
ލީގު ދިފާއުކުރަން ސިޓީއަށް ބޭނުންވަނީ ތިން މެޗުން 3 ޕޮއިންޓް
އާސެނަލް ބްރައިޓަން އަތުން ބަލިވުމާ ގުޅިގެން އަންނަ ހަފްތާގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތު މެންޗެސްޓަރ ސިޓީއަށް ލިބިއްޖެއެވެ.

ސިޓީއަށް ލީގު ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ހޯދުމުގެ ފުރުޞަތު ތަނަވަސްވީ އެވަޓަން އަތުން 3-0 ން މޮޅުވެފައި ވަނިކޮށް، އާސެނަލް ހަމަ އެނަތިޖާއިން ބްރައިޓަން އަތުން ބަލިވުމުންނެވެ. މިއާއެކު ދެޓީމްގެ ފަރަގު ހަތަރު ޕޮއިންޓަށް ފުޅާވިއިރު ސިޓީއަށް ބާކީ ތިން މެޗު އެބައޮތެވެ. އާސެނަލްއަށް އޮތީ ދެ މެޗެވެ.
މެންޗެސްޓަރ ސިޓީ އެވަޓަން އަތުން މޮޅުވި މެޗުގައި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކެޕްޓަން ގުންޑޮގާންއެވެ. މެޗުގައި ދެން ލަނޑު ޖެހި ހާލަންޑަށް ފުރުޞަތު ތަނަވަސްކޮށްދިނީވެސް ގުންޑޮގާންއެވެ.
އާސެނަލް ބްރައިޓަން އަތުން ބަލިވީ ދެވަނަ ހާފްގައި ކޮޅަށް ވަން ލަނޑުތަކުންނެވެ. އާސެނަލް ކޮޅަށް ތިން ލަނޑު ޖެހީ އެންސިސޯއާއި، ޑެނިސް އުންޑާވްއާއި، އެސްޓުޕިނާއެވެ. މިނަތީޖާގެ ސަބަބުން ދެ ޕޮއިންޓް ހޯދައިގެންވެސް ލީގު ކަށަވަރުވުމުގެ ފުރުޞަތު ސިޓީއަށް ބޮޑެވެ. އެއީ ގޯލްގެ ތަފާތުން ވަރަށް ބޮޑު ކުރިއެރުމެއް ސިޓީއަށް ލިބޭތީއެވެ. ސިޓީ އަންނަ ހަފްތާގައި ޗެލްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިންވެސް ލީގު ކަށަވަރުވުމުގެ ފުރުޞަތު އެބައޮތެވެ. އެއީ ހޮނިހިރު ދުވަހު އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން ބަލިވެއްޖެ ނަމައެވެ.