
ޝާޒް އަށް ލާ ވޯޓަކީ ގެއްލިގެންދާނެ ވޯޓެއްނޫން- ރައީސުލްޖުމްހޫރިއްޔާ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްއަށް ލާ ވޯޓަކީ ގެއްލިގެންދާނެ ވޯޓެއްނޫންކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެއިންތިޚާބުގެ ކެމްޕެއިނަށް ގުރައިދޫ ދާއިރާގެ ތިން ރަށަށް ހޯމަދުވަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގުޅީގައި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަކި ޕާޓީއެއްގެ މެންބަރަކު ހުރެގެން ތަފާތު ނުކުރައްވާނެކަމަށާއި، ނަމަވެސް ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ސަރުކާރާއެކު މެންބަރު ހުންނަވާނަމަ ވަރަށްބޮޑަށް ފަސޭހަވެގެންދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއިރަކު އޮންނަ ސަރުކާރަކާއެކު މަސައްކަތްކުރުމުގެ ވިސްނުން މެންބަރު ގެންގުޅުއްވާނަމަ އެދާއިރާއަކަށް ތަރައްޤީ ގެނައުމުގައި ފަސޭހަތަކެއް ވެގެންދާކަމަށެވެ.
ކުރިއަށް އޮތް އިންތިޚާބުގައި އެވިސްނުމުގައި ވޯޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޝާޒްއަކީ ގުރައިދޫ ދާއިރާގެ ތަރައްޤީއަށް ޓަކައި ސަރުކާރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއްކަމަށެވެ. ޝާޒްއަށް ވޯޓް ދެއްވުމަސް ރައީސް އެދިވަޑައިގެންނެވިއެވެ. ވިދާޅުވީ މިވޯޓާއެކު ސަރުކާރުގެ މެނިފެސްޓޯގައި ގުރައިދޫ ދާއިރާއަށް ކުރަންހުރި ކަންކަން ކުރުމަށް ބޮޑުތަނުން ފަސޭހަވެގެންދާނެކަމަށެވެ.