ފޮޓޯ: ސޯޝަލް މީޑިއާ

1 ލީޓަރަށްވުރެ ކުދި ފުޅި އެތެރެކުރުމާއި އުފެއްދުން މަނާވާ ތާރީޚަށް ބަދަލެއް

ހުކުރު 01 ޑިސެމްބަރ 2023 | ހަމްޒާ

1 ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅި ރާއްޖެ އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާވާ ތާރީޚަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނަވައިފިއެވެ. 

Advertisement


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އަލުން ކަނޑައަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ލިސްޓް އަލުން ކަނޑައެޅުއްވީ، އެ މަނިކުފާނު އިއްޔެ މިކަމާ ގުޅޭގޮތުން ނެރުއްވި ޤަރާރުންނެވެ.

ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން، މި ޤަރާރުގައި ހިމަނައިފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާ 14 (ސާދަ) ބާވަތުގެ ތަކެއްޗަކީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަމުގައި ކަނޑައަޅުއްވައި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ ތާރީޚު ވަނީ ކަނޑައަޅުއްވާފައެވެ.

މި ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި އެތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާކުރާ ތާރީޚަށް ބަދަލުގެންނަވާފައިވަނީ މި ލިސްޓުގެ 13 ވަނައިގައި ހިމެނޭ ބާވަތަށެވެ. އެގޮތުން އަލަށް ގެންނަވާފައިވާ ބަދަލާއެކު، 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، 2024 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާވާނެއެވެ. އަދި 2024 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން އެތަކެތި ބާޒާރަށް ނެރުން މަނާވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޤަރާރު ނެރުއްވުމާއެކު، ތިމާވެށްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ކުރީން ކަނޑައަޅައިފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކާއި، އެތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ބާޒާރަށް ނެރުމާ ގުޅޭގޮތުން ކުރިން ކަނޑައަޅުއްވައިފައި އޮތް ގޮތް ވަނީ ބާޠިލުކުރައްވާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.