މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް / ފޮޓޯ: ރައީސް އޮފީސް

ފުނަދޫގައި އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ރޯދަ މަހަށްފަހު ފެށޭނެ: ޝިޔާމް

ބުދަ 28 ފެބްރުއަރީ 2024 | އަހުމަދު ދާއޫދު

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށްފަހު ށ.ފުނަދޫގައި އައިސްޕްލާންޓެއް ޤާއިމުކރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Advertisement


ފޮނަދޫ ރައްޔިތުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، އެ ސަރަހައްދުގައި އައިސް ޕްލާންޓެއް ބޭނުންވާ ކަމަށް ފުނަދޫ އާއި ށ. އަތޮޅުގެ ވެސް ގިނަ އަދަދެއްގެ މަސްވެރިން އަބަދުވެސް ބުނާ ކަމަށާއި އެމަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަސް ނިމުމުން އައިސް ޕްލާންޓުގެ މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ގިނަވެގެން ހަ މަސް ދުވަހުން އައިސް ޕްލާންޓެއް އެޅޭނެ ކަމަށާއި މިދިޔަ ސަރުކާރު ގޮތަށް އެކަމަށް އަހަރެއް ނުވަތަ ދެ އަހަރު ހޭދަ ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ތިން މަސް ތެރޭގައި މަސައްކަތް ނިންމުން ކަމަށެވެ.

"އަޅުގަނޑުމެން ނުނަގާނަން މިދިޔަ ސަރުކާރުން ނެގިހެން އަހަރެއް ދެއަހަރު އައިސް ޕްލާންޓް އަޅާކަށް، އައިސް ޕްލާންޓެއް ގިނަވެގެން 6 މަސް ދުވަހުން އެޅޭނެ އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ ތިން މަހުން އެކަން ކުރުން. އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމިގެން ތިން މަސް ތެރޭގައި އަޅުގަނޑުމެން ޔަޤީން ކުރާނަން އައިސް ޕްލާންޓް ޤާއިމުކުރުމަށް،" ޝިޔާމް ވިދާޅުވިއެވެ.

ފުނަދޫއަކީ ފަރުމަހުގެ މަސްވެރިކަން ކުރާ ރަށަކަށްވުމުން އެ ރަށާ ކައިރީގައި ވަދު ކަނދުފައްޗެއް ބާއްވަން ރައްޔިތުން ބޭނުންވާ ކަމަށާއި އެކަން ވެސް އަންނަ ހަފުތާގައި ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފުނަދޫއަކީ މެރިކަލްޗަރ ކުރިއެރުވޭނެ ރަށަކަށްވުމުން އެ ފުރުސަތުތައް ފަހި ކުރުމަށް ކުރެވެން ހުރި ކަންކަން ވެސް ދިރާސާ ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތު ރަނގަޅުކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް މި ސަރުކާރުން ކުރާނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.