ރައީސުލްޖުމްހޫރިއްޔާ ދުބާއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން. ފޮޓޯ:ރައީސްއޮފީސް

މި ސަރުކާރުގެ ސިޔާސަތަކީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުން – ރައީސް

ހުކުރު 01 ޑިސެމްބަރ 2023 | ހަމްޒާ

މި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

Advertisement


އެމަނިކުފާނު މިހެން ވިދާޅުވީ، ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީއަށް ވަޑައިގެންނެވީ މިއަދު ފެށުމަށް ހަމަޖެހިފައިވާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އަޑުއަހައިގެން ކަމުގައި ވިދާޅުވިއެވެ. އަދި ކަންކަން ބައްޓަންކޮށް، ނިންމުންތައް ނިންމާނީ ރައްޔިތުންގެ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ފަދަ ގޮތަކަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮންމެ ޤައުމެއްގައި ތިބި ދިވެހިންނަށްވެސް، ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޚާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ޤައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް، ސަމާލުކަން ދީގެން ކަމަށާއި، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރާނެ ގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު މި ސަރުކާރުން ޤައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ މީހެއް ހަމަޖައްސާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ޤައުމިއްޔަތު ދިރުވައި އާލާކުރުން ކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުންވެސް އިސްލާމްދީނުގައި ހުރި ކަންކަން ދަސްކޮށްދީ، އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަޤީދާއެއް ޤައިމުކޮށްދިނުމާއެކު، އާންމުކޮށް މި އޮންނަ ކޮންސިއުލަރ މަސައްކަތްތަކުގެ އިތުރަށް ދިވެހިބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާއާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށްގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޖުމްލަގޮތެއްގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިން ތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އަންނަން އޮތް ޖީލުތަކަށް ދިވެހިވަންތަކަން ވާސިލްކޮށްދެއްވުމުގައި ދިވެހި ރައްޔިތުން ފަޚުރުވެރިވާ ފަދަ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ފެށުމަށް ހަމަޖެހިފައިވާ ކޮޕް28 ބައްދަލުވުމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރަށް އެހީތެރިކަން ހޯދުމަށް ކޮޕް28 ބައްދަލުވުމަށްފަހު ވަކާލާތު ކުރައްވާނެ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުބާއީގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަން ޙިއްޞާކުރުމަށް ފުރުޞަތު ހުޅުވައިލައްވާފައެވެ. އަދި އެކަންކަން ޙައްލުކޮށްދެއްވުމަށް މި ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.