ނަބީލް ފާހަގަކުރެވުނީ މަގުމަތި ހަރަކާތުގައި ވަރަށް ހަރަކާތްތެރި ފަރާތެއްގެ ގޮތުގައި / ފޮޓޯ:ޕީއެންސީ

މިލަންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ނިންމި ނަބީލަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

އަންގާރަ 27 ފެބްރުއަރީ 2024 | އަހުމަދު ދާއޫދު

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވުމުން އެ ކޯލިޝަން ދޫކޮށް، އަމިއްލަ ގޮތުން އެ އިންތިހާބަށް ނުކުތް ނަބީލް ޒަމީލަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފިއެވެ.

Advertisement


އެގޮތުން ގާނޫނުއަސާސީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނަބީލް އައްޔަން ކުރެއްވީ އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ. މިހާތަނަށް މިކަން ރައީސް އޮފީހުން ހާމަނުކުރިޔަސް، ނަބީލް ވަނީ ސޯޝަލް މީޑިއާގައި އެ މަގާމާ ހަވާލުވިކަން އިއުލާންކޮށްފަ އެވެ.

ށ. ފީވަކަށް އުފަން ނަބީލް ޕްރައިމަރީގައި ވާދަކުރީ މިލަންދޫ ދާއިރާއަށެވެ. އޭނާއާ ވާދަކޮށް އެ ދާއިރާގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.

ޕްރައިމަރީން ބަލިވުމާ އެކު، ނަބީލް ވަނީ މުފީދަށް ތާއިދުކުރާކަން ހާމަކޮށްފަ އެވެ. ނަމަވެސް، އޭގެ ދުވަސްކޮޅެއް ފަހުން މުފީދަށް އޮތް ތާއިދު އަނބުރާ ގެންގޮސް އަމިއްލަ ގޮތުން މަޖިލިސް އިންތިހާބަށް ނުކުތެވެ. އޭނާ އަމިއްލަ ގޮތުން އިންތިހާބަށް ނުކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އެވެ.

ނަބީލަކީ ޕީޕީއެމްގެ މަގުމަތީ ހަރަކާތުގައި ވަރަށް އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ. މިދިޔަ ސަރުކާރުގައި އެކި ފަހަރު މަތިން އޭނާ ހައްޔަރު ކޮށްފައި ވެސް ވެއެވެ.

އިލެކްޝަން ކޮމިޝަން، އީސީން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާނެއެވެ. އެއީ 42 އަންހެނުންނާއި އަދި 326 ފިރިހެނުންނެވެ.

މަޖިލިހުގެ އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިއަންނަ މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުން މިހާރު ވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވަން ޖެހޭގޮތަށް ޤާނޫނު އިސްލާހުކޮށްފައެވެ. އިންތިހާބާއި ބެހޭ ޤާނޫނަށް މި ގެނައި އިސްލާހް ތަސްދީޤްކުރުމަށް ރައިސުލްޖުމުހޫރިއްޔާއަށް ފޮނުވުމުން މިހާރު ވަނީ އެބިލް އަބުރާ މަޖިލިހަށް ފޮނުވާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.