
އަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭގަިއ ރާއްޖެއައި ފަތުރުވެރިންގެ އަދަދު ބައި މިލިޔަނާއި ގާތްކޮށްފި
މިއަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ބައިމިލިޔަނާއި ގާތްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހާމަކުރައްވާ ހަފްތާ ތަފާސްހިސާބުތަަކަށް ބަލާއިރު، މި ހިނގާ މާރިޗު މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ވަނީ، 483624 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީގެ ދެއަހަރާއި އަޅާ ބަލާއިރުވެސް ވަރަށް ބޮޑުތަން އިތުރު އަދަދެކެވެ. 2022 ވަނަ އަހަރު ރާއްޖެއަށް މިމުއްދަތުގެ ތެރޭގައި ޒިޔާރަތްކޮށްފައި ވަނީ، 394204 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ، 266752 ފަތުރުވެރިންނެވެ.
ކޯވިޑް-19އަށް ފަހުގައި ރާއްޖޭގެ ފަތުރުވެރިކަން ބާރު ދުވެލީގައި ކުރިއަރަމުން އަންނައިރު، ރާއްޖޭގެ އިޤުތިޞާދީ ޙާލަތުވެސް އަންނަނީ ރަނގަޅުވަމުންނެވެ. ރާއްޖެ ހިމެނެނީވެސް ކޯވިޑް-19އަށް ފަހު، އެންމެ އަވަހަށް އިޤުތިޞާދު އިއާދަވަމުން އަންނަ ޤައުމުތަކުގެ ތެރޭގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަނީ، ރަޝިޔާއިންނެވެ. އެޤައުމުން އެކަނިވެސް މި މުއްދަތުގެ ތެރޭގައި 59987 ފަތުރުވެރިން ވަނީ ރާއްޖެއައިސްފައެވެ. ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމަކީ އަވައްޓެރި އިންޑިއާއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސި ވިލާތުންނެވެ.
ރާއްޖޭގެ ރިޒޯޓުތަކާއި ހޮޓާ ގެސްޓްހައުސް އަދި ލިވަބޯޑް އުޅަނދުފަހަރު ހިމެނޭ ގޮތުން ރާއްޖޭގައި މިހާރު، 60382 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ.