އިރާނުގައި ރައީސަކު ހޮވުން އަންނަ މަހު އޮންނާނެ

އިރާނުގެ ރިޔާސީ އިންތިހާބު އަންނަ މަހުގެ 28 ގައި ބާއްވަން ނިންމައިފި

ބުދަ 22 މެއި 2024 | އަހުމަދު ދާއޫދު

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އިރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެން އައު ރައީސަކު އައްޔަން ކުރުމަށްޓަކައި ބާއްވާ ރިޔާސީ އިންތިހާބު އަންނަ މަހުގެ 28 ގައި ބާއްވަން އެޤައުމު ގާޑިއަން ކައުންސިލުން ނިންމައިފިއެވެ.

Advertisement


އީރާނުގެ އެންމެ ބާރުގަދަ ކައުންސިލްކަމަށްވާ ގާޑިއަން ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިމަހުގެ 30 އިން އަންނަމަހުގެ 3 އަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އަދި އަންނަ މަހުގެ 12 އިން 27 އަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އިރާންގެ ޤާނޫނު ބުނާ ގޮތުން ރައީސަށް ވެރިކަމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ ނުވަތަ ދައުރު ހަމަނުވަނީސް އަވަހާރަވެއްޖެނަމަ، ނައިބް ރައީސް ވަގުތީ ގޮތުން ވެރިކަމާއި ހަވާލުވާންޖެހެއެވެ. އަދި ވެރިކަމާއި ހަވާލުވުމަށްފަހު 50 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހެއެވެ.

އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލުމަށްފަހު އެނބުރި އިރާނަށް ވަޑައިގަންނަވަން ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރ ވެއްޓި ރައީސީ އަވަހާރަވުމުން އެގައުމުގެ ވަގުތީ ރައީސަކަށް ހުންނެވީ ނައިބު ރައީސަކަށް ހުންނެވި މުހައްމަދު މޮޚްބަރުއެވެ.

އަންނަ މަހުގެ 28 ގައި އީރާނުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް އިއުލާނު ކޮށްފައިވާއިރު، ރައީސްކަމުގެ މަޤާމަށް އެ ޤައުމުގެ ކުރީގެ ރައީސުން ކަމުގައިވާ ޙަސަން ރޫޙާނީ އާއި މަހްމޫދު އަޙްމަދީ ނިޖާދު ފަދަ ބޭފުޅުން ޝައުޤުވެރިކަން ފާޅުކުރެއްވުން އެކަށީގެންވެއެވެ. އަދި ހަމަ އެހެންމެ އިންތިޤަލީ ރައީސް މުހައްމަދު މޮޚްބަރު ވެސް ވާދަކުރެއްވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.