ޕީޕީއެމްގެ ޖަލްސާއަކަށް ތައްޔާރުވުމުގެ ތެރެއިން ‒‒ ފޮޓޯ: ސޯޝަލްމީޑިއާ

ދުލަށް އައިހާ އެއްއެޗެއް ގޮވުމަކީ މިނިވަންކަމެއް ނޫން

ހޮނިހިރު 05 ސެޕްޓެމްބަރ 2020

ފެހި ޤާނޫނު އަސާސީ އާއި އެކު ދިވެހިންނަށް ލިބުނު އެންމެ ބޮޑު މިނިވަންކަމަކީ، ދުލާއި ގަލަމުގެ މިނިވަންކަމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމެވެ. އެމިނިވަންކަން ސިފަކުރެވެނީ އެތައް އަހަރެއްވާންދެން ކޮއްޓެއްގައި ބަންދުވެފައިވާ ދޫންޏެއް ކޮށިން ދޫކޮށްލުމުން، މިނެއް ނެތި އުދުހެން ފެށުމާއެވެ. ދިވެހީންނަށްވެސް މެދުވެރިވީ އެގޮތެވެ. 

Advertisement


ރަސްކަމުގެ ޒަމާނުއްސުރެ، އާއްމު ރައްޔިތުން ވެރިކަމުގެ ފަރާތަށް ފާޑެއްކިޔުމަކީ، ނުވަތަ ބަދުބަހެއް ބުނެ ނުރުހުމެއް ފާޅުކުރުމަކީ، އަދަބުލިބޭނެ ބޮޑު ކުށެކެވެ. ދުލުން ބުނާ ބަހަކުން ނޭނގި ކުރެވުނު އަމަލަކުން ވިޔަސް އެތައް ބަޔަކު އެމީހުންގެ މުޅި ޒިންދަގީ އަށިގެތަކާއި، އަނދަގޮނޑިތަކުގައި ހޭދަކުރަން ޖެހިފައިވެއެވެ. އެހެންކަމުން ވެރިކަމުގެ ފަރާތުން ކުރަމުން އަންނަ ކަންކަމަށް ރުހުމުގައި އަދި ނުރުހުމުގައި ނަމަވެސް ކިޔަމަންވެ ބޯލަނބައިގެން ތިބުން ނޫން ގޮތެއް އޭރު ދިވެހި ރައްޔިތުންނަކަށް ނެތެވެ. 

2008 ވަނަ އަހަރު ފެހި ޤާނޫނު އަސާސީ ވުޖޫދަށް އައުން ވެގެން ދިޔައީ، ދިވެހިންއެތައް ޒަމާނެއްވާންދެން ގައިދު ކުރެވިފައިވާ ޖަލަކުން މިންޖުވުން ކަމަށެވެ. އެއާއި އެކު ފެނިގެން ދިޔައީ ހީވެސް ނުކުރާ ފަދަ މަންޒަރެކެވެ. ގޮތް ހުރި އަބުރުވެރި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޤައުމުގެ އިޖުތިމާއީ ފޭރާންވީދި ސިޔާސީ ބޭނުމަށް އެއްބަޔަކު އަނެއް ބައެއްގެ އަބުރުކަތިލައި، ހަމަނުޖެހުމާއި މާރާމާރީ ހިންގުމަށް ގޮވާލެވެމުން ދިޔައީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނިވަލުގައެވެ.

2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އައު ޤާނޫނު އަސާސީ ތަސްދީޤުކުރެވިގެން ދިޔައިރު އެޤާނޫނުގެ ދަށުން ހަދަންޖެހޭ އެތައް ޤާނޫނަކާއި ޤަވާއިދެ އޮތީ ނުހެދިއެވެ. ނަތީޖާއަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ރެގިއުލޭޓް ނުކުރެވި ބޮއްސުން ލައިގެން ދިޔުމެވެ. ދުލަށް އައިހައިއެއްޗެއް ގޮވުމެވެ. ސާބިތު ނުހިފޭ ވާހަކަތަކުން ސޯޝަލްމީޑިއާގައި މީހުންގެ އަބުރު ކަތިލައި ޤަދަރުވެރީންގެ އިއްޒަތްވެއްޔާ މޮޑެލުމެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ބޭނުމަކީ ނުވަތަ އިދިކޮޅު އެކްޓިވިސްޓުންގެ ބޭނުމަކީ، ދުލައި އައިހާ އެއްޗެއް ގޮވައިގެންވެސް، މީހުންގެ އަބުރާއި ޤަދަރު ދުއްވާލައިގެންވެސް، އަދި ބިރުދައްކައި ފިތުނަތައް އުފަންކޮށްގެން ވިޔަސް ވެރިކަން ހޯދުން ކަމަށް ވަނީ ވެފައެވެ. އެކަމަކު އެކަންކަމުން އާޚިރުގައި ނުކުންނާނެ ނަތީޖާއަކީ، މުޅި ޤައުމުުގެ ހުރިހާ ރައްޔިތުން އުފުލާންޖެހޭނެ ވޭނާއި ތަކްލީފެވެ.

މިދެތިން ދުވަހު އެންމެ ބޮޑު ކަންބޮޑުވުމެއް ގިނަބަޔަކު ފާޅުކުރަނީ، ޗެނަލް 13އިން ގެނެސްދިން ރައްޔިތުންގެ އަޑު ކިޔާ ޕްރޮގްރާމެއްގައި ބައިވެރިވި މީހަކު، ރައީސުލްޖުމުހޫރިއްޔާގެ ގައިގައި އަލިފާންޖަހަށް ގޮވާލި މައްސަލައިގައެވެ. ކަމުގެ ބާވަތުން އެއީ ނުހަނު ސީރިއަސް މައްސަލައެކެވެ. އެކަމުގައި ޝާމިލްވާ ފަރާތްތައް ބަންދުކޮށް ފިޔަވަޅު އަޅަންޖެހޭނެ މައްސަލައެކެވެ.

މިހާތަނަށް މީޑިއާއަށް ތިލަވެފައިވާ މައުލޫމާތަށް ބަލާއިރު، ރައީސުލްޖުމުހޫރިއްޔާގެ ގައިގައި އަލިފާން ޖަހަން ޖެހޭކަމަށް ބުނި މީހަކީ، މެދުރާއްޖެތެރޭގެ ރަށަަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ނަމާއި ފޮޓޯ އާއި ފޯނުނަމްބަރަށް ދާންދެން ޖަހައި، ސޯޝަލް މީޑިއާގައި ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން އަންނަނީ، އޭނާއަށް ގޯނާކޮށް އިންޒާރުތައް ދެމުންނެވެ. އެކަމަކު އެއީވެސް ގޯހެކެވެ. ކުށްކުރި މީހާއަށް އަދަބުދޭންވާނީ، ތަންފީޒީ އިދާރާތަކުންނެވެ. އާއްމުންނެއް ނޫނެވެ. އެކަމަކު އަދުގެ ހާލަތަށް އަންނަން މިޖެހުނީ ތަންފީޒީ އިދާރާތަކަށް އެކަށީގެންވާ ގޮތުގައި ޒިންމާ އަދާނުކުރެވޭތީއެވެ.

ރައީސް ނަޝީދުގެ ކަރު ބުރިކޮށްލަންވެސް މީހަކު ގޮވިއެވެ.  މިނިސްޓަރުން ދަންޖައްސަންވެސްް މުޒާހަރާތަކުގައި ގޮވިއެވެ. ޓީވީތަކުން ލައިވް ބްރޯޑްކާސްޓްވެސް ކުރިއެވެ. އެހެންނަމަވެސް އެކަންކަން ބަލައި ފިޔަވަޅު ނޭޅި އޮތުމުގެ ނަތީޖާއަކީ ޤައުމު މިއަދު މިހާލަތަށް ވެއްޓުމެވެ.

ލައިވް ޓީވީގައި ރައީސުލްޖުމުހޫރިއްޔާގެ ގައިގައި އަލިފާންޖަހަން ގޮވާލި މީހާއަކީ، އިލްމީ ގޮތުން ގުރޭޑް 5ގެ ފެންވަރުވެސް ނެތް މީހެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އިޖުތިމާއީ އާއްމު މިންގަނޑުތަކާއި އުސޫލުތައްވެސް އެނގޭމިންވަރަށް ވުރެ ހޭލުންތެރިކަން ކުޑަ މީހެކެވެ. ވީމާ، އެފަދަ މީހަކު ލައްވައި ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދައްކުވާނަމަ، އެކަމަށް ފުރުޞަތު ދިން ފަރާތުންވެސް ޒިންމާވާން ޖެހެއެވެ. 

ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާއި، އެތިކްސްއަށް ބަލާއިރު، ލައިވް ޕްރޮގްރާމެއްގައި އޮންއެއަރ ދޫކޮށްލެވޭ މީހާއަށް އޭނާއަށް ވާހަކަ ދެއްކޭނެ ހުދޫދުތައް ބަޔާންކޮށްދޭންޖެހޭނެއެވެ. ދެއްކޭނެ ވާހަކަ އާއި ނުދެއްކޭނެ ވާހަކަ ބުނެދެވެން ވާނެއެވެ. މިގޮތުން ބަލާއިރު، ޕްރޮގްރާމްގެ ބައިވެރިޔާ ރައީސުލްޖުމުހޫރިއްޔާގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލުމުން ވަގުތުން އެކަން ހުއްޓުވެން ވާނެއެވެ. އަދި އޮންއެއާގައި އޭނާއަށް އެއީ ކުށެއްކަން ބަޔާންކޮށްދީ އެކަމަށް މަޢާފަށް އެދެން އެންގެންވާނެއެވެ. ލައިވް ޕްރޮގްރާމްތަކުގެ ޕްރެޒެންޓަރުންނާއި ޕްރިޑިއުސަރުންނަކީ އެފަދަ ހުޝިޔާރު ބަޔަކަށް ނުވެވޭނަމަ، އެފަދަ ޗެނަލްތައް ހިންގުމުގެ ފުރުޞަތު ދެވިފައި އޮތުމަކީ، މިގެއްލުންތައް އިތުރަށް ތަކުރާރު ވެގެންދާނެ ކަމެކެވެ.

ފިޔަވަޅު ނޭޅި ދިޔަކަންކަން އެހިސާބަށް ދޫކޮށްލާފައި ނަމަވެސް މިއަދު ހަރުކަށި ފިޔަވަޅުތައް އަޅަންޖެހެނީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައެވެ. އެމީހަކު ބުނާ ބަހަކަށް ކުރާ އަމަލަކަށް އެމީހަކު ޒިންމާވެ ޖަވާބުދާރީވާން ނުޖެހޭނަމަ އެމުޖުތަމައެއްގައި ހަމަޖެހުމެއް ނޯންނާނެއެވެ.

ނޫސްވެރިކަމުގެ އާއްމުން އަސާސީ މިންގަނޑާއި، ކޯޑްއޮފް ކޮންޑަކްޓާއި ޚިލާފުވާ ނޫސްތަކާއި ޓީވީ ޗެނަލްތަކަށް ފިޔަވަޅު އެޅުމަކީ، ޚިޔާލުފާޅު ކުުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމެއް ނޫނެވެ. އެހެންނަމަވެސް އެގޮތަށް އެޅޭ ކޮންމެ ފިޔަވަޅަކީވެސް ޤާނޫނާއި ޤަވާއިދުތަކުގެ އިމުގެ ތެރޭގައި ހަމަހަމަގޮތެއްގައި އެޅޭ ފިޔަވަޅުތަކަށް ވާންޖެހޭނެއެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 70އަށް ވުރެ ގިނަ އަހަރުވީ ނަމަވެސް އަދިވެސް ޒިންމާދާރު ނޫސްވެރިކަމަކަށްވުރެ، ނޫސްވެރިކަމާއި ބްރޯޑްކާސްޓިންގ މީޑިއާވެސް އޮތީ ސިޔާސީ ނުފޫޒުތަކުގެ ތެރޭގައެވެ. އެހެންކަމުން، މިނިވަން މީޑިއާގެ ވެއްޓެއް ޤާއިމް ކުރެވެން އޮތީ ނޫސްވެރިން ސިޔާސީ ފިކުރާއި ވިސްނުމުން އެއްކިބާވެ ހަމައެކަނި ޤައުމީ މަސްލަހަތުގައި މަސައްކަތްކޮށްގެނެވެ. ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަމަކީ، ނޫސްވެރިކަން ރެގިއުލޭޓް ކުރުމުގައި މިހާރަށްވުރެވެސް ހަރުދަނާވުމެވެ.

 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.