ދިވެހި ފުޓްބޯޅަ ކުރިއަރުވަން ބޭނުންވަނީ ރަނގަޅު ހަރުދަނާ ލީޑަރޝިޕެއް / ފޮޓޯ:ސޯސަލްމީޑިޔާ

ދިވެހި ފުޓްބޯޅަ – ބޮޑު ބަދަލަކަށް ބޭނުންވެފައި

ބުރާސްފަތި 19 އޮކްޓޯބަރ 2023 | އަހުމަދު ދާއޫދު

ދިވެހިންނަކީ ފުޓްބޯޅައަށްޓަކައި އެބައި މީހުންގެ ހިތުގައި ނުހަނު ބޮޑު ލޯތްބަކާއި ޝަޢުޤުވެރިކަމެއް ދެވިފައިވާ ބައެކެވެ. ދިވެހިންގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅައެވެ. ދިވެހިނގެ ލޭ ކައްކުވާލަދޭ ޖޯޝާއި ފޯރި ގެނެސްދޭ ހަމަ އެކަނި ކުޅިވަރަކީވެސް ފުޓްބޯޅައެވެ.

Advertisement


ކޮންމެވެސް ކަހަލަ ކަންތައްތަކަކާއި ގުޅިގެން ދިވެހިންގެ ހިތުގައި ދިވެހި ފުޓްބޯޅައަށް އޮތް ލޯއްބާއި ޞަޢުޤުވެރިކަމަށް މިއަދު މިވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. މިހެން ކަމާއިއެކު ދިވެހި ފުޓްބޯޅައަށް މިވަނީ ބޮޑު ބަދަލަކަށް ބޭނުންވެފައެވެ.

ދިވެހި ފުޓްބޯޅައިގެ މައި ޢިދާރާގެ ހިންގުން ހަރުދަނާކުރަން ޖެހޭ

ވޭތުވެ ދިޔަ އަހަރުތަކުގައި އެންމެ ގަދައަށް ދެކެވުނު އަދި އެންމެން ދަންނަ ބޮޑު ސިއްރަކަށް ވެގެން ދިޔައީ ދިވެހި ފުޓްބޯޅައިގެ މައި އިދަރާކަމަށްވާ ފުޓްބޯލް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރަމުން ނުގެންދާކަމެވެ. ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް ރަނގަޅު ޕްލޭނެއް ނެތް ތަނުގައި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ޓަކައި ބަޔަކު މީހުން ރަނގަޅު ޚިޔާލެއް މަޝްވަރާއެއް ދިނަސް އެކަމަކަށް އިޖާބަ ނުދޭކަމެވެ.

ދިވެހި ފުޓްބޯޅަ ކުރިއަރުވަން ބޭނުންވަނީ ރަނގަޅު ހަރުދަނާ ލީޑަރޝިޕެއް / ފޮޓޯ:ސޯސަލްމީޑިޔާ

ދިވެހި ފުޓްބޯޅައިގެ މައި ޢިދާރާގެ މަސައްކަތްތައް ބައްޓައް ކުރަމުން ގެން ގޮސްފައި ވަނީ އެ އެސޯސިއޭޝަންގެ އިސްވެރިންނަށް މަޤާމުގައި ގިނަ ދުވަހު ތިބެވޭނެގޮތެއް ހޯދާ އެމަގުން ކަންތައްތައް ބައްޓަށް ކުރެވޭތޯއެވެ. އެގޮތުން މާލޭގެ ބައެއް ކުލަބުތަކަށް މިލިއަނުން ޚަރަދުކޮށް މަޤާމު ދިފާޢު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދިޔަތަނެވެ. މިކަންތައްތަކުގެ ނަތީޖާއަކަށް ވެގެން މިދިޔައީ ދިވެހި ފުޓްބޯޅަ މިއިން ދުވަހަކުވެސް ދަށަށް ނުދާހާ މިންވަރަށް ދަށަށް ދިޔުމެވެ.

މިކަމުގެ އެންމެ ކުލަގަދަ ހެއްކެއްގެ ގޮތުގައި 10 މީހުންނާއި އެއްކޮށް ކުޅުނު ބަގުލަދޭޝް ޓީމުގެ އަތުން ބަލިވެ ވޯޑްކަޕް ކޮލިފައި ވުމަށް ކުޅޭ ގުރޫޕް ސްޓޭޖަށް ނުގޮސް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ކަޓައިގެން ދިޔަދިޔުން ހިމެނެއެވެ. ހަމަ އެހެންމެ ދިވެހި ކުލަބުތަކުން ވާދަކުރަމުން ގެންދާ ބޭރުގެ މުބާރާތްތަކުން ހޯދަމުންދާ ދަށް ނަތީޖާތަކާއި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ މުބާރާތް އެއްވެސް ރޭވުމެއް އިންތިޒާމެއްނެތި ކުރިއަށްދާ ދިއުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ މުބާރާތުގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.

ދިވެހި ފުޓްބޯޅަ ކުރިއަރުވަން ބޭނުންވަނީ ރަނގަޅު ހަރުދަނާ ލީޑަރޝިޕެއް / ފޮޓޯ:ސޯސަލްމީޑިޔާ

ދިވެހި ފުޓްބޯޅައިގެ މައި ޢިދާރާގެ އެންމެ ބޮޑު އަނެއް ފެއިލާއަކަށް އެ ޢިދާރާ ދަރަނި ވެރިވެފައިވާ ދަރަނިވެރިވުމުން އެކަނި ބަލާލިކަމުގައި ވިޔަސް ފުދޭނެއެވެ. ޤައުމީ ޓީމަށް ކޯޗުންގެ ގޮތުގައި ހަމަޖައްސާ ގިނަ ކޯޗުންނަށް ބަރާބަރަށް މުސާރަ ނުދެވި ފީފާއާއި ހިސާބަށް މައްސަލަތައް ގޮސް އެއިދާރާއިން އެފްއޭއެމްއަށް ފައިސާ ދައްކަށް އަމުރުކުރާ ހިސާބަށް ދިއުމަކީ ލަދުވެތި ކަމެކެވެ.

މިއަދު ދިވެހި ފުޓްބޯޅައިގެ މައި ޢިދާރާ ދިފާޢު ކުރުމަށް މަސައްކަތް ކުރާނެ ބަޔަކު ނެތް ނަމަވެސް މިހާހިސާބަށް އެފްއޭއެމް ދިއުމުގައި މިއަދު އެ އިދާރާގައި މަސައްކަތް ކުރަމުން އަންނަ އިސް ފަރާތްތަކުން ޒިންމާ ނަގަން ޖެހޭނެކަމީ އެންމެން ދަންނަ ޙަޤީގަތެކެވެ. އަދި އެފަދަ ފަރާތްތަކަށް މިކަމުން ރެކެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.

މިހެންކަމާއި އެކު ދިވެހި ފުޓްބޯޅަ މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް އެންމެ މުހިއްމުކަމަކީ ދިވެހި އެފްއޭއެމް ހިންގުމަށް މިހާރު އޮތް ލީޑަރޝިޕް އެއްކޮށް ބަދަލުކޮށް މުޅިން އައު ލީޑަރ ޝިޕެއް ގެނައުމެވެ. މި ގެނެވޭ ލީޑަރޝިޕް ވާން ޖެހޭނީ ވަކި ބަޔަކަށް ނުވަތަ ވަކި ކުލަބުތަކަކަށް އިސްކަން ނުދޭ، ރާއްޖޭގެ ހުރިހާ ކުލަބަކަށްވެސް އޮންނަ އުސޫލަކާއި ޤާވާޢިދެއްގެ ތެރެއިން ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު އަހަމިއްޔަތުކަން ދޭނެ ބަޔަކަށެވެ.

ރާއްޖޭގެ އަތޮޅުތަކަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ

ދިވެހި ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ރާއްޖޭގެ އަތޮޅުތަކުގައި މިހާރު ވަޅުޖަހާފައިވާ ފުޓްބޯޅައަށް ދިރުން ގެންނަށް ޖެހެއެވެ.

ރާއްޖޭގެ ފުޓްބޯޅަ އެންމެ ބޮޑަށް ކުރިއަރައި ފޯރިގަދަވެގެން ދިޔައިރު އަތޮޅުތަކުގައި ތަފާތު ނަންނަމުގައި ތަފާތު ފެންވަރުގެ އެކިއެކި މުބާރާތްތައް ޤަވާއިދުން ބޭއްވިގެން ގޮސްފައިވެއެވެ. ސްކޫލު ބޮޑު ބަންދާއި ދިމާކޮށް އެންމެ ގަދައަށް އިވިގެން ދިޔަ އަޑަކީ "ހޮލިޑޭ ކަޕް"ގެ އަޑެވެ. ތެދު ތެދަށް ބުނާ ނަމަ ސްކޫލް ބޮޑު ބަންދާއި ދިމާކޮށް ރާއްޖޭގައި ކޮންމެވެސް ފެންވަރެއްގެ ފުޓްބޯޅަ މުބާރާތެއް ނުބާއްވާ ރަށެއް ނޯންނާނެއެވެ.

މިފަދަ ގިނަ މުބާރާތްތަކުގައި ރާއްޖެގެ ނަން މަޝްޙޫރު ކުޅުންތެރިންވެސް ރަށްރަށުގައެ ޓީމުތަކުގައި ހިމެނިގެން ދިއުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެފަދަ ކުޅުންތެރިންގެ ފަރާތުން އަތޮޅުތެރޭގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ހުނަރާއި ފުޓްބޯޅައިގެ ރޫހް ކުރިއަރާ ދިއުމެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ އަތޮޅުތަކުން ހުނަރުވެރި މޮޅަތި ކުޅުންތެރިން އުފެދި ރާއްޖޭގެ ނަންމަޝްޙޫރު ޓިމުތަކަށް ކުޅެން ގޮސް ރާއްޖޭގެ ޤައމީ ޓީމުތަކުގައިވެސް ހިމެނިގެން ދިއުމެވެ.

މީގެ ކުރިން އަތޮޅުތަކުގެ މެދުގައި އެންމެ ވާދަވެރިކޮށް އެންމެ ޖޯޝާއި ފޯރީގައި ބޭއްވޭ އަތޮޅު ފުޓްބޯޅަ މުބާރާތްވެސް ބޭއްވޭތަނެއް ނުފެނެއެވެ. އެންމެފަހުން ބޭއްވުނު ފަހަރުވެސް އަތަޅޮތަކުން އެ މުބާރާތުގައި ބައިވެރިވެފައިވަނީ ނިސްބަތުން މަދު ރަށްތަކަކުންނެވެ. މުބާރާތް ބޭއްވިގެން ދިޔަތަން ފެނިގެން ދިޔައީ އެއްވެސް އިންތިޒާމެއް ނެތް ގޮތެއްގައެވެ. އެއްވެސް ވަރެއްގެ ހަރުދަނާ ރޭވުންތެރިކަމެއް ނެތިއެވެ.

ދިވެހި ފުޓްބޯޅަ ކުރިއަރުވަން ބޭނުންވަނީ ރަނގަޅު ހަރުދަނާ ލީޑަރޝިޕެއް / ފޮޓޯ:ސޯސަލްމީޑިޔާ

ރާއްޖޭގެ އަތޮޅުތަކުގައި ރަނގަޅު ފެންވަރުގެ ދަނޑުތަކެއް ހެދެމުންދާ ދަސްވަރެއްގައި ފެންވަރު ރަނގަޅު މުބާރާތްތަކެއް ބޭއްވިއްޖެ ނަމަ އެކަންތައް ވެގެން ދާނީ ރާއްޖޭގައި ހީނަރުވަމުން މިދާ ފުޓްބޯޅައަށް އައު ދިރުމެއް ގެނައުމަށް ކޮށިގެންދާނެ އާރޯމަގަކަށެވެ. ޤައުމީ ޓީމުތައް ތަމުސީލް ކުރާނެ ޒުވާން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ހުޅުވިގެންދާނެ އިތުރު ފުރުޞަތަކަށެވެ.

ރާއްޖޭގެ ފުޓްބޯޅައަށް ފޯކަސް ކުރަން އެންމެ ރަނގަޅު ވަގުތު

ދިވެހިންގެ ވިންދާއި ޖޯޝާއި ފޯރިއާއި ގުޅިފައިވާ ކުޅިވަރުކަމަށްވާ ފުޓްބޯޅަ އަށް ލިބިގެން މިދާ ހީނަރުކަމާއި، ލަދުވެތިކަމުން އަރައިގަތުމަށް އެންމެން ގުޅިގެން އެކައްޗެއް ކިޔައިގެން މަސައްކަތް ފަށައިގަތުމަށް މިއީ އެންމެ ރަނގަޅު ވަގުތެވެ.

ރާއްޖޭގެ ރައްޔިތުންގެ ނިންމުމުން ރައްޔިތުންގެ ވަލިއްޔުލް އަމުރަކަށް އައުފަރާތެއް މިވަނީ ދިވެހި ޒަޢާމަތަށް އައްޔަން ކޮށްފައެވެ. ރާއްޖޭގެ ފުޓްބޯޅަ މިއިން ދުވަހަކު ދަށަށް ނުދާ މިންވަރަށް މި ސަރަހައްދީ ފުޓްބޯޅައިން ރާއްޖެ ދަށްށަ ގޮއްސިއެވެ. ރާއްޖޭގައި ބޭއްވޭ ފުޓްބޯޅަ މުބާރާތްތަކުގެ އިންތިޒާމްތަކާއި ފެންވަރު ދެހާހުގެ ކުރީގެ އަހަރުތަކަށް ވުރެވެސް ފަހަތައް ސޮއްސާލައިފފައިވާ ފަދައެވެ. ރާއްޖޭގެ ނަން މަޝްޙޫރު ޓީމުތައް ވުޖޫދުންވެސް ގެއްލި ދަނީއެވެ.

މިހުރިހާ ސަބަބުތަކެއް މިހެން ހުރުމާއި އެކު ދިވެހި ފުޓްބޯޅަ އާއި މެދު އެންމެހައި ދިވެހިން ފުންކޮށް ވިސްނާ ދިވެހި ފުޓްބޯޅަ ނަގައި ކޮޅަށް ޖެހުމަށް މިއަށްވުރެ ވަކި މުނާސަބާވަގުތެއް ނެތެވެ. ޤައުމުދެކެ ލޯބިވާ ޤައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތެއްގެވެސް އާދޭހަކީ ދިވެހިންގެ "ނަމްބަރ 1" ކުޅިވަރު "ދިވެހިގެ ފުޓްބޯޅަ " ނަގައި ކޮޅަށް ޖަހައި ދިނުމެވެ. ދިވެހިންގެ މެދުގައި ފުޓްބޯޅައަށް އޮތް ލޯތްބާއި ޝަޢުޤުވެރިކަން އަލުން ގެނެސްދިނުމެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.