
ސެންޓްރަލް ޕާކުގެ ފެންއަރުވާ ވަޑާން ބަންދުކޮށްފި
އެޗްޑީސީން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ތަރައްޤީކޮށްފައިވާ ފެންއަރުވާ ވަޑާމަށް ޓެކްނިކަލް މައްސަަލައެއް ދިމާވެ ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އެޗްޑީސީން ބުނީ، ސެންޓްރަލް ޕާކުގައި ގާއިމުކުރެވިފައިވާ ފެންއަރުވާ ވަޑާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވަނީ ވަގުތީގޮތުން ޚިދުމަތް ކެނޑިފައިވާ ކަމަށާ، މައްސަލަ ހައްލުކުރުމަށް ފަހު ވީއެންމެ އަވަހަށް ފެންއަރުވާ ވަޑާން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެޗްޑީސީން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ތަރައްޤީކޮށްފައިވާ ފެންއަރުވާ ވަޑާމަކީ، އިންޓަރެކްޓިވް ވޯޓާ ފައުންޓަންއެކެވެ. މިފެންއަރުވާ ވަޑާން ތަރައްގީ ކޮށްފައި ވަނީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. އަދި މަސައްކަތް ނިންމާ މިފެންއަރުވާ ވަޑާން އާއްމުނަށް ހުޅުވާލާފައި ވަނީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
ސެންޓްރަލް ޕާކުގައި ހުންނަ މި ފެންއަރުވާ ވަޑާމަކީ، ރާއްޖޭގައި ހުރި އެންމެ ބޮޑު ފެންއަރުވާ ވަޑާމެވެ. މިތަނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ވަރަށް މަޤުބޫލު ތަނެކެވެ.