ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރަށް ރީ-ރަޖިސްޓަރީކުރުމަށް، އިންތިޚާބާބެހޭ މަރުކަޒަށް މިއަދު ހުށަހެޅި ފޯމުތައް ބަލައިގަތުމުގެ ތެރެއިން ---

ރީ-ރެޖިސްޓްރޭޝަނަށް ހުށައެޅި އަދަދާއި މެދު އިދިކޮޅުން ކަންބޮޑުވީ ކީއްވެ؟

ހޯމަ 18 ސެޕްޓެމްބަރ 2023 | މޫސަ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއެްވުމަށް ހަމަޖައްސާފައިވާއިރު، ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ، މިމަހުގެ 15 ވީ ހުކުރު ދުވަހުގެމެންދުރުފަހު 03:00 ން ފެށިގެން 2023 ސެޕްޓެންބަރު 17 ވީ އާދީއްތަ ދުވަހުގެ މެންދުރުފަހު 04:00 ޖެހުމާއި ހަމައަށެވެ. އޮންލައިންކޮށް އަދި، ފޯމު ހުށައަޅައިގެންވެސް ރީ-ރެޖިސްޓްރީ ވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލިއެވެ. 

Advertisement


މިމުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ރީ-ރެޖިސްޓްރޭޝަނަށް ފޯމްތައް ހުށައެޅުމާއިއެކު، އިދިކޮޅު ކެންޑިޑޭޓުގެ ސަޕޯޓަރުންނާއި، އަދި ޚުދު އިދިކޮޅު ކެންޑިޑޭޓުވެސް ވަނީ އެކަމާއި މެދު ކަންބޮޑުވުންތައް ފާޅުކުރައްވައި، އިންތިޚާބު އޮޅުވާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުތައްކޮށްފައެވެ. އެހެންނަމަވެސް މިތުހުމަތު ތަކާއި އެކު އެނގި ހާމަވެގެންދިޔައީ، އިންތިޚާބުތަކުގެ ރީރެޖިސްޓްރޭޝަންގެ އަސްލު މައުލޫމާތު އިދިކޮޅު ކެންޑިޑޭޓަށާއި ސަޕޯޓަރުންނަށްވެސް ލިބިފައި ނެތްކަމެވެ. އަދި ދިވެހިންގެ ތެރޭގައި އޮތް ވޯޓުލުމުގެ އާދަތަކާއި އިންތިޚާބީ ޘަޤާފަތްތަކަށް އަހުލުވެރިވެފައި ނެތްކަމެވެ. އެހެން ނޫނަމަ، އިލެކްޝަންސް ކޮމިޝަނަށް އިނގިލި ދިއްކޮށް އިންތިޚާބުގެ ސައްޙަ ކަމާއި މެދު ސުވާލު އުފައްދާކަށް ނުޖެހުނީހެވެ. އިންތިޚާބު ކާމިޔާބު ނުވާނެ ކަމުގެ ބިރު ނެތްނަަމަ އެވާހަކަތައް ދައްކައި އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާއި މެދު ޝައްކު އުފައްދާކަށް ނުޖެހުނީހެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ، މުހައްމަދު މުޢިއްޒު ވަނީ، ދެދުވަހުގެ ތެރޭގައި 25000 މީހުން ރީރެޖިސްޓްރޭޝަނަށް ހުށައެޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ އިންތިޒާމްތަކާއި މެދު ޚުދު އެމަނިކުފާނުވެސް ވަނީ ޝައްކު އުފައްދާފައެވެ، އެހެން ނަމަވެސް ފާއިތުވެ ދިޔަ އިންތިޚާބުތަކުގެ ތަފާސް ހިސާބުތަކުން ފެންނަން އޮތް ހަޤީޤަތަކީ އިދިކޮޅު ކެންޑިޑޭޓަށް ރާއްޖޭގެ އިންތިޚާބުތަކުގެ ތަފާސް ހިސާބު މަޢުލޫމާތު ލިބިފައި ނެތްކަމެވެ.


ފާއިތުވި އިންތިޚާބުތަކުގައި ރީރެޖިސްޓްރީކޮށްފައިވާ އަދަދުތައް:

ރިޔާސީ އިންތިހާބު 2018: ރީ-ރެޖިސްޓްރޭޝަނަށް 103047 މީހުން ވަނީ ހުށައަޅާފައި.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019: ރީ-ރެޖިސްޓްރޭޝަނަށް 20848 މީހުން ވަނީ ހުށައަޅާފައި.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020: ރީ-ރެޖިސްޓްރޭޝަނަށް 29672 މީހުންވަނީ ހުށައަޅާފައި.

ރިޔާސީ އިންތިޚާބު 2023 ފުރަތަމަ ބުރު: ރީ-ރެޖިސްޓްރޭޝަނަށް 42867 މީހުންވަނީ ހުށައަޅާފައި.

ރިޔާސީ އިންތިޚާބު 2023 ދެވަނަ ބުރު: ރީ-ރެޖިސްޓްރޭޝަނަށް 47000 މީހުން ވަނީ ހުށައަޅާފައި.


އިންތިޚާބުތަކުގައި މީހުން ރީ-ރެޖިސްޓްރީކޮށްފައިވާ ގޮތަށް ބަލާއިރު، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މީހުން ރީ-ރެޖިސްޓްރީ ކުރިއަަދަދަށްވުރެ 15000 މީހުން މަދެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އިންތިޚާބު "ވަގަށް ނެގުމަށް" ޕީޕީއެމްއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި "ވަގު ފޯމް" ހުށައަޅައިގެން އެފަހަރު އިދިކޮޅަށް ވޯޓުލާން ތިބި މީހުން ވޯޓުލުން ހުއްޓުވުމަށް މަސައްކަތް ކުރިކަމަށް ތުހުމަތު ކުރެވިފައިވެއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގައި ތިބި އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ފަރާތްތައް، ރީ-ރެޖިސްޓްރޭޝަން ބަންދުވި ފަހުން އެހެންތަންތަނަށް ބަދަލުކޮށް، ޕީޕިއެމްއިން އެފަރާތްތަކުގެ ވޯޓުލުމުގެ ޙައްޤުވެސް ވަރަށް ފާޅުގައި ނިގުޅައިގަތެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޮޑުތަފާތަކުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ބަލިވީއެވެ.


އިލެކްޝަންސް ކޮމިޝަންއިން މިފަހަރު އިންތިޚާބު އޮޅުވާލަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް ވާހަކަތައް ފަތުރާފައިވާ އިރު އެކަން، އިލެކްޝަންސް ކޮމިޝަނުން ވަނީ ދޮގުކޮށްފައެވެ. އަދި ރީ-ރެޖިސްޓްރޭޝަން ޕޯޓަލްއަކީ އެހެން އެއްވެސް ފަރާތަކަށް އެއާކުޅެވޭނެ އެއްޗެއް ނޫންކަންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

"ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެ. ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން. އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގ ގައި އިންނާތީ، އަލުން ފިޒިކަލް ފޯމު ލާފައިވާކަންވެސް ފާހަގަކުރެވޭ." އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އަދި އެނޫންވެސް އިންތިޚާބުތަކުގައި މީހުން ވޯޓުދޭ ގޮތަށް ބަލާއިރު، ރީރެޖިސްޓްރީ ކުރާ މީހުންގެ އަދަދު މަތިވަނީ، މާލޭގައި އަތޮޅުތަކުގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭތީއެވެ. އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 70000 ވުރެ ގިނަ މީހުން ވޯޓުލާފައި ނުވާއިރު، ރީ-ރެޖިސްޓްރޭޝަންގެ އަދަދުތައް މިހާ މަތިވެގެން ދިޔުމުގެ ސަބަބަކީވެސް އެއީކަމުގައި ވެދާނެއެވެ. 

މީގެ އިތުރުން، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން، ވޯޓުލާން ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުތަކުން ހިލޭ ރަށަށް ގެންގޮސްދޭތީވެސް މީހުން ބައެއް ފަހަރު ރީރެޖިސްޓްރޭޝަން އުފަން މާލެއަށް ބަދަލުނުކޮށް ތިބެއެވެ. އެހެން ދިމާވަނީ، އިންތިޚާބު އޮންނަނީ ބަންދު ދުވަހަކަށް ވެފައި އިންތިޚާބު އޮންނަ ދުވަހުގެ ކުރީ ދުވަހާއި ފަހު ދުވަސްވެސް ބަންދުވާތީއެވެ. މިކަން މިހާރުވެފައި އޮތީ އާއްމު ޘަޤާފަތަކަށެވެ. ޓިކެޓްގެ އަގު ބޮޑުކަމުންނާއި އެހެނިހެން މުހުތާދުތަކާއި ހެދި އެނބުރިރަށަށް އާއިލާގެ ގާތަށް ދާން ބޭނުންވެފައި ތިބޭ މީހުންނަށް އެކަން ވެފައި އޮންނަނީ އަގުހުރި ފުރުޞަތަކަށެވެ. އެކަމަކު ދެރަކަމަކީ އިދިކޮޅު ކެންޑީޑޭޓާއި ސަޕޯޓަރުންނަށް މިވަރުގެ ކުޑަކަމެއްވެސް އެނގިފައި ނެތުމެވެ. ވީމާ، އިންތިޚާބުތަކުގެ އާޖުފާޖުވެސް ކުޑަމިނުން ނޭނގެނީއެވެ. ރީ-ރެޖިސްޓްރޭޝަނާއި ގުޅުވައި އިންތިޚާބާއި މެދު ޝައްކު އުފައްދަނީވެސް އެހެންވެއެވެ.

"ރީރަޖިސްޓުރީ ކުރަން ގިނަ އަދަދެއްގެ މީހުން ހުށައެޅުމަކީ ސުވާލު އުފާއްދާންޖެހޭ މައްސަލައެއްނޫން. ސަބަބަކީ ވޯޓްލާ ދުވަހުގެ ކުރިޔަށްވެސް އަދި ފަހަތައްވެސް އޮތީ ސަރުކާރު ބަންދު ދުވަސްތަކެއް. އަދި ސަރުކާރު ބަންދުވުމުގެ ކުރިން ގިނަ ތަންތާގަ މުސާރަދޭނެ. އަދި ދަންނަވަންތޯ! ވޯޓްލާން އެމީހަކު ރަޖިސްޓްރީ ކުރިތަނަކަށް ޕާޓީތަކުން ގެންގޮސް ގެނެސްދޭ އަތުންދާ އެއްވެސް އެއްޗެއްނެތް. ވީމާ ވިސްނާ މީހަކު މިކަމުގަ ސުވާލެއް ނުއުފައްދާނެ. ރީ ރަޖިސްޓްރީކުރިވަރު އަދި މަދީ." ރީ-ރެޖިސްޓްރޭޝަނާއި މެދު ޚިޔާލުފާޅުކޮށް އާއްމު މީހަކު އޭނާގެ ފޭބުކް ޕޭޖްގައި ލިޔެފައި އޮތެވެ.

ރިޔާސީ އިންތީޚާބުގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަނާއި މެދު އިދިކޮޅު ކެންޑީޑޭޓާއި ސަޕޯޓަރުން އުފައްދާ ޝައްކުތަކުން އެނގެނީ އެފަރާތްތަކަށް އިންތިޚާބު ކާމިޔާބު ވެދާނެ ކަމުގެ ޔަޤީންކަން ނެތްކަމެވެ. އަދި އިންތިޚާބުތައް ހިނގާގޮތާއި ވޯޓާއި ގުޅިގެން އާއްމުންގެ ތެރޭގައި އޮތް ޘަޤާފަތް އެނގިފައި ނެތްކަމެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.