އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ހުވާކުރެއްވުން / ފޮޓޯ:އެމްޑީޕީ

ޕާޓީ ބަދަލުނުކުރުމަށް އެމްޑީޕީ މެމްބަރުން ހުވާކޮށްފި

އަންގާރަ 27 ފެބްރުއަރީ 2024 | އަހުމަދު ދާއޫދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ނަމަވެސް އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކަށް ނުދާން ކަމަށް އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މާތްﷲ ގަންދީ ހުވާކޮށްފިއެވެ.

Advertisement


އެމްޑީޕީގެ މަޖިލީސް ކެމްޕެއިން "މިސްރާބު ހަމަ މަގަށް" ކެމްޕެއިން ފެށުމުގެ ގޮތުން އާޓިފިޝަލް ބީޗު ބޭއްވުނު ބޮޑު ޖަލްސާގައި ކެންޑިޑޭޓުންނަށް ހުވާލައިދެއްވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއެވެ.

އެހުވާގައި ބުނެފައިވަނީ ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށާއި، ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކާއި، ޕާލަމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިގުރާރުވެ މާތްﷲ ގަންދީ ހުވާކުރާކަމަށެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅުޕާޓީ އެމްޑީޕީން ކެނޑިޑޭޓުން ލައްވާ ޕާޓީ ބަދަލު ނުކުރުމަށް ހުވާ ކުރުވާފައިވާއިރު، މިހާރު ހިނަގަމުން މިދާ 19 ވަނަ މަޖިލީހަށް އެމްޑީޕީ ޓިކެޓްގައި އިންތިހާބުވި ބައެއް މެމްބަރުން ވަނީ ޕާޓީ ބަދަލުކޮށްފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގައި ތިއްބެވި 13 މެމްބަރަކު ވަނީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.

މިފަދަ ގޮތަކަށް ޕާރޓީ ބަދަލުކުރުމަކީ ރާއްޖޭގައި ވަރަށް ގިނައިން ހިނގާކަމަކަށްވާއިރު އެކަން ހައްލުކުރުމަށް އެމްޑީޕިން މިހާރު ވަނީ މަޖިލީހަށް އެންޓިޑިފެކްޝަން ގާނޫނެއް ވެސް ހުށަހަޅާފައެވެ.

އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޕާޓީ ބަދަލުކުރުމުން މަޖިލހުގައި އެމްޑީޕީއަށް ދިވެހި ރައްޔިތުން ދިން ސްޕަރ މެޖޯރިޓީ މިހާރުވަނީ އެ ޕާޓީއަށް ގެއްލިފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.