ރައީސް ޞާލިޙް އަކީ މިހާތަނަށް ރާއްޖޭގެ އާބާދީ ކުދި ރަށްތައް ތަރައްޤީ ކުރެއްވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ރައީސް / ފޮޓޯ:ރައީސް އޮފީސް

ރައީސް ޞާލީޙުގެ ތަރައްޤީގެ ބޮޑުބައެއް އާބާދީ ކުދި ރަށްތަކަށް - ޝުކުރިއްޔާ ރައީސް ޞާލިޙް

ބުރާސްފަތި 16 ނޮވެމްބަރ 2023 | އަހުމަދު ދާއޫދު

މާދަމާއިން ފެށިގެން ދައުލަތުގެ ވަލިއްޔުލް އަމުރުކަމުން ވަކިވެ ވަޑައިގަންނަވާ މިއަދުގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބުރާޙިމް މުހައްމަދު ޞާލިޙުގެ ނަންފުޅު ދިވެހި ތާރީޙްގައި ލިޔެވިގެންދަނީ ޖަޒީރާ ކުދި ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެން މިވާ ދިވެހި ރާއްޖޭގެ އާބާދީ ކުދި ރަށްތަކަށް ތަރައްޤީ ގެންނެވި ރައީސެއްގެ ގޮތުގައެވެ.

Advertisement


ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބުރާޙިމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާގެ މަޤާމާއި ހަވާލުވެ ވަޑއިގެންނެވި އިރު ރާއްޖޭ އަތޮޅުތަކުގައި ހިމެނޭ ކުދިކުދި ރަށްތައް އޮތީ އެއްެވެސް ވަރަކަށް ތަރައްޤީ ނުކުރެވި ފާޑަކަށް "ބާކީ" ކޮށްލެވިފައެވެ. ނަމަވެސް ރައީސް ޞާލިޙް ދިވެހި ޒަޢާމަތާއި ހަވާލުވެ ލެއްވިފަހުން "ކުދިރަށެއް ، ބޮޑުރަށެއް ބެލުމެއް ނެތި ތަރައްޤީ" މި ޝިޢާރުގެ ދަށުން ރާއްޖޭގެ ކުދިކުދި ރަށްތައް ތަރައްޤީ ކުރެއްވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވެވިއެވެ.

ރާއްޖޭގައި އާބާދީގެ ގޮތުން މަދު މީސްކޮޅެއް ދިރިއުޅެމުން ގެންދާ ރަށްތަކުގައި އެންމެ ޒަރޫރީބޭނުންތައް ފުއްދޭނެ ފަދަ ވަޞީލަތްތައް ލިބެން ނެތް އިރު ރައީސް ޞާލިޙް އެންމެ އިސްކަމެއް ދެއްވީ އެފަދަ ރަށްތަކުގައި ދިރިއުޅުމުގައި ބޭނުންވާނެ އެންމެ އަސާސީ ޚިދުމަތްތައް ޤާއިމު ކޮށްދެއްވުމަށެވެ. މިގޮތުން ރައީސް ޞާލިޙްވަނީ އާބާދީގެ ގޮތުން މަދު މީސްކޮޅެއް ހިމެނޭ ރަށްތަކުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމު ކޮށްދެއްވުމުގެ އިތުރުން ލަފާފުރުމުގެ ދަތިކަން ތަހައްމަލު ކުރަން ޖެހިފައިވާ ގިނަ ރަށްތަކެއްގައި ލަފާފުރުމުގެ ދަތިކަން ހައްލު ކޮށްދެއްވާފައެވެ.

ރައީސް ޞާލިޙްގެ ޒަޢާމަތުގައި ރާއްޖޭގެ އެތައް އެތައް ރަށެއްގައި ސްކޫލުގެ އާ ޢިމާރާތްތައް އަޅައި ދެއްވާފައިވަނީ ވަރަށް ބޮޑަށް މުސްތަޤްބަލަށް ބައްލަވަ ދުރު ރާސްތާ ޕްލެނަކާއި އެކުގައެވެ. މީގެ އެންމެ ހާއްޞަ އެއްކަމަކީ އެމަނިކުފާނުގެ ޒަޢާމަތުގައި ކުލާސްރޫމެއް އިމާރާތް ކޮށްދިނުމުގެ ބަދަލުގައި މަލްޓީޕާރޕާސް ހޯލާއިއެކު ސްކޫލްތަކަށް ބޭނުންވާ ކުލާސްރޫމްތައް އިތުރު ކުރުމުގެ މަސައްކަތްތައް ފައްޓަވާ ކުރިއަށް ގެންދަވާފައިވާ ކަމެވެ.

ރައީސް ޞާލިޙްގެ ދަޢުރު މާދަމާ ނިމިގެންދާއިރު އެމަނިކުފާނު ވަނީ ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާފައެވެ. ރާއްޖޭގެ ބޮޑަތި ސިޓީތަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ފަށާ ބައެއް ސިޓީތަކުގެ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިންމަވާފައެވެ. މީހުންދިރި އުޅޭ ބޮޑަތި ޢާބާދީތަކުގެ ރަށްތަކަށް ބޭނުންވާ އުމުރާނީ ވަޞީލަތްތައް ފުރިހަމައަށް ޤާއިމު ކޮށްދެއްވާފައެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ޤާއިމުކުރުމާއި، ފެނާއި ނަރުދަމާ ޤާޢިމު ކޮށްދިނުމުގެ އިތުރުން ރަށްރަށުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް މަރާމާތުކޮށް ހައްދަވައި ދެއްވުމެވެ.

ކުޅިވަރަކީ ރާއްޖޭގެ ޒުވާނުން އެންމެ ޝަޢުޤުވެރިވާ އެއް ކަންތަކަށް ވާއިރު އެ ޒުވާނުންގެ އެއްނަމުބަރު ކުޅިވަރަކީ ފުޓްބޯޅަކަމަށް ވީ ހިނދު ރައީސް ޞާލިހުގެ ވެރިކަށް މާދަމާ ނިމިގެންދާއިރު އެމަނިކުފާނުގެ ޒަޢާމަތުގައި ވަނީ ރާއްޖޭގެ އެތައް ރަށެއްގައި އެންމެ ޒަމާނީ ފުޓްބޯޅަ ދަނޑުތައް އަޅުއްވައި ދެއްވާފައެވެ. އަދި މީގެ އިތުރުން މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އަހަމިއްޔަތު ކަމެއް ނުދެއްވާއޮތް ޒުވާނުންނާއި އެންމެހައި ދިވެހިންގެ ދުޅަހެޔޮކަމަށް އިސްކަން ދެއްވާ ރައީސް ޞާލިހް ވަނީ ގިނަ ރަށްތަކެއްގައި އިންޑޯ އަދި އައުޓްޑޯ ޖިމްތައް ޤާއިމު ކޮށްދެއްވާފައެވެ.

މިއީ ރައީސް ޞާލިޙް މާދަމާ ދިވެހި ރައީސުލް ޖުމުހުރިއްޔާކަމުގެ މަޤާމުން ވަކިވެ ވަޑައިގަންނަވާއިރު ދިވެހި ރައްޔިތުން ވަކިން ޙާއްޞަކޮށް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުން އެމަނިކުފާނުގެ ޚިދުމަތްތައް ވަޒަންކޮށްލާނެ ހަމަ ވަރަށް ކުޑަކުޑަ މަދު ޚިދުމަތް ކޮޅެކެވެ.

ހަމަ ޔަޤީނުންވެސް ޤައުމުދެކެ ލޯބިވާ ވަކިން ހާއްޞަކޮށް ރާއްޖޭ އަތޮޅުތަކުގެ ރައްޔިތުން އަދުގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބުރާޙިމް މުޙައްމަދު ޞާލިޙް ބަލައިގަންނަނީ ދިވެހި ރާއްޖޭގެ ކުދިކުދި ހިތްގައިމު ޖަޒީރާ ރަށްތަކަށް އަޅާލެއްވި އެރަށްތަކުގެ ތަރައްޤީއާއި ކުރިއެރުމަށް އިސްކަންދެއްވި މިފަދަ ރަށްތަކުގެ ރައްޔިތުންގެ ހިތްތަކުގެ ރައީސްގެ ގޮތުގައެވެ.

މާދަމާ ރައީސުލް ޖުމުހުރިއްޔާ ކަމުގެ މަޤާމުން ވަކިވެ ވަޑައިގަންނަވާ އަދުގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބުރާޙިމް ޞާލިޙްގެ ނަން ހަޤީގަތުގައިވެސް ދިވެހިރާއްޖޭގެ ތާރީހްގައި ލިޔެވިގެންދާނީ ރާއްޖޭގެ ކުދިކުދި ރަށްތަކަށް ތަރައްޤީ ގެނެސް ދެއްވި އެފަދަ ރަށްތަކުގެ ތަރައްޤީގެ ބަނީގެ ގޮތުގައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.