
ރޯދައިގެ ފައިދާ
1. ސުވަރުގެ ވަނުމަށް ވާ މަގެއް

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: "ހަމަކަށަވަރުން ސުވަރުގޭގައި "އައް ރައްޔާނު" އޭ ކިޔޭ ދޮރުކޮޅެއް ވެއެވެ. ޤިޔާމަތްދުވަހު ރޯދަވެރިން އެދޮރުކޮޅުން (ސުވަރުގެއަށް) ވަންނާނެތެވެ. އެއުރެންނާއެކު އެއުރެން ފިޔަވައި އެހެންމީހަކު (އެދޮރުކޮޅަކުން) ނުވަންނާނެއެވެ. (އެދުވަހުގައި) ނިދާ އިއްވެވޭނެއެވެ. ރޯދަވެރިން ކޮބައި ހެއްޔެވެ؟ ދެން އެއުރެން އެދޮރުކޮޅުން ވަންނާނެތެވެ. ފަހެ އެއުރެންގެ އެންމެފަހު މީހާ ވަންނަ ހިނދު، އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ފަހެ އެހެން އެއްވެސް މީހަކަން އެދޮރުކޮޅަކުން ނުވަދެވޭނެއެވެ." (رواه أحمد, البخاري, مسلم والنسائي)
2. އިސްވެގޮސްފައިވާ އެންމެހާ ކުދިފާފަތަކެއް ފުހެވިފގެންދޭ
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: "އީމާންވެހުރެ، ﷲގެ ޙަޟްރަތުން ޘަވާބާއި އަޖުރަން އެދޭ ޙާލު، ރަމަޟާންމަހުގެ ރޯދަހިފައިފި މީހާ، ދަންނައެވެ. އޭނާގެ އިސްވެދިޔަހާ ކުދިފާފައެއް ފޮހެވިގެންދާނެއެވެ." (رواه أحمد, البخاري, مسلم وأصحاب السنن)
3. މުސްލިމަކު ރޯދައަށް ހުއްޓާ މަރުވެއްޖެ ނަމަ ސުވަރުގެ ވަންނާނެ
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: "އެމީހަކު ރޯދައަށް ހުރި ދުވަހެއްގައި އޭނާގެ ނިމުންވެއްޖެ މީހާ ސުވަރުގެ ވަންނަހުއްޓެވެ." (رواه أحمد والبزار وصححه الألباني)
4. ރޯދައިގައި ކުރާ އަމަލުތަކުގެ ޘަވާބަކަށް ވަކި މިންވަރެއް ނުވޭ
މާތްﷲ ވަޙީކުރެއްވި ބަސްފުޅުއްގެ މާނައިގައި ވެއެވެ: "އާދަމުގެ ދަރިޔާ ކުރާ ހުރިހާ ޢަމަލެއް ނިސްބަތްވަނީ އޭނާއަށެވެ. އެއީ ރޯދަ ފިޔަވައެވެ. އެޢަމަލު ނިސްބަތްވަނީ ތިމަން ﷲއަށެވެ. އެޢަމަލަށް ޖަޒާދެއްވާނީވެސް ޚުދު ތިމަން ﷲއެވެ." (رواه أحمد, البخاري ومسلم)
(މާތްﷲ އަށް ރޯދައިގެ އަޅުކަން ނިސްބަތްކުރައްވާފައި އެވަނީ މާތްކަމުގެ ގޮތުންނެވެ.)
5. އެއްހާސް މަހަށްވުރެ ޘަވާބު އިތުރު ވެގެން ވާ ރެއެއް ރޯދަމަހުގައިވޭ
މާތްﷲ ވަޙީކުރެއްވި ބަސްފުޅުއްގެ މާނައިގައި ވެއެވެ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރެއަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ލައިލަތުލް ޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ"
ލައިލަތުލް ގަދްރި ވިލޭރޭ ވަނީ ރަމަޟާން މަހުގެ ފަހުދިހައިގައެވެ. އަދި ލައިލަތުލް ގަދްރި ވިލޭރޭގެ އަޅުކަމުގެ ޘަވާބު އެއްހާސް މައްސަރުގެ އަޅުކަމުގެ ސަވާބަށްވުރެ ގިނަވެގެންވެއެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ކޮންރެއެއްކަން ނޭނގޭ އިރު ލައިލަތުލް ގަދްރި ވިލޭރޭ ހޯދުމަށް، ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަންއިތުރު ކުރުން މުހިންމެވެ.
6. އިޙްލާސްތެރި ކަމާއެކު ރޯދައެއް ހިފައިފި މީހާ ނަރަކައާ ދުރުކުރެވޭ
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: " ﷲގެ ވަޖްހުފުޅަށްޓަކައި ރޯދައެއް ހިފައިފިމީހާ ދަންނައެވެ. އޭނާގެ މޫނު ނަރަކައާ ހަތްދިހަ އަހަރުގެ ރާސްތާއަށް މާތްﷲ ދުރުކޮށްދެއްވަވާނެއެވެ." (رواه أحمد, البخاري, مسلم, الترمذي وابن ماجه)