ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސްއޮފީސް

އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކަން ފެށުން – ރައީސް

އާދީއްތަ 19 ނޮވެމްބަރ 2023 | ހަމްޒާ

މާލޭ ސަރަހައްދުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ކުރާނެ މަސައްކަތްތައް ފާހަގަކުރައްވަމުން، އެންމެ ބޮޑު މަސައްކަތަކަށް މި ސަރުކާރުން ކުރާނީ ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ހޯދުމުގެ މަސައްކަތް ކަމަށާއި، އެގޮތުން އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

Advertisement


އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލީމަވާ ޖާގައިގެ 3 ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެ ކަމަށާއި، އެއީ ގާތްގަނޑަކަށް 1200 ހެކްޓަރު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މި މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އަރބަން ސެންޓަރުތައް ޤާއިމުކުރުމާއެކު، ސަރަހައްދީ، ދެމެހެއްޓިނިވި ތަރައްޤީ ގެނައުމުގެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުންވެސް ރޭގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޕާކިން ބިލްޑިންގ ހައްދަވާނެ ކަމަށާއި، މަގުތައްވެސް ތަރައްޤީ ކުރައްވާނެ ކަމުގައި ފާހަގަކުރައްވާފައެވެ.

ރޭ ހުޅުވައިދެއްވި ގަޑިބުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގަޑިބުރު އަލުން ތަރައްޤީ ކުރުމުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރ ކަމުގައި ހުންނެވިއިރު ފާސްކުރެއްވި އިސްތިރާޖީ އެކްޝަން ޕްލޭންގެ ދަށުން ކުރެއްވި މަސައްކަތްޕުޅެއް ކަމުގައެވެ. އަދި މިހާރުގެ ގަޑިބުރު ތަރައްޤީ ކުރައްވާފައިވަނީ ހުރިހާ އުމުރެއްގެ މީހުނަށްވެސް މަޤުބޫލު ވިސްނުންތަކެއް ގެނެވޭނެ ގޮތަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އާ ގަޑިބުރުގައި ހިމެނޭ ކަންކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަޑިބުރު ތަރައްޤީކޮށްފައިވަނީ 5 ވަގުތު ބަންގިވެސް އަޑުއިވޭ ގޮތަށް ކަމުގައެވެ. އަދި މުހިންމު މެސެޖުތައްވެސް ގަޑީގައިވާ ޑިޖިޓަލް ސްކްރީނުން ދެއްކޭނެ ކަމަށާއި، އެކި ކަހަލަ އިސްތިހާރުތައްވެސް ގަޑިބުރުގައިވާ ސްކްރީނުން ދެއްކޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާފަންނު ގަޑިބުރަކީ، ދިވެހިރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ޤަބޫލުކުރި ޤައުމުކަމުގައިވާ އަވަށްޓެރި ސްރީލަންކާއިން، ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި 1990 ވަނަ އަހަރު، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުން ކުރި ހަދިޔާއެކެވެ. އަދި ދުވަސްތަކަކަށް ގަޑިބުރު އެސަރަހައްދުން ނެގުމަށްފަހު ރޭ ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ ޒަމާންވީ ގަޑިބުރު ރަމްޒުކޮށްދޭ ޒަމާނީ ގަޑިބުރެކެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.