ދިވެހި ފުލުހުންގެ އޮނިގަނޑަށް މާދައިން ފެށިގެން ބޮޑު ބަދަލެއް އަންނާނެ / ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް

އާދީއްތަ 30 ޖޫން 2024 | އަހުމަދު ދާއޫދު

ދިވެހި ފުލުހުންގެ ޢިދާރީ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ހަމަކޮށްފިއެވެ.

Advertisement


އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ކަންކަން ހާސިލް ކުރުމުގެ ގޮތުން އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައި މާދަމާ އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، މުޅި އޮނިގަނޑު ލޯކަލް ޕޮލިސިން ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް އާއި ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ވަނީ ބައްޓަން ކޮށްފަ އެވެ. އެގޮތުން، ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އާއި ޓެކްނޮލޮޖީ، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް އަލަށް ގާއިމް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު އާންމު ކުރި ގޮތުގައި، އާ އޮނިގަނޑާއެކު ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް، ތަނާ އެކަށީގެންވާ ޕޮލިސިން ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ވަނީ ގާއިމްކޮށްފަ އެވެ.

އަދި، އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގުސަދެއް ކަން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، ތަައުލީމާއި ތަމްރީނާ ގުޅޭގޮތުން ކޮމާންޑް އާއި ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ އައްޔަނުކޮށްފަ އެވެ.

ފުލުހުން ބުނީ، އެ ހިދުމަތުގެ ގަވަނަންސް ނިޒާމް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ހިދުމަތްތައް ތަރުތީބު ކުރުމަކީ ވެސް މި ބަދަލުތަކުގެ މުހިންމު މަގުސަދެއް ކަމަށެވެ.

"އަވަސް އަދި އިތުބާރު ކުރެވޭ ހިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީ ވެސް މި ހަތަރު އަހަރުގެ ޕްލޭންގައި ފޯކަސް ކުރާން ވަރަށް މުހިންމު ދާއިރާއެއް،" ފުލުހުން ބުންޏެވެ.

ފުލުހުންގެ ކުރިއަށް އިތް ހަތަރު އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހުކޮށްފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.