ ބިން މިލްކުނުކުރޭނެ ގޮތަށް ޤާނޫނު ބަދަލު ކުރީ މިސަރުކާރުން ކަމެވެ. އެހެން ޤައުމަކުން އެދިގެން ނުވަތަ އެހެން ޤައުމެއް ރުއްސަން، ދުނިޔޭގެ އެއްވެސް ޤައުމަކާ ދިވެހިރާއްޖެއިން ގުޅުން ކަނޑައި ނުލާކަމެވެ. އެހެންވެ ދެން އިދިކޮޅަށް ވިއްކޭނެ އެއްޗެކަމަށް އެމީހުންނަށް ފެނުނީ އިންޑިއާއާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމާއި، ޗާގޯސް މައްސަލައިގެ ހަޤީޤަތް އޮޅުވާލުމެވެ. ދިވެހިންގެ ހިތްތަކުގައި އޮތް ޤައުމިއްޔަތާއި ވަޠަނިއްޔަތުގެ ރޫޙްޖެ ޖަޒްބާތު ކައްކުވައިގެން ނޫނީ ވެރިކަމަށް އާދެވޭނެ ގޮތެއް އިދިކޮޅަކަށް ނުފެނުނެވެ.

ހުރިހާ ޒަމާނެއްގައިވެސް އިންޑިއާކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަވައްޓެރި ޤައުމެވެ. ދިވެހިރާއްޖޭގެ ޚާރިޖީގުޅުންތައް ތިލަފަތް ހަމަގޮތެއްގައި ބޭއްވި ހުރިހާ ޒަމާނެއްގައި އިންޑިއާއިން ދިވެހިރާއްޖެއާ މެދު ޝައްކުގެ ނަޒަރަކުން ނުބަލައެވެ. ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރެއިން އިންޑިއާގެ ކަނޑުގެ ސަލަމާތާއި ރައްކާތެރިކަމަށް ބުރުލެއް އަރާފާނެ ކަމެއް ހިނގުމަށް ރާއްޖެއިން ފުރުޞަތު ނުދޭނެކަމުގެ ޔަޤީންނަށް އިންޑިއާއަށް އޮތެވެ. އެހެން ނަމަވެސް ޗައިނާގެ އުނގަށް ރާއްޖޭގެ އިޤުތިޞާދު ވައްޓާލެއްވުމަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރި މަސައްކަތާއި، ސަޢޫދީން އެދުނުގޮތަށް ރާއްޖެއިން ޤައުމުތަކާއި ގުޅުންތަން ކަނޑަން ފެށުމަކީ، ޚުދު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި މެދު އެހެން ޤައުމުތަކުންވެސް ޝައްކުގެ ނަޒަރުން ބަލަންޖެހުނު ސަބަބެވެ.

ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުަމަށް ފަހުވެސް އެންމެ ފުރަތަމަ ވަޑައިގެންނެވީ އިންޑިއާއަށެވެ. އޭރު ރާއްޖެ އޮތީ ޑީސަލާއި ޕެޓްރޯލަށް ޖެހިފައި ކަމުން، އިންޑިއާ ސަރުކާރަށް ރައީސް ޔާމީން އާދޭސް ދެންނެވީ، ބާރަތު ޕެޓްރޯލިޔަމްއިން ރާއްޖެއަށް ހެޔޮއަގެއްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާށެވެ. އަދި ރާއްޖެއަށް ދޭ ކާޑުގެ ކޯޓާ އިތުރުކޮށްދެއްވާށެވެ، މީގެ އިތުރުން ދުނިޔެއަށް ބޮޑުވަމުން އަންނަ ޓެރަރިޒަމްގެ ނުރައްކާތަކާއި އެކު، އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމަށް ރައީސް ޔާމީނު އެދިވަޑައިގެންނެވިއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބިނަމަ ތިބީ އެކި ސަރުކާރުތަކުން އެދިގެން އެސަރުކާރުތަކުން އެދުނު މިންވަަރަށެވެ.

އެކަމަކު ވެރިކަން ގެއްލުމުން އަލުން ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ރައީސް ޔާމީނު ފެއްޓެވީ އިންޑިއާ އައުޓް ކެމްޕޭނެވެ. ޑރ މުއިއްޒުގެ ކެމްޕޭނުގެ މައިގަނޑު މިސްރާބަކަށްވެސް އެނޫން އެއްޗެއް ހައްދަވައިގެން ރައްޔިތުންގެ ގާތުގައި ދައްކާނެ ވާހަކައެއް ނެތީއެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލެނީ ކަމުގައި ޕީޕީއެމްއިން ދައްކާ ވާހަކަތަކަށް ހެއްލިގެން ރައްޔިތުން މުއިއްޒު ވެރިކަމަށް ގެނައި ނަމަވެސް އިންޑިއާއާއި ދެކޮޅަށް ޑރ މުޢިއްޒު އެއްކަމެއްވެސް ނުކުރައްވާނެއެވެ. އަދި ރައިސް ޔާމީން ފަދައިން، އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ވަޑައިގަންނަވާނީވެސް އިންޑިއާއަށެވެ. އެއީ ދިވެހިން އިންޑިއާމެދު ނުރުހިގެން އިންޑިއާއަށް ގެއްލޭނެ އެއްޗެއް ނެތަސް ދިވެހިންނާއި މެދު އިންޑިއާއި ނުރުހުންވެ ގުޅުން ކަނޑާލައިފިނަމަ ދިވެހިރާއްޖޭގެ ރައްޔިތުން ތަދުމަޑުކަމުގައި ޖެހި ޤައުމުގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެގެންދާނެތީއެވެ.

ރާއްޖެއަކީ ފުޑް ސެކިއުރިޓީއެއް އޮތް ޤައުމެއް ނޫނެވެ. އަސާސި ކާބޯތަކެތީގެ %95 އެތެރެ ކުރަނީ އިންޑިއާއިންނެވެ. ރާއްޖެއަށް ހަނޑޫ ހަކުރު ފުށް އިންޑިއާއިން ވިއްކަނީ، ވަކިކޯޓާއެއްގެ ދަށުންނެވެ. އެއީ އިންޑިއާއަށް ބޭނުންވާ ވަރަށް ކާބޯތަކެތި ނުއުފެއްދޭތީ ކާބޯތަކެތި އެކްސްޕޯޓްކުރުމުގައި އިންޑިއާއިން ގެންގުޅެމުން އަންނަ ހިފެހެއްޓުމެކެވެ. އެހެން ނަމަވެސް ކޯވިޑް-19ގެ ވަގުތުގައިވެސް، އިންޑިއާގެ އަވަށްތަކުގައި ރައްޔިތުން ބަނޑަށް ހާންތިވަމުން ދިޔައިރު، ރާއްޖެ އެދަރަޖައަށް ވެއްޓުނަ ނުދޭން، އިންޑިއާގެ އަސްކަރީ މަނަވަރުތަކުގައި ރާއްޖެއަށް ކާބޯތަކެތި އުފުލިއެވެ. މުޅި މާލެއިން ފެން ކެނޑުނު ދުވަހު އަސްކަރީ މަތިންދާ ބޯޓުތަކުގައި މާލެއަށް ފެން އުފުލިއެވެ.

ރަށަކުން މީހަކު ހާލު ބޮޑުވެއްޖިއްޔާ އެފުރާނައެއް ސަލާމަތްކުރަން ބޭނުންކުރަން ޖެހެނީ އިންޑިއާއިން ދީީފައި އޮތް ހެލިކޮޕްޓަރާއި މަތިންދާ ބޯޓެވެ. އެތަކެތި ރާއްޖެ ގެނައީ، ކުރީގެ ސަރުކާރުތަކުންނެވެ. އެތަކެއްޗަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ އެއްޗެއްކަމަށް ރައީސް ޔާމީނަށް މިހާރު ފެނިވަޑައިގަންނަވާއިރު، ވެރިކަމުގައި ރާއްޖެއަށް އަސްކަރީ ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތައް ނުހޯއްދެވީ ކީއްވެ ހެއްޔެވެ؟ ޚުދު އެސުވާލަށް ރައީސް ޔާމީނުގެ ވެރިކަމުގައި، އެމަނިކުފާނުވެސް ޖަވާބު ދެއްވިއެވެ. އެއީ ވައިގެ އަސްކަރީ ވިންގެއް ހިންގާނެ ފަދަ ތަނަވަސްކަމާއި، ފަންނީ މީހުންނާއި ވަޞީލަތްތައް ރާއްޖޭގައި ނެތުމެވެ. އެކަމަށް ދިވެހިން ދައުލަތުގެ ކެރިފޯރުންތެރިކަމެއް ނެތުމެވެ. އެހެންވީމާ، ރަށްރަށުގައި ހާލުބޮޑުވާ ބަލިމީހާ އުފުލޭނެ އަވަސް ގޮތެއް ހޯދަންޖެހެއެވެ. އެހެންނޫނީ ސިޔާސީ މީހުންނަށް ރައްޔިތުން ދެވަނަ ފަހަރަކަށް ވޯޓެއް ނުދޭނެއެވެ.

އިންޑިއާ ގުޅުން ކަނޑާލައިގެން ދިވެހިރާއްޖެއަށް މޮޅެއް ނުހޯދޭނެއެވެ. ޚުދު ޑޮކްޓަރ މުހައްމަދު މުޢިއްޒުއަށްވެސް އެކަން އެނގިވަޑައިގަންނަވާނެއެވެ. އެހެންވެ މިހާރު ކެމްޕޭނުގައި އެދައްކަވާ ހުރިހާ ވާހަކައެއް އާޚިރުގައި ވެގެންދާނީ ސައިބޯނި ބޮތްކަކަށެވެ. އިންޑިއާ އާދެކޮޅު ރޫޙެއްގައި ނެރުނު މީހުންނަށް ކުރާނެ މަލާމާތަކަށެވެ. ހަޤީޤަތަކީ އިންޑިއާއާގުޅޭ ގޮތުން ކެމްޕޭނުގައި ފަތުރާ ހުރިހާވާހަކައެއްގެ ބޭނުމަކީވެސް ރައްޔިތުންގެ ޖަޒްބާތު ކައްކުވައި ވޯޓު ހޯދުންކަމުގައި ވާތީއެވެ.

ދެން އޮތީ ޗާގޯސް ކަނޑު ވިއްކާލި ކަމަށް ބުނެ ފަތުރާ ޕްރޮޕެގެންޑާއެވެ. ޚުދު ޑރ، މުއިއްޒު އެމަނިކުފާނުގެ ކެމްޕޭނާއި މެނިފެސްޓޯގައިވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯއްދެވުމަށް ހުށައަޅުއްވާނެ ކަމުގައި ވިދާޅެއް ނުވެއެވެ. އަދި ކަނޑުން ގެއްލުނުބައި ހޯއްދަވާނެ ކަމަށް ވިދާޅުވާއިރު، ޗާގޯސްގެ މިލްކުވެރިކަން ރާއްޖެއަށް ނުލިބޭނަމަ، ޗާގޯސްކަނޑުން މިހާރު ލިބިފައި އޮތް މިންވަރަށް ވުރެ އިތުރަށް އެންމެ އިންޗިއެއްވެސް ރާއްޖެއަށް ނުލިބޭނެއެވެ. އޭގެ ސަބަބަކީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމުގައި، އދ. އާއި ދުނިޔޭގެ 113 ޤައުމުން ބަލައިގެންފައި އޮތުމެވެ. އެހެންވީމާ ޗާގޯސްގެ ބެހިމް ފަރުން ފެށިގެން، އައްޑޫ ހިތަދޫ ފަރާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ދެޤައުމަމަށް ހަމަޔަށް ނުބަހައި ވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ޗާގޯސް ކަނޑުވިއްކާލީ ކަމުގައި ބުނެ އިދިކޮޅުން ދައްކާ ވާހަކައިގައި އެބައި އަނބުރައި ހޯދަން ކުރެވޭނެ ކަމެއްގެ ވާހަކައެއް ނުދައްކައެވެ. ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދާނެ ކަމަށް ބުނެފިނަމަ، އެހުޅުވައި ލެވެނީ ދިވެހިން އެކަމަކަށް ބޭނުން ނުވާނޭ ކަންތައްތަކެއް ރާއްޖެއަށް ވެއްދުމުގެ ވާހަކައެވެ. ދިވެހިންނަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބޭނަމަވެސް ލިބޭނީ ޗާގޯސިއަނުންނާއި އެކީގައެވެ. އޭރުން ދިވެހިރާއްޖޭގެ 100% މުސްލިމްކަން ގެއްލޭނެއެވެ. ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެންކަމުގައި ޤާނޫނުގައި އޮތް މާއްދާ ބަދަލު ކުރަންޖެހޭނެއެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ، ޑރ މުޙައްމަދު މުޢިއްޒުވެސް މިމޭރުމުން މިވާހަކަ ތަކުރާރު ކުރައްވާނެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލަން ކުރިންވެސް މަސައްކަތް ކުރީ ރައީސް ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްއިންނެވެ. އެއީ ބޭރުގެ ފަރާތްތަކަށް ބިން މިލްކުރެވޭ ގޮތަށް މެމްބަރުންނަށް ފައިސާ ބަހައިގެން ޤާނޫނު އަސާސީ އިސްލާޙްކޮށްގެންނެވެ. އެހެން ޤައުމުތައް އެދޭ ގޮތަށް ޤައުމުތަކާއި ސިޔާސީ ގުޅުންތައް ކަނޑާލައިގެންނެވެ.

ރިޔާސީ އިންތިޚާބުގެ އެންމެ މުހިއްމު ވަގުތާއި ޖެހިފައި އޮތް އިރު މިއީ ރައްޔިތުން ވިސްނާ ފިކުރު ހިންގާލަން ޖެހޭނެކަމެކެވެ. ވެރިކަން ލިބުނީމާ ކުރިން ބުނި އެތި ކެންސަލްއޭ ބުނެ މީޑިއާގެ ކުރިމަތީގައި ހިނިގަނޑެއް ޖަހާލާމަންޒަރު ފެނުންވާނީ، ރައްޔިތުންނަށް ކުރެވޭ މަލާމާތަކަށެވެ. އޭރުން 2028 ވަނަ އަހަރު އަނެއްކާވެސް ރައްޔިތުން ގޮވަން ޖެހޭނީ ބޭނުން ވަނީ، "މުއިއްޒު ނޫންގޮތެއް" ކަމަށެވެ. 






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.