
ވައިޓްހެޑްސް ފިލުވާލުމަށް އެހީއެއް
މޫނުގައި ހުންނަ ވައިޓް ހެޑްގެ ސަބަބުން މޫނުގެ އޮމާންކަން ގެއްލި، މޫނު ތެޔޮވުމަށް މަގުފަހި ކުރުވައެވެ. ހާއްސަކޮށް ވައިޓް ހެޑް ފިލުވުމަށް ކޮށްޓުމުގެ ސަބަބުން، ވައިޓް ހެޑް ރަނގަޅަށް ސާފުނުވެ، ވައިޓް ހެޑް އިންނަ ހިސާބު ކަޅުވާ ގޮތްވެދެއެވެ. ވައިޓް ހެޑްތައް ފަސޭހައިން ނައްތާލުމަށް ތިރީގައި މިވަނީ ކުޑަ ކުޑަ އެހީއެކެވެ.

އާވިއެރުވުން
މޫނަށް އާވިއެރުވުން ވައިޓް ހެޑްތައް ހުންނަ ލޯވަޅުތައް ހުޅުވިގެންދާނެއެވެ. މި ގޮތައް ހުޅުވިގެންދާއިރު، ޓިޝޫކޮޅަކުން ވައިޓް ހެޑްސްތައް ފޮހެލާށެވެ. އެއް ފަހަރުން ވައިޓް ހެޑްތައް ފިލުވާ ނުލެވިއްޖެނަމަ، އަނެއްކާވެސް މޫނަށް އާވި އަރުވާލުމަށްފަހު، ވައިޓް ހެޑްސްތައް ނައްޓާލުމަށް މަސައްކަތްކުރާށެވެ.
ޓީ ޓްރީ އޮއިލް
ޓީ ޓްރީ އޮއިލްއަކީ އެންޓިމައިކްރޯބިއަލް އާޢި އެންޓި އިންފްލިމޭޓަރީ އެކުލެވިގެންވާ ތެލެކެވެ. މައިގަނޑު ގޮތެއްގައި މޫނު ދޮންނަ އެއްޗެއްސާއި މޫނު ސާފުކޮށް، މޫނުގެ ކުލަ އަލި ކުރުމަށް ބޭނުންކުރާ ހުރިހާ އެއްޗެއްގައި ޓީ ޓްރީ އޮއިލް ބޭނުންކޮށްފައި ހުރެއެވެ. ވައިޓް ހެޑްސް ހުންނަ ހިސާބުގައި ކަފަބުރަކުން ޓީ ޓްރީ އޮއިލް އުނގުޅާލުމަށްފަހު، ފަސް ވަރަކަށް މިނިޓްފަހުން ދޮވެލާށެވެ.
ރަނގަޅު ކާނާ ކެއުމާއި ހަންގަނޑަށް އަލާޅުން
ތައްޔާރީ ކާނާ ހާއްސަކޮށް ގިނައިން ތެޔޮ އެކުލެވޭ ކާނާ ކެއުމަކީ މޫނު ތެޔޮވެ، މޫނުގައި ބިއްސާއި ވައިޓް ހެޑްސްއިތުރުކޮށްދޭނެ ކަމެކެވެ. އެހެން ކަމުން އެފަދަ ކެއުންތައް ކެއުން މަދުކޮށް، ފެހިކަން ގަދަ މޭވާއާއި ތަރުކާރީ ކެއުމުގައި އިތުރުކުރަން ވާނެއެވެ. އޭގެ އިތުރުން އެކަށީގެންވާ މިންވަރަށް ދިޔާތަކެތި ހާއްސަކޮށް ފެން ބުއިމަށް އާދަކުރާށެވެ. އޭގެ އިތުރުން ދުވާލަކު މަދުވެގެން ދެ ފަހަރު މޫނު ދޮވެ، ސާފުކުރަން އިސްކަންދޭން ވާނެއެވެ.