
ޕާކިސްތާނުގެ ބޮޑުވަޒީރު ތިންވަނަ ފަހަރަށް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ
ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފަށް ތިންވަނަ ފަހަރަށް ކޯވިޑް ޖެހިއްޖެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރަށް އެންމެ ފުރަތަމަ ކޯވިޑް ޖެހުނީ، މިއަހަރުގެ ޖެނުއަރީގައެވެ. އޭގެ ފަހުން ޖޫންމަހުވެސް ކޯވިޑް ޖެހުނެވެ. މިފަހަރު ކޯވިޑަށް ޕޮޒިޓިވްވީ، އިނގިރޭސި ވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި އިސްލާމްއާބާދަށް ވަޑައިގެންނެވި ތަނާއެވެ.
ޝެހެބާޒް ޝަރީފް ލަންޑަނަށް ވަޑައިގެންނެވީ، މިމަހުގެ ކުރީކޮޅު މިސްރުގެ ރިޒޯޓްރަށެއް ކަމުގައިވާ ޝަރްމުއްޝައިޚްގައި އޮތް ކޮޕް27 ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ، މިސްރުން އޭނާ ލަންޑަނަށް ވަޑައިގެންނެވީ، ބޭބޭފުޅު ނަވާޒު ޝަރީފާއި ބައްދަލުކޮށްލެއްވުމަށެވެ.
2017 ވަނަ އަހަރު ޕާކިސްތާނުގެ ސްޕްރީމްކޯޓުން ނަވާޒު ޝަރީފް ބޮޑުވަޒީރުކަމުގެ މަޤާމުން ވަކިކޮށް އޭނާގެ މައްޗަށް އިއްވި ހުކުމަށް ފަހުގައި، ބޭސްފަރުވާއަށް 2019ވަނަ އަހަރު ލަންޑަނަށް ވަޑައިގެންނެވި ގޮތަށް ނަވާޒް ޝަރީފް ދިރިއުޅުއްވަމުން ދަނީ ލަންޑަނުގައެވެ.
ލަންޑަންގެ ލަގްޒަރީ އެޕާޓްމަންޓްތައް ގަތުމާ ގުޅޭ ހަމަ ނަވާޒުޝަރީފަށްވެސް ކުރި ތުހުމަތުގައި ނަވާޒް ޝަރީފް ދަރިކަނބަލުން މަރިޔަމް ނަވާޒްގެ މައްޗަށް ވެސް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގުގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މަރިޔަމް ނަވާޒްގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކުން އޭނާ މިނިވަންވީ މިދިޔަ ސެޕްޓެމްބަރު މަހު އެމައްސަލަތައް އިސްތިޢުނާފް ކުރުމުންނެވެ.