އިރުގެ ދޯދިން ވިޓަމިންޑީ ލިބިދޭ---

ހެނދުނު ޖޮގިންއަށް ނިކުންނަންވީ މި ސަބަބައްޓަކައި

ހުކުރު 10 ޑިސެމްބަރ 2021 | ލަޒީނާ ޢަބްދުالله

ހެނދުނު ހެނދުނާ ދުވަސް ފެށުމުގެ ގޮތުން ކަސްރަތު ކޮށްލާ، ދުވެ ހިނގާލުމަކި މީހާ ތާޒާކޮށްދޭ ކަމެކެވެ. ގިނަ ބަޔަކު ހެނދުނު ކަސްރަތު ކުރުމަށާއި ހިނގަން ނިކުމެ އުޅެނީ ހަށިގަނޑު ފިޓްކޮށް ބެހެއްޓުމައްޓަކައެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު މުހިންމުވާތީއެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ހެނދުނުގެ ކަސްރަތައް ނިކުތުމުން ހަށިގަނޑު ފިޓްކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިންމު މާއްދާއެއް ކަމަށްވާ ވިޓަމިންޑީ ހަށިގަނޑަށް ލިބިދިނުމަށްވެސް ހެނދުނުގެ ކަސްރަތު އެހީވެދެއެވެ.

Advertisement


ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ހޯދުމަށް ރަނގަޅު ކާނާކާ ޖެހޭއިރު، ވިޓަމިންޑީ ހޯދުމަށްވެސް ވިޓަމިން ޑީ އެކުލެވިގެންވާ ކާތަކެތި ބޭނުންކުރަންޖެހެއެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ ކާތަކެއްޗަށްވުރެ ބޮޑަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ލިބިދިނުމުގައި އިރު އަރައިގެން އަންނަ ވަގުތު އެ ދޭ އަވި ކުޅޭ ރޯލު ބޮޑެވެ. އިރުގެ އަލީގައި ހިމެނޭ އަލްޓްރާ ވައިލެޓް-ބީ ރޭޑިއޭޝަން ހަންގަނޑުގައި ޖެހުމުން ވިޓަމިން ޑީ އުފެދޭއިރު، ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ހަށިގަނޑަށް ބޭނުންވާ ވައިޓަމިން ޑީ ގެ ގާތްގަނޑަކަށް 70–90 ޕަސެންޓް ލިއްބައިދެނީ އިރުގެ އަވިންނެވެ.

ވިޓަމިންޑީ ހޯދުމަށް އެންމެ ރަނގަޅީ އިރުއަރައިގެން އަންނަވަގުތު ދޭ އަވިކަމަށް ދިރާސާތަކުން ހާމަވެއެވެ. ދުވާލަކު މަދުވެގެން 15 މިނިޓް، އިރު އަރާގަނޑީގައި، އެއްވެސް ހުރަހެއް ނެތި ސީދާ ހަންގަނޑަށް އިރުގެ ދޯދިތައް އެޅޭ ގޮތައް ހޭދަކުރާނަމަ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ލިއްބައިދޭނެއެވެ. ހާވާވާޑްގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އާދަކޮށް ކޮންމެ ދުވަހަކުވެސް ދުވެ ފެތުން ފަދަ ކަސްރަތުތައް ކުރާ މީހުންގެ ހަށިގަނޑުގައި ވިޓަމިންޑީ އެކަށީގެންވާ މިންވަރަށް ހުރެއެވެ. ހަމަ އެއާއެކު އިރުގެ އަވިން މީހާގެ މޫޑު ރަނގަޅު ކޮށްދީ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކޮށްދޭކަންވެސް ވަނީ ހާމަވެފައެވެ.

ވިޓަމިން ޑީއަކީ ކެލްސިއަމް އާއި ފޮސްފަރަސް ފަދަ މިނަރަލަސްތައް ހަށިގަނޑުގައި ދައުރުވުމަށް އެހީވެދޭ މާއްދާއެކެވެ. ވިޓަމިން ޑީއަކީ ހަށިގަނޑުގެ މަސްތަކާއި ނާރުތަކުގެ އިތުރުން ދަތްތަކާއި ކަށިތައް ވަރުގަދަ ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާ އެކެވެ. ވިޓަމިންސް ޑީ ހަށިގަނޑަށް ބޭނުންވާ ވަރަށް ނުލިބޭނަމަ، ތަފާތު އެކި ބަލިތަކާއި ކުރިމަތިލާންޖެހެއެވެ.

ރާއްޖެފަދަ އިރުގެ އަލިކަން ފުރިހަމައަށް ލިބޭ ގައުމެއްގައިވެސް، އެތައް ބަޔަކަށް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ޑީ ނުލިބެއެވެ. ހާއްސަކޮށް ދުވަސްވީ ގިނަ މީހުން ވިޓަމިން ޑީ ހޯދުމަށްޓަކައި އަންނަނީ ބޭސް ކަމުންނެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް އިރުގެ އަލި ލިބޭ ގޮތައް އާދަކޮށް ހެނދުނު ހިނގާލާ، މޫދަށް އެރި ކަސްރަތު ކޮށްލުން އެންމެ މުހިންމުވާ ސަބަބަކީ އިރުގެ ދޯދިން ލިބިދޭ ވިޓަމިން ޑީ ހޯދުމެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.