މިފްކޯއަށް މަސް ގަންނަ އަގަށް ބޮޑު ބަދަލުތަކެއް އަންނާނެ / ފޮޓޯ:މިފްކޯ

މިފްކޯއަށް މަސް ގަންނަ އަގު ހަފްތާއިން ހަފްތާއަށް ކަނޑައަޅާގޮތަށް އެކުންފުނިން ނިންމައިފި

އާދީއްތަ 30 ޖޫން 2024 | އަހުމަދު ދާއޫދު

ރާއްޖޭގެ މަސްކުންފުނި މިފްކޯއަށް މަސް ގަންނަ އަގު ހަފްތާއިން ހަފްތާއަށް ކަނޑައަޅާގޮތަށް އެކުންފުނިން ނިންމައިފި އެވެ.

Advertisement


މިފުކޯއިން ނެރުނު ނޫސްބަޔާނެއްގައި އެކުންފުނިން ބުނީ މިއީ އެ ކުންފުންޏަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ގެނައި ބަދަލެއް ކަމަށެވެ.

"އެކެއް ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓު ކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގައްގައި. މި އަގު ކޮންމެ ހަފްތާއަކު އާންމުކޮށް މިފްކޯއިން އިއުލާން ކުރަމުން ގެންދާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މިހާތަނަށް މަސްވެރިން އެ ކުންފުންޏަށް ކިރާފައިވާ މަހަށް މާދަމާ ފައިސާ ދޫކުރާނެ ކަމަށް ވެސް މިފްކޯއިން ބުނެފައިވެ އެވެ. މާދަމާ ދޫކުރާ ފައިސާ ހިމެނުމުން މިއަހަރުގެ ތެރޭގައި މަސްވެރިންނަށް 353 މިލިއަން ރުފިޔާ ދޫކުރެވިފައިވާނެ ކަމަށް މިފްކޯއިން ބުނެ އެވެ.

"ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައި. މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓު ކުރަމުން ދިއުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން،" މިފްކޯއިން ބުނެފައިވެ އެވެ.

މީގެ އިތުރުން މިފްކޯގެ ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިފްކޯ އިން މިހާތަނަށް މަސް ގަންނަމުން އައީ ބާޒާރުގައި ވިއްކާ އަގަށް ނުބަލައި ސަރުކާރުން ކަނޑައަޅާ އަގަކަށެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ސަރުކާރުން ވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކޮށްފަ އެވެ. އަދި މި ސަރުކާރުން ވަނީ އެ އަދަދު 20ރ. އަށް ކުޑަކޮށްފަ އެވެ.

އަގު ކުޑަ ކުރުމުން ވެސް މަސްވެރިންނަށް ފައިސާ ދެވެނީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެންނެވެ. ކޮންމެ އަހަރަކު ގާތްގަނޑަކަށް މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅަ އެވެ.

މަހުގެ އަގު ބާޒާރާ އެއްވަރަށް ކުޑަ ކުރުމަށް ކަމާ ގުޅޭ ތަޖުރިބާކާރުން ގޮވާލި ނަމަވެސް އެކަން ނުކުރާތީ ގިނަ ފަހަރަށް މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ ދިނުން ލަސްވެ އެވެ. އެ މައްސަލާގައި މި ސަރުކާރު ފެށުނީއްސުރެ މިއަދާ ހަމައަށް މަސްވެރިން ވަނީ ވަރަށް ގިނަ މުޒާހަރާތައް ކޮށްފަ އެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.