އަބްދުއްރަހީމް އަދި ނާޒިމް

ރައީސް މުއިއްޒު ބޭނުންފުޅު ވަނީ މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބް ރައީސަކަށް ނާޒިމް ގެންނަން

ބުދަ 22 މެއި 2024 | އަހުމަދު ދާއޫދު

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލިހުގެ ރައީސަކަށް ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލިހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް ގެނައުމަށެވެ.

Advertisement


ރައީސް ޑރ. މުއިއްޒު، ވަނީ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ގިނަ އަދަދެއްގެ މެމްބަރުންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއްގައި މިކަމަށް އެދި ވަޑައިގެންފައެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހަވީރު މުލިއާގޭގައެވެ.

މި ބައްދަލުވުމުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ ބައެއް މަގާމުތަކަށް ކަނޑައަޅުއްވަން ބޭނުންފުޅުވާ ބޭފުޅުންގެ ލިސްޓެއް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.

އެގޮތުން ރައީސް ހުށަހެޅުއްވި ނަންތަކާއި މަޤާމުތަކަކީ:

ޕީޖީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހު

ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއު

ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް:

ވިލިމާލޭ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއިލް

މަހިބަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ތޯރިގު

ހުޅުދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހަންމަދު ޝާހިދު

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި 93 މެމްބަރުން ހުވާ ކުރުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހު 28 ވާ އަންގާރަ ދުވަހުއެވެ.

ހަމަ އެދުވަހުގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ މަޖިލީހުގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށް ބޭފުޅުން އިންތިހާބު ކުރާނެއެވެ.

މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ނަގާނީ ސިއްރު ވޯޓެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.