ސޫރަތުލް ކަހްފި (3)

ހުކުރު 13 މާޗް 2020

ޛުލް ގަރްނައިނި އާއި ޔައުޖޫޖު މައުޖޫޖުގެ ވާހަކަ:

Advertisement


މި ސޫރަތުގައި ޛުލްގަރްނައިނި ގެ ވާހަކަ ގެންނަވާފައިވެއެވެ. މާތް ﷲ އޭނާ އަށް ވެރިކަމާއި ބާރު ވަނީ ދެއްވާފައެވެ. އަދި ބާރު ލިބޭނެ ހުރިހާ ގޮތްތަކެއް ވަނީ ފަހިކޮށް ދެއްވާފައެވެ. އެހެންކަމުން ދުނިޔޭގެ ހުޅަނގުން އިރަށް އޭނާ އައީ ރަށްތައް ފަތަޙަ ކުރަމުންނެވެ. އަނިޔާވެރިންގެ ކިބައިން ބަދަލު ހިއްޕަވާ، ޞާލިޙުންނަށް އިޙްސާންތެރިކޮށް ހިއްޕެވުމުން މުޅި ރަށުގައި ޢަދުލުވެރިކަން ފެތުރުއްވިއެވެ. އޭނާގެ ފުތޫޙާތުތައް ފުޅާވަމުން ދިޔައެވެ. އެގޮތުން އެކި ރަށްރަށް ފަތަޙަ ކުރައްވަމުން ވަޑައިގަންނަވަނިކޮށް ވަރަށް ފަސާދަކަން ބޮޑު ނުބައި ބަޔަކާއި ހަމަ އަށް ވަޑައިގެންނެވުނެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުންނެވެ. ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން އެއީ ދެރަށެކެވެ. އެރަށުގެ އަހްލުވެރިން އޭނާގެ ގާތުގައި އެދުނީ އެދެރަށް ދެމެދުގައި ހުރަހެއް ލައިދިނުމަށެވެ. އެކަމުގެ އުޖޫރައެއްގެ ގޮތުން އޭނާ ބޭނުންވީ ވަރަކަށް ފައިސާ ދޭނެ ކަމަށް ބުންޏެވެ. ނަމަވެސް، އެއްވެސް އުޖޫރައަކާއި ނުލާ އެބައިމީހުން އެދުނު ގޮތަށް ކަންތައް ކޮށްދެއްވިއެވެ. އެގޮތުން އެދެރަށުގެ ދެމެދުގައި ވަރުގަދަ ހުރަހެއް ލެއްވިއެވެ. ޔައުޖޫޖު މައުޖޫޖުގެ މީހުން އެހުރަސް ހަލާކު ކުރަން އުޅެ އެބައިމީހުންނަށް އެކަންވާނެ ގޮތެއް ނުވިއެވެ.

ނޯޓް: މިވާހަކަތަކުގެ ތަފްޞީލުތައް އިންޝާﷲ- އާޔަތްތަކުގެ ޝަރަޙައިގެ ތެރޭގައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. މާތް ﷲ އެކަމަށް މަގުފަސޭހަކޮށްދެއްވާށިއެވެ. އާމީން.  

މި ސޫރަތުގެ މާތްކަން:

ކަހްފު ސޫރަތުގެ މާތްކަމާއި ބެހޭގޮތުން އެތައް ޙަދީޘްތަކެއް ވާރިދުވެގެންވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްތަކުގައިވީއިރު ޞައްޙަ ނޫން ޙަދީޘްތައްވެސް އެބަހުއްޓެވެ. އޭގެތެރެއިން ޞައްޙަ ބައެއް ޙަދީޘް ތިރީގައި ހިމަނާލަމެވެ.

 

عن أبي الدرداء أن النبي صلى الله عليه وسلم قال : “مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ” وفي رواية من آخر سورة الكهف” [ رواه مسلم ]

އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙަމައްދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެންވެއެވެ.” އަދި ބައެއް ރިވާޔަތްތަކުގައި “ކަހްފު ސޫރަތުގެ ފަހު ދިހައާޔަތް” މިފަދައިންވެސް ވާރިދުވެގެންވެއެވެ.

 

އަދިވެސް ރިވާވެގެންވެއެވެ. وقال رسول الله صلى الله عليه وسلم : “مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنْ فِتْنَةِ” الدَّجَّالِ” [ صححه الألباني في سلسلة الأحاديث الصحيحة / 582 ]

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ “ފިތުނައިރައްކާތެރިވެގެންވެއެވެ.”

 

وقال صلى الله عليه وسلم : “مَنْ قَرَأَ سُورَةَ “الْكَهْفِ” فِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ” [ صححه الألباني في صحيح الترغيب والترهيب / 736 ]

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.”[1]

(الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ ﴿١  )

(الْحَمْدُ) މިއީ ﷲ ގެ ޛާތުފުޅުގައްޔާއި، ޞިފަފުޅުތަކުގައްޔާއި، ޢަމަލުފުޅުތަކުގައި އެކަލާންގެ އަށް ފުރިހަމަ އަށް ޙަމްދު ލިބިގެންވާ ކަމަށް ގަބޫލު ކުރުމެވެ. އެހެންކަމުން، (الْحَمْدُ) ގެ މާނައަކީ ﷲ ތަޢާލާ އަށް ލޯބިވުމާއި މަތިވެރި ކުރުމާއި އެކު އެކަލާންގެ އަށް ޙަމްދު ކުރުމެވެ. "

ލޯބިވުމާއި މަތިވެރި ކުރުމާއި އެކު އެކަލާންގެ އަށް ޙަމްދު ކުރުން" މިއީ ކޮންމެހެން ބޭނުން ޝަރްޠެކެވެ. ސަބަބަކީ ލޯބި ވުމާއި މަތިވެރި ކުރުމެއް ނެތި ޙަމްދު ކުރުމުން އެވާނީ މަދަޙަ އަށެވެ. އެހެންކަމުން، އިންސާނަކު މީހަކު ދެކެ ލޯބިނުވި ނަމަވެސް، އެމީހެއްގެ ފަރާތުން އެއްޗެއް ނުވަތަ ކަމެއް ބޭނުންވެގެން ޘަނާ ކިޔާފާނެއެވެ. މީގެ މިޘާލަކީ: ބައެއް ޅެންވެރިން ރަސްކަލުންގެ ކުރިމައްޗަށް އަރާ ފާޑުފާޑުގެ ޘަނާ ކިޔާ ހަދައެވެ. ނަމަވެސް، އެމީހުންގެ ހިތުގައި ޛައްރެއްގެ މިންވަރަށް ވެސް ލޯތްބެއް ކުލުނެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް ރަސްގެފާނަށް ޘަނާ ކިޔާ ޅެން ކިޔާލުމުން ލިބޭ ފައިސާ ކޮޅަށް، ނުވަތަ އެކަން ނުކޮށްފިނަމަ ލިބިދާނެ ގެއްލުމަކަށް ވިސްނާފައި ޘަނާ ކިޔަނީއެވެ.

އަޅުގަޑުމެން ﷲ އަށް ޙަމްދުކޮށް އެކަލާންގެ އަށް ޘަނާ ކިޔަނީ އެކަލާންގެ ދެކެ ލޯބި ވުމާއި އެކަލާންގެ މަތިވެރި ކުރުމާއި އެކުގައެވެ.

(لِلَّـهِ) މިއީ ﷲ އަށް ޚާއްޞަ އިސްމުފުޅެކެވެ. ﷲ ފިޔަވާ އެހެންފަރާތަކަށް މި އިސްމުފުޅު ނުކިޔޭނެއެވެ.

) الَّذِي أَنزَلَ  ) ބާވާލެއްވި ފަރާތް

(عَلَىٰ عَبْدِهِ  ) އެކަލާންގެ އަޅާގެ މައްޗަށް، އެބަހީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް،

މިތަނުގައި (عَبْدِهِ  ) ގެންނަވާފައިވުމުގެ ޙިކްމަތަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ މީސްތަކުންގެ ތެރެއިން އެންމެ އަޅުވެތި އިންސާނާކަމަށް ވުން.

މާތް ﷲ ތިން ޙާލަތެއްގައި ރަސޫލާ އަށް ( عَبْدِ ) ގެ ޞިފަ ދެއްވާފައިވޭ. އެއީ:

1.    އެކަލޭގެފާނުގެ މައްޗަށް ގުރްއާން ބާވާލެއްވި ކަން ބަޔާން ކުރެއްވުމަށް، މިޘާލު: ސޫރަތުލް ކަހްފި ގެ ފުރަތަމަ އާޔަތް.( الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ  )

2.    އެކަލޭގެފާނު ދިފާޢު ކުރެއްވުމުގައި. މިޘާލު: ސޫރަތުލް ބަގަރާގެ 23 ވަނަ އާޔަތް ( وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِّن مِّثْلِهِ وَادْعُوا شُهَدَاءَكُم مِّن دُونِ اللَّـهِ إِن كُنتُمْ صَادِقِينَ ﴿٢٣ ) މާނައަކީ: "ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!"

3.    އެކަލޭގެފާނާއިގެން އިސްރާ ކުރެއްވުނު ޙާދިޘާ ބަޔާން ކުރެއްވުމުގައި، މިޘާލު: (سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ ﴿١  ) މާނައަކީ: "އެކަލާނގެ ހުސްطاهـر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

އެންމެ ޝަރަފުވެރި މަގާމުތަކުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞިފަ ކުރައްވާފައި މިވަނީ "ﷲގެ އަޅާ" ގެ ގޮތުގައެވެ. މިއީ އިންސާނަކަށް ލިބޭނެ އެންމެ މަތީ ޝަރަފެވެ.

(الْكِتَابَ  ) މިއީ ގުރްއާންގެ ވާހަކަ އެވެ. 

ގުރްއާން އަށް "އަލްކިތާބް" ގެ ނަން ދެވިފައިވަނީ ދެ ސަބަބަކަށް ޓަކައެވެ.

1.    ގުރްއާނަކީ ލިޔެވިފައިވާ ފޮތަކަށްވާތީވެ.

2.    ގުރްއާން އަކީ ޖަމަޢަ (އެއްކުރެވިފައިވާ) އެއްޗަކަށް ވާތީވެ. ސަބަބަކީ ޢަރަބި ބަހުގައި "އަލްކަތްބު" ގެ މާނައަކީ "ޖަމަޢަ ކުރުމެވެ."

( وَلَمْ يَجْعَل لَّهُ عِوَجًا  ) މިގުރްއާން ގައި އެއްވެސް ކަހަލަ ކަތި ކަމެއް ލައްވާފައެއް ނުވެއެވެ. އަދިކިއެއްތަ، އެއީ ސީދާވެގެންވާ ތެދުމަގަށް މަގު ދައްކުވައިދޭ ފޮތެކެވެ. ވީމާ، މިފޮތުގައިވަނީ މުޅިވެސް ސީދާވެގެންވާ ކަންކަމެވެ.

(قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢ )

(قَيِّمًا ) (އެ ފޮތް ބާވައިލެއްވީ) ސީދާވެގެންވާ ފޮތެއްކަމުގައެވެ.

ފުރަތަމަ ބަޔާން ކުރެއްވީ ގުރްއާނަކީ އެއްވެސް ގުދުކަމެއް ނުސީދާ ކަމެއް ނުވާ ފޮތެއް ކަމަށެވެ. (ޢައިބު ނަފީ ކުރީއެވެ.) އެއަށްފަހު ގުރްއާނުގެ ފުރިހަމަކަން އިތުރަށް ޘާބިތުކޮށްދެއްވީއެވެ.

ގުރްއާން ބާވާލެއްވުމުގެ ޙިކްމަތް ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ. ( لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا )  "އެކަލާނގެ حضرة ން (كافر ންނަށް) ހުރި ގަދަފަދަ عذاب އެއްގެ ވާހަކައިން إنذار ކުރެއްވުމަށެވެ. އަދި صالح عمل ތައްކުރާ مؤمن ންނަށް، ހެޔޮވެގެންވާ ދަރުމަހުރިކަމުގެ އުފާވެރި خبر ދެއްވުމަށެވެ."

(لِّيُنذِرَ) މިތަނުގައި ޟަމީރު ރުޖޫޢަވަނީ (عَبْدِهِ ) "ރަސޫލާ" އަށް ކަމަށްވެސް، އަދި (الْكِتَابَ) "ފޮތަށް" ކަމަށް ވުން ވެސް އެކަށީގެންވެއެވެ. މި ދެގޮތްވެސް ރަގަޅެވެ. އެހެނީ، ރަސޫލާގެ މައްޗަށް ފޮތް ބާވާލެއްވުނީ އެފޮތުން މީސްތަކުންނަށް އިންޛާރު ދެއްވުމަށް ޓަކައެވެ. އަދި ފޮތް އޭގެ ޛާތުގައިވެސް އެއީ އިންޛާރު ދޭ އެއްޗެކެވެ.

(لِّيُنذِرَ) އިންޛާރަކީ މީސްތަކުންނަށް ބިރުވެރި ކަމުގެ ޚަބަރު ދެއްވުމެވެ.

(بَأْسًا شَدِيدًا مِّن لَّدُنْهُ ) "އެކަލާންގެ ޙަޟްރަތުން އަތުވެދާނެ ގަދަފަދަ ޢަޛާބަކުން"

(بَأْسًا) މިއީ ޢަޛާބުގެ ވާހަކަ އެވެ. ސޫރަތުލް އަޢްރާފްގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَكَم مِّن قَرْيَةٍ أَهْلَكْنَاهَا فَجَاءَهَا بَأْسُنَا بَيَاتًا أَوْ هُمْ قَائِلُونَ ﴿٤) މާނައަކީ: "ތިމަންރަސްކަލާނގެ ކޯފާލައްވައި، ހަލާކު ކުރެއްވީ ކިތައްކިތައް ރަށް ހެއްޔެވެ؟ ފަހެ، ރޭގަނޑުގައި، ނުވަތަ މެންދުރު އެއުރެން ނިދާފައި ތިއްބައި އެ ރަށްތަކަށް ތިމަންރަސްކަލާނގެ عذاب އައެވެ."

(مِّن لَّدُنْهُ ) ﷲ ގެ ޙަޟްރަތުން.

(وَيُبَشِّرَ الْمُؤْمِنِينَ ) އައްތަބްޝީރަކީ އުފާވެރިކަމުގެ ޚަބަރު ދެއްވުމެވެ.

(لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢  )

(لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ ) "ﷲ ގެ ޙަޟްރަތުން އަތުވެދާނެ ޢަޛާބެއްގެ މަތިން އިންޛާރު ދެއްވުމަށެވެ." މި ތަނުގައި މަފްޢޫލު ބިހީ (ކަން ރައްދުވާ ފަރާތް) ބަޔާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޖެހިގެން އިން ޖުމްލާގައި (وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ  ) "އީމާންވެ ހެޔޮ ޢަމަލު ކުރި މީހުންނަށް އުފާވެރި ކަމުގެ ޚަބަރު ދެއްވުމަށެވެ." އޮތުމުން ކުރީ ތަނުގެ މަފްޢޫލު ބިހީ ނުވަތަ ކަން ރައްދުވާ ފަރާތަކީ ކޮބައިކަން ދޭހަވެއެވެ. އެއީ "ކާފިރުންނެވެ." ސަބަބަކީ އުފާވެރި ކަމުގެ ޚަބަރު ދެއްވަނީ އިމާންވެ ހެޔޮ ޢަމަލު ކުރި މީހުންނަށް ކަމަށްވަނީނަމަ، އިންޛާރު ދެއްވާނީ އެގޮތަށް ނޫޅެ ކާފަރުވީ މީހުންނަށް ކަމަށްވާތީވެއެވެ.

(الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ ) "އީމާންވެ ހެޔޮ ޢަމަލު ކުރި މީހުން" މި ތަނުން ދޭހަވާ ގޮތުގައި ހަމަ އެކަނި އީމާންވިޔަސްވެސް ނުފުދެއެވެ. އެޔާއި އެކު ހެޔޮ ޢަމަލުވެސް ކުރަން ޖެހެއެވެ. އެހެންވެ، ބައެއް ސަލަފުންގެ އަރިހުން ސުވާލު ކުރެވިފައިވެއެވެ. "ސުވަރުގޭގެ ތަޅުދަނޑި އަކީ "ލާ އިލާހަ އިއްލަﷲ" "ﷲ މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވޭ" މިޔެއް ނޫން ހެއްޔެވެ؟ ވީމާ، މިފަދައިން ކިޔައިފި މީހަކަށް ސުވަރުގޭގެ ދޮރުތައް ހުޅުވޭނެ ނޫން ހެއްޔެވެ؟ ޖަވާބުގައި އެބޭފުޅުން ވިދާޅުވެފައިވެއެވެ. އާދޭހެވެ. ނަމަވެސް، ދަތް ނެތް ތަޅުދަނޑި އަކުން ހުޅުވާނީ ކިހިނެއް ހެއްޔެވެ؟" ވީމާ، ޝަހާދަތުގެ ދެކަލިމަ ކިޔާ އީމާންވުމަށްފަހު ހެޔޮ ޢަމަލު ކުރަން ޖެހެއެވެ. ހެޔޮ ޢަމަލަކީ ތަޅުދަނޑީގެ ދަތްތައް ފަދަ އެވެ.

(الْمُؤْمِنِينَ  ) އީމާންވުން ވާޖިބު ވެގެންވާ ކަންތައްތަކަށް އީމާންވެފައިވާ މީހާ، އެއީ ކޮންކަންތައްތަކެއްކަން ޖިބްރީލް ޢަލައިހިއްސަލާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބަޔާން ކޮށްދެއްވާފައެވެ. ޙަދީޘް ކުރެއްވިއެވެ. "އީމާން ކަމަކީ ﷲ އަށާއި މަލާއިކަތުންނަށާއި، ބާވާލެއްވި ފޮތްތަކަށާއި، ފޮނުއްވި ރަސޫލުންނަށާއި، އާޚިރަތްދުވަހަށާއި، ގަޟާ ގަދަރުގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އިމާންވުމެވެ."

(الَّذِينَ يَعْمَلُونَ الصَّالِحَاتِ ) ހެޔޮ ޢަމަލުކޮށް އުޅޭ މީހުން، ހެޔޮ ޢަމަލަކަށް ވަނީ ދެކަމެއް ފުރިހަމަވީމަ އެވެ. އެއީ:

·      ﷲ އަށް އިޚްލާޞްތެރިވުން. ކުރާ ކޮންމެ ކަމަކީވެސް ﷲ އާއި އާޚިރަތް ދުވަސް އެދިގެން ކުރާ ކަމަކަށް ވުން.

·      ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް ޢަމަލުތައް ކުރުން.

އިޚްލާޞްތެރި ކަމުގެ އިދިކޮޅު ޞިފަ އަކީ ޝިރްކު ކުރުމެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މުތާބަޢާ ކުރުމުގެ އިދިކޮޅު ޞިފަ އަކީ ބިދުޢަ ހެދުމެވެ. ކިތަންމެ ޒީނަތްތެރިވެ، ކިތަންމެ ބިރުވެރި ކަމާއި ޚުޝޫޢަތްތެރި ކަމާއި އެކު ކުރިނަމަވެސް ބިދުޢަވެރި ޢަމަލެއް ﷲ ގެ ޙަޟްރަތުގައި ގަބޫލު ނުކުރައްވާނެއެވެ. އެއީ ޝަރީޢަތާއި އެތްގޮތް ކަމަކަށްނުވާތީވެއެވެ. އެހެންކަމުން، މީސްތަކުން ކިތަންމެ ރިވެތި ކަމެއްގެ ގޮތުގައި ބަލައިގެން ނަމަވެސް ބިދުޢަވެރި ޢަމަލަކީ ﷲ ގެ ޙަޟްރަތުގައި ގަބޫލު ކުރައްވާނެ ކަމެއް ނޫނެވެ. އަދި ކިއެއްތަ، އެއީ މަގުފުރެދިފައިވާ ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (كل بدعة ضلالة) މާނައަކީ: "ކޮންމެ ބިދުޢަ އަކީ ގެއްލެނިވި ކަމެކެވެ." 

މީހަކު ބޭރުފުށަށް ފެންނަ ފެނުމުގައި ޝަރީޢަތާއި އެއްގޮތަށް ކުރި ނަމަވެސް އޭނާގެ ހިތުގައި ދެއްކުންތެރި ކަމެއް އޮވެއްޖެނަމަ އެކަމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެކަމުގައި އިޚްލާޞްތެރިކަން ނެތިފައިވާތީވެއެވެ. ހަމައެފަދައިން ޝަރީޢަތާއި ފުށޫ އަރާ ގޮތަށް ޢަމަލެއް ކުރިޔަސް އެކަންވެސް ގަބޫލެއް ނުކުރައްވާނެއެވެ. ވީމާ، ޢަމަލުތައް ގަބޫލު  ކުރެއްވުމުގައި ދެ ޝަރްޠެއް ހަމަވާން ޖެހެއެވެ. އެއީ އިޚްލާޞްތެރި ކަމާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުތާބަޢާ ކުރުމެވެ.

މުއިމިނުންނަށް ދެއްވާ އުފާވެރި ކަމުގެ ޚަބަރަކީ ކޮބައިކަން އަންގަވާ ވަޙީ ކުރެއްވިއެވެ. (أَنَّ لَهُمْ أَجْرًا حَسَنًا ) ﷲ ގެ ޙަޟްރަތުން ދެއްވާ މަތިވެރި ޘަވާބާއި ދަރުމައެވެ.

މިތަނުގައި ޘަވާބަށް "އަޖްރު" ގެ ނަން ދެއްވާފައިވަނީ އެ އަޖްރު ލިބެނީ އެބައިމީހުން ކުރާ ހެޔޮ ޢަމަލާއި ގުޅިގެން ކަމަށްވާތީވެއެވެ. މިއީ ﷲ ގެ ޢަދުލުވެރި ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެނީ އެކަލާންގެ އަށް ކިޔަމަންތެރި އަޅުންނަށް ދެއްވާ ޘަވާބަށް "އަޖްރު" ގެ ނަން ދެއްވާފައިވުމުން، އިންސާނާ އަށް ހިތްހަމަ ޖެހުން ލިބެއެވެ. އެގޮތަކީ އޭނާގެ މަސައްކަތުގެ އަޖްރު ލިބޭނެކަން ކަށަވަރެވެ. މަސައްކަތެއް ކޮށްފިނަމަ އޭގެ އުޖޫރަ ލިބޭ އުޞޫލުންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.