
ބެލޮންޑިއޯ އެވޯޑް މެސީއަށް، ހާލަންޑަށް ގާޑް މުލާ ޓްރޮފީ، ޒުވާން ކުޅުންތެރިއަކީ ބެލިންގހަމް
ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް އަނެއްކާވެސް މެސީ ހޯދައިފިއެވެ. މެސީ އަށްވަރަ ފަހަރަށް މިއެވޯޑް ހޯދީ މެންޗެސްޓަރ ސިޓީގެ ހާލަންޑާ ވާދަކޮށެވެ. ތިންވަނަ ހޯދީ ފްރާންސްގެ އެމްބާޕޭ އެވެ.

މިއީ މެސީ މިއެވޯޑް ހޯދި އަށްވަނަ ފަހަރެވެ. މެސީއާ އެންމެ ގާތުން ވާދަކުރާ ރޮނާލްޑޯ އަށް މިއެވޯޑް ލިބުނީ ފަސް ފަހަރުއެވެ. މިފަހަރު މެސީއަށް އެވޯޑް ލިބުމުގެ މައިގަނޑު ސަބަބަކީ އާޖެންޓީނާއާއެކު ވަރލްޑްކަޕް ހޯދުމެވެ. ކެރިއަރުގެ ފުރަތަމަ ވޯލްޑް ކަޕް ހޯދިއިރު، އެމުބާރާތުގެ މޮޅު ކުޅުންތެރިއަކީވެސް މެސީއެވެ.
މެސީއާ އެންމެ ގާތުން ވާދަކުރި ނޯވޭގެ ހާލަންޑް ވަނީ ޗެމްޕިއަންސް ލީގާއެކު ސީޒަންގައި ތިން ތަށި ހޯދާފައެވެ. އެއީ މެންޗެސްޓަރ ސިޓީއާއެކުއެވެ. ސީޒަންގައި 52 ލަނޑު ޖެހިއެވެ. ބެލޮންޑިއޯ ނުލިބުނަސް ގާޑް މުލާ ޓްރޮފީގެ ހައްގުވެރިއަކީ ހާލަންޑެވެ. އެއީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ެވޯޑެވެ.
އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ އިނގިރޭސި މިޑްފީލްޑަރ ބެލިންގހަމް އެވެ. މިސީޒަންގައި ރެއާލް މެޑްރިޑްގައި މޮޅަށް ކުޅެމުން އަންނަ 20 އަހަރުގެ ބެލިންގހަމް އަށް އެވޯޑް ލިބުނީ މިދިޔަ ސީޒަންގައި ބޮރޫޝިޔާ ޑޯޓްމަންޑާއި ގައުމީ ޓީމްގައި ދެއްކި އުއްމީދީ މޮޅު ކުޅުމަށެވެ.