3 ނޮވެމްބަރ 1988 ގެ ހަމަލާއަކީ ދިވެހިންގެ ހިތުން ފިލާދާނެ ހަމަލާއެއް ނޫން / ފޮޓޯ: އެމް އެން ޑީއެފް

އުދުވާނީ ހަމަލާދިން އެންމެން މިނިވަންވެގެން ދިޔަޔަސް އެދުވަސް ހިތުން ފިލާ ނުދާނެ

ބުރާސްފަތި 30 ނޮވެމްބަރ 2023 | އަހުމަދު ދާއޫދު

މިދިޔަ ހޯމަ ދުވަހު ދިވެހި މީޑިޔާގެ އެންމެ ފަލަ ސުރުޙީއެއްގެ ގޮތުގައި އޮތީ ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށް ރާއްޖޭގެ މިނިވަންކަން ނިގުޅައިގަތުމަށް ދިން ހަމަލާގެ އެންމެ އިސް މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ މުޅިން މިނިވަންވެގެން ދިޔަ ޚަބަރެވެ.

Advertisement


މި ފަހުގެ ތާރީހެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލުމަށްޓަކައި ދެވުނު މި ޓެރަރިސްޓް ހަމަލާއަށް މިއަހަރަށް 35 އަހަރުވެގެން ދިޔަނަމަވެސް 3 ނޮވެމްބަރ 1988 ގެ އިންސާނިއްޔަތުކަމެއް ނެތް ބިރުވެރި ޓެރަރިސްޓް ހަމަލާ މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ދިރިއުޅެމުންގެންދާ ގިނަ ދިވެހިންގެ ހިތުގައި ވަނީ ބިންވަޅު ކަނޑައަޅާ ނެގިފައެވެ. ވަކިން ހާއްޞަކޮށް މި ހަމަލާގައި ބައިވެރިވި ދިވެހިންގެ ނަންތައް ވަނީ ނަފުރަތާއި ރުޅިވެރިކަމުން ފުރިގެންވާ ނަންތަކަކަށްވެފައެވެ. އޭގެ ތެރެއިންވެސް މި އުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީގެ ނަން ފާހަގަކޮށްލެވެއެވެ.

3 ނޮވެމްބަރ 1988 ގެ އުދުވާނީ ހަމަލާގެ އިސް މޭސްތިއެއްގެ ގޮތުގައި ހުރެ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ވަނީ ދިވެހިން ހިތުން ނުފިލާ ފަދަ އެތަށްކަމެއް ކޮށްފައެވެ. އެދުވަހު މޭލޭގައި ދިރިއުޅުނު ރައްޔިތުންނަށް އޮތް ބިރުވެރިމުގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުން މާލެގޮސް އޮޑިދޯނި ފަހަރުތަކުގައި ތިބި ދިވެހި އެތައް ރައްޔިތަކަށް ބިރުދައްކާ އޭރު ތަރައްޤީކުރަމުން ދިޔަ ޖުމްހޫރީ މައިދާނުގެ ހުސް ބިމުގައި، ތަމަޅަ ޓައިގަރުންނާއި ދިވެހި ސިފައިންނާއި ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގެ ނިވާފަތް ގަނޑެއްގެ ގޮތުގައި ނުވަތަ އެ ނުބައި ނުލަފާ ބާޤީންގެ ސަލާމަތީ އަންޑަނައެއްގެ ގޮތުގައި ދިވެހި ރައްޔިތުން ބޭނުންކުރިކަމީ އިއްޔެވީ ކަމެއް ފަދައިން ދިވެހިންގެ ތެރޭގައި ހަދާނުގައި ހުރި ކަންތައްތަކެވެ.

ބާޣީންގެ ނިވާފަތްގަޑެއްގެ ގޮތުގައި ނުވަތ އެބައިގަނޑުގެ ސަލާމަތީ އައްޑަނައެއްގެ ގޮތުގައި ދިވެހި ލޮބުވެތި ރައްޔިތުން ބައިތިއްބީ ހަމައެކަނި ޖުމުހުރީ މައިދާނަކު އެކަންޏެއް ނޫނެވެ. ސީދާ ލުތުފީގެ އެންގުމަށް ލުތުފީ އަމަލީގޮތުން ހަރަކާތްތެރިވެގެން ރައީސް އޮފީހާއި ކުރީގެ ގާޒީ ބިލްޑިންއާ ދެމެދު އޮތް ކަނީރު ހިނގުމުގައި އެތައް ދިވެހިންނެއް، ސިފައިންގެ ތެރެއިން އަންނަ ހަމަލާތައް ހުއްޓުވުމުގެ ނިޔަތުގައި، ވަޒަންތަކަށް އަމާޒުކޮށްގެން ލުތުފީ އިސްވެހުރެ ގެންގުޅެފައިވުމާއި އަދި ވަކިން ޚާއްޞަކޮށް އެތަނުގައި ރަހީނުކޮށްފައި އިން ކުށެއްނެތް މަޢުސޫމް އޭރު އުމުން އެންމެ 16 އަހަރުގެ ޖަވާދު އުމަރުގެ ބޮލަށް ވަޒަން އަރައި، ޝަޙީދުވެގެން ދިޔަ ދިއުމަކީ ލުތުފީއަށް ދިވެހިންގެ ހިތްތައް ދުވަހަކުވެސް ރަނގަޅު ވެގެން ނުދާނެ ކަންތައްތަކެވެ.

މިއަދު މިވަނީ 3 ނޮވެމްބަރ 1988 ގެ އުދުވާނީ ހަމަލާގައި ބައިވެރިވި އެންމެންނަށް އިންވި ހުކުމްތައް ފުރިހަމަކޮށް އެ އެންމެން މިނިވަން ވެފައެވެ. ނަމަވެސް ހަމަޔަޤީނުންވެސް ދިވެހިންގެ ގިނަ މީހުންގެ ހިތްތަކުން ދުވަހަކުވެސް އެމީހުންނަކީ މިނިވަން ވާންޖެހޭ ބައެއްކަމަކަށް ޤަބޫލެއް ނުކުރާނެއެވެ. މީގެ ތެރެއިންވެސް ހަމަ ލުތުފީގެ ނަން ފާހަގަކޮށްލެވެއެވެ.

އެއްވެސް ކުށެއް ނެތް ދިވެހިންގެ 19 މީހުން ޝަޙީދު ކޮށްލުމަކީ މުޅި އުމުރަށްވެސް ދިވެހިން ހަނދާން ކުރާނެކަމެކެވެ. އަދި އެދުވަހު އެކި ގޮތްގޮތުން ތަފާތު ގެއްލުންތައް ލިބުނު ދިވެހިންނަކީ އަދުވީ ކަމެއް ފަދައިން އެދުވަހުގެ ކަންތައްތައް ހަނދާންހުރި މީހުންނެވެ. އެދުވަހުގެ ހަމަލާ ނާކާމިޔާބުވުމުން ފިލަންވެގެން ޕްރޮގްރެސް ލައިޓްގައި ގެންދިޔަ ރަހީނުންގެ ތެރެއިން ބައެއް މީހުން، އިންޑިއާ ސިފައިންނަށް ބިރުދައްކަން، ޝަހީދުކޮށްލައިފައި ކަނޑަށް އެއްލައިލި އެއްލައިލުމާއި، އެވަގުތު އެ ބޯޓްގައި ތިބި ދިވެހިންގެ ހިތަށް ވެރިގވެގެން ދިޔަ ބިރުވެރިކަމާއި ލިބުނު ނަފުސާނީ ގެއްލުމަކީ ދިވެހިންގެ ހިތުން ދުވަހަކު ކޮޅުންވެސް ފިލާ ދާނެކަމެއް ނޫނެވެ. އެކަންތައްތަކަށް ދިވެހިން ދުވަހަކުވެސް މާފެއްވެސް ނުކުރާނެއެވެ.

ދިވެހިންގެ މެދުގައި އޮތް ހަމަހިމެންކަމާއި މިނިވަންކަން ނަގަލައި ރޭގަނޑެއްގެ ފަތިހު އަރާމު ނިދީގައި ތިއްބާ ރާއްޖޭގެ ވެރިކަން ކުރާރަށް ފުރަ މާލެއަށް އަރާ އެ ހިންގި ލާ އިންސާނީ އަމަލުތަކަކީ އެކަމުގައި ބައިވެރި މީހުންނަށް ކުރެވުނު ހުކުމްތަކުން އެމީހުން ސަލާމަތްވި ނަމަވެސް އެމީހުން އެކުރި ކަންތައްތަކުން އެމީހުންނަށް ރެކެވޭނެ ސަބަބެއް ނޫނެވެ. އަދި ދިވެހިން އެވާހަކަތައް ދެއްކުން ހުއްޓާލަންވީ ސަބަބެއްވެސް ނުމެ ނޫންމެއެވެ. ނޮވެމްބަރ 3 ގެ ހަމަލާއާއި ގުޅިގެން އަދަބު ލިބުނު އެހެން ދިވެހިން ކުޅުނު ރޯލު، އާންމުންގެ ލޯތަކަށް ހާއްމައަށް ފެނިފައި ނެތް ނަމަވެސް އެ ހަމަލާގެ އެންމެ އިސް މޭސްތިރިޔާ ލުތުފީގެ އަމަލުތައްވަނީ ދިވެހިންގެ ލޯތަކަށް ފިސާރި ރަނގަޅަށް ފެނިފައެވެ. ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ ޓެރަރިސްޓުންނާއި އެކު ބޮޑާކަމާއި، ކިބުރުވެރިކަމާއި އެކު މާލޭގެ މަގުތަކުގައި އުޅުނު މަންޒަރެވެ. މި ބިންމަތީގައި ﷲ ތަޢަލާ އެންމެ މާތްކުރެއްވި ބިނާކަމުގައިވާ މިސްކިތްތަކަށް ވަދެ އެ މިސްކިތްތަކުގެ އަޑުގަދަ ކުރާ ބޭނުންކޮށްގެން ، އޭރުގެ ސަރުކާރާ ދެކޮޅަށް ދެއްކި ވާހަކަތަކެވެ. ޓެރަރިސްޓުން ރަހީނުކުރަން ޖެހޭ މީހުންގެ ލިސްޓް ހިފައިގެން ގޭގެއަށް ދިޔަ ތަނެވެ. މިހިރަ މިހިރަ ކަންތައްތަކަކީ އިއްޔެވީ ކަމެއް ފަދައިން ދިވެހިންގެ ހިތްތަކުގައި ބިންވަޅު ކަޑާނެގިފައިވާ ކަންތައްތަކެވެ.

ދުނިޔޭގެ ކަންތައްތައް ހިނގާ އުސޫލުން ރާއްޖެގެ ޤާނޫގައިވާ ގޮތުން މީހަކު ކުރިކުށަކަށް ކުރާ ހުކުމެއް ތަންފީޒުކޮށް ނިމުމުން އެމީހަކު އެހެރީ މިނިވަން ވެފައެވެ. ނަމަވެސް އެމީހަކު ކުރި ކުށެއްގެ މަތިން ނުވަތަ އެމީހަކު އެކުރި ޢަމަލެއްގެ މަތިން މީހުން ހަނދާންނެތިއެއް ނުދާނެއެވެ. މިކަންތައް ދެމިގެން ދަނީ އެމީހަކު ކުރާ ކުށެއްގެ ކުޑަބޮޑު މިނަކުންނެވެ.

ދުނީގެ މި ހަމަތަކާއި އުސޫލުން ބަލާއިރު ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށް ރާއްޖޭގެ މިނިވަންކަން ނިގުޅައިގަތުމަށް ދިން ހަމަލާގެ އެންމެ އިސް މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ މުޅިން މިނިވަން ވެގެން ދިޔަ ނަމަވެސް އެދުވަހުގެ ހަމލާގައި ޝަޙީދުވި 19 ދިވެހިންގެ ޢާއިލާ އާއި ރަހީނުކޮށްގެން ބިރުވެރިކަމެއްގެ ތެރޭގައި ގެންގުޅުނު އެތައް ބައެއްގެ އިތުރުން މުޅި ދިވެހި ލޮބުވެތި ވަޠަން އެދުވަހު އެ ބަރުދާސްތުކުރި ވޭނީ ކެކުޅުންތަކަކީ ހިތުން ފިލާ ދާނެ ކަންތައްތަކެއް ނޫނެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.