ފޮޓޯ:މިލަންދޫ

ބުލީ ކުރުމާއި ދެކޮޅަށް މިލަންދޫ ކައުންސިލުން ކުދިން މޮނިޓަރ ކުރަނީ

ބުދަ 18 މެއި 2022 | އަޒުލާ

ބުލީކުރުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދަށުން ށ. މިލަންދޫ ކައުންސިލުން އެ ރަށުގައި އުޅޭ ސްކޫލް ދަރިވަރުންގެ ކަންކަން ބަލާ މޮނީޓާކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

Advertisement


މިލަންދޫ ކައުންސިލުން މި ފިޔަވަޅުތައް އަޅަން ނިންމީ ދާދިފަހުން ސޯޝަލް މީޑިއާގައި އެ ރަށުގެ ކުދިންތަކެއް މާރާމާރީ ހިންގާ، ކުއްޖަކަށް ގޯނާކޮށް، ބުލީކުރި ވީޑިއޯއެއް ދައުރުވުމާއި އެކު، އެކަން ކުރި ކުދިންނަށް ފިޔަވަޅު އެޅުމަށް ގިނަބަޔަކު އަޑު އުފުލަން ފެށުމާއި ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއެއްގައި މިލަންދޫ ސްކޫލްގައި އުޅޭ ކުޑަކުދިންތަކެއް އެކުވެގެން އެރަށު ފުޓްބޯޅަ ދަނޑާއި ދިޟާ ވަލުތެރެއަށް ކުއްޖަކު ގެންގޮސް އަނިޔާ ކުރާތަން ފެނެއެވެ. އެވީޑިއޯއާއިއެކު ސޯޝަލް މީޑިއާގައި ގިނަބަޔކު އެކަން ކުށްވެރިކޮށް އެކުދިންނަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގޮވަންފެށިއެވެ.

އެޔާއިއެކު މިލަންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސްކޫލު ދަރިވަރުން މުހިންމު ބޭނުމެއްނެތި ރަށުތެރޭގައި ގްރޫޕް ހަދައިގެން އުޅޭ މިންވަރު އިތުރުވެފައިވާ ކަން މިހާރަކަށް އައިސް ފާހަގަކުރެވިފައިވާ ކަމަށާއި ކުދިންގެ މެދުގައި ބުލީކުރުން އިތުރުވެފައިވާ ކަން ވެސް ފާހަގަކުރެވޭ ކަމަށެވެ.

މިފަދަ އަމަލުތަކަކީ އެ ދަރިވަރުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކެއް ކަމުގައި ބެލެވޭތީ، އެކަން ހުއްޓުވައި، ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ކަށަވަރު ކޮށްދިނުމުގެ މަގްސަދުގައި ރަށުގެ މުއައްސަސާތައް ގުޅިގެން ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރިވާގޮތް މޮނިޓަރ ކުރުމަށް ނިންމާފައިވާ ކަމަށް މިލަންދޫ ކައުންސިލުގެ ބަޔާނުގައިވެއެވެ.

މިލަންދޫ ކައުންސިލުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލް ދަރިވަރުން، ކުޅިވަރުކުޅޭ ދަނޑުތައް ބޭނުންކުރާ ގަޑިއަކީ ހަވީރު 04:00 އިން 06:00 އަށް ކަމަށް ކަނޑައަޅައި މިނޫން ވަގުތުތަކުގައި ހާއްސަކޮށް ރޭގަނޑު ދަނޑަށް ގޮސް ކުޅެން އުޅުމަކީ މަނާކަމެއް ކަމަށް ކަމަށް ކަނޑައެޅުމާއި ކުޅެން ދިއުމަށް ކަނޑައަޅާފައިވާ ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި ކުޅެން އުޅޭ ދަރިވަރުންނާއި، އަދި ކުޅުމަށް ކަނޑައަޅާފައިވާ ވަގުތުގައި އެކަމަށް އެކަށޭނަ ވަގުތަކަށް ހެދުން (ކުޅިވަރު ކުޅުމުގައި ބޭނުންކުރާ ޖާރޒީ ފަދަ ހެދުން) ބޭނުން ކުރުމުގެ ބަދަލުގައި ހަވީރީ ހެދުން ލައިގެން ކުޅެންދާ ދަރިވަރުން ގެއަށް ފޮނުވާލުން ހިމެނެއެވެ.

މީގެ އިތުރުން، މިސްކިތަށް ނަމާދަށް ގޮސް މިސްކިތުގެ ބޭރާއި އެތެރޭގައި ވާހަކަދައްކައި، ސަކަރާތްޖަހާ ދަރިވަރުންނާއި މެދު ފިޔަވަޅު އެޅުމާއި ރޭގަނޑު އެކި ސަރަޙައްދުތަކުގައި (ޖޯލިފަތި، ބޯޅަދަނޑު، ރަންފަސް ބީޗް، ސިކުނޑި ކުޅި) ފަދަ ތަންތަނުގައި ގްރޫޕް ހަދައިގެން، ބެލެނިވެރިންނާއި ނުލައި އުޅޭ ދަރިވަރުން ގެޔަށް ފޮނުވާލައި، އެ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

އަދި ސްކޫލް ދަރިވަރުން، އެކަނި ނުވަތަ ގްރޫޕް ހަދާފައި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުން މަނާކޮށް އެފަދަ ތަންތަނަށް ދާނަމަ، ދާންވާނީ ބެލެނިވެރިޔަކާއި އެކު ކަމަށް ކަނޑައަޅައި ސްކޫލު ދަރިވަރުން، އައުޓްޑޯރ ޖިމް ބޭނުންކުރާނަމަ، ބޭނުންކުރަންވާނީ އެތަން ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ނިންމުމުގެ އިތުރުން، ބެލެނިވެރިންނާއެކު ނޫނީ މޫދަށް ނޭރުމާއި، ގަވާއިދާއި އެއްގޮތަށް ބައިސްކަލު ދުއްވުން ފަދަ ކަންކަން މަޖުބޫރުކުރަން މިލަންދޫ ކައުންސިލުން ނިންމާފައި ވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.