މިސްކިތުގެ ޖަމާއަތްތައް ނުހަދަންވީ ކީއްވެ ހެއްޔެވެ؟

ބުދަ 13 މެއި 2020

800 އަހަރުވީ ދިވެއި އިސްލާމީ އާދަކާދަތަކާއި ޘަޤާފަތުގެ އެތައްކަމެއް ގުޅިފައި ވަނީ މިސްކިތާއެވެ، އެއީ ހަމައެކަނި ނަމާދާއި އަޅުކަމުގެ މަރުކަޒެއް ނޫނެވެ. ކިޔަވައި ދިނުމާއި އެކަކު އަނެކަކު ފެނިދެނިވުމާއި ބައްދަލުވުމާއި ހާލު އަހުވާލު އޮޅުންފިލަުވައި ޞަދަޤާތްކުރުމުގެ ވެސް މަރުކަޒެކެވެ. ކޮންމެ ރަށެއްގެވެސް މިސްކިތަކީ އެރަށެއްގެ މުޅި މުޖުތަމައުގެ އެންމެންނާއި ހުރިހާ ގެއަކާއި ގުޅިފައިވާނެ ނާރެހެވެ.

Advertisement


އެހެންކަމުން ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތްނުހެދި ރަމަޟާން މަހެއް ފާއިތުވެ ދާއިރު، އެކަމަކީ ފަސްވަގުތު ނާޅައި ޖަމާއަތުގައި ނަމާދު ކުރަމުން ދިޔަމީހުންގެ ތެރެއިން ޚާއްސަކޮށް ދޮށީ އުމުރުގެ މީހުންނަށް ކެތްކުރަން އުނދަގޫކަމެކެވެ. މަދުމަދުން މިސްކިތަށް އަރާ މީހުންގެ ތެރެއިންވެސް ރޯދަމަހު އެކަނި ނަމާދަށް އަރާ މީހުންނަށްވެސް އުނދަގޫ ކަމެކެވެ. ހަމައެކަނި ހުކުރުގެ ޖަމާއަތަށް އަރަން އާދަވެފައި ތިބި މީހުންނަށްވެސް އެއީ އެހާމެ އުނދަގޫ ކަމެކެވެ.

ސިޔާސީ ގޮތުން ޤައުމު ހަލަބޮލި ކުރުމަށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ދެކޮޅަށް ރައްޔިތުންގެ ޖަޒުބާތުތައް ކައްކުވައިލުމަށްވެސް އެންމެ ފަސޭހަ ހަތިޔާރަކީވެސް ދީނެވެ. ލާދީނިއްޔަތުގެ ވާހަކައިން ރައްޔިތުންގެ ހިތްތަކަށް ވަސްވާސް ލައިދިނުމެވެ.

ކޯވިޑް-19 ހުއްޓުވުމަށް ސަރުކާރުން އަޅަމުން ދިޔަ ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދުކުރުން މަނާ ކުރީ، 18 މާރިޗު 2020 އިން ފެށިގެންނެވެ. އެންމެ ފުރަތަމަ ޖަމާއަތް ހެދުން މަނާކުރީ ގުރޭޓާ މާލެ އޭރިއާ ގަޔާއި ރިޒޯޓުތަކުގައެވެ. ނިންމަން އުނދަގޫ ދަތި އެނިންމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމީ ރާއްޖޭގެ ދީނީ އިލުމުވެރިންގެ ރައުޔާއި މަޝްވަރާގެ މަތިންނެވެ. ގުރޭޓާ މާލެ އޭރިއާއަށް ފަހު މުޅި ރާއްޖޭގައި މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު މަނާކުރީ ގުރޭޓާމާލެ އޭރިއާ ފުރަބަންދު ކުރުމަށް ފަހުގައެވެ. 

Image may contain: 1 person, sky, house and outdoor 

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު ގޯސްވަމުން ދާއިރު، މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދުކުރާ މުއްދަތު ދިގުދެމިގެންދާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުަރަމުންނެވެ. އޭގެތެރޭގައި ސިޔާސީ ފަރާތްތަކާއި ދީނީ އިލުމުވެރިންނާއި، އާއްމުންވެސް ހިމެނެއެވެ.

ސިޔާސީ ފަރާތްތަކުން އެވާހަކަ ދައްކަނީ ވަގުތާއި ހާލަތުގެ ގޮތުން އެކަމުން ސިޔާސީ މަންފާއެއް ހޯދުމަށެވެ. ރައްޔިތުންގެ މެދުގައި ސަރުކާރާއި މެދު ނުރުހުމާއި ނަފުރަތު އުފަން ކުރުވުމަށެވެ. ރައްޔިތުންގެ ދީނީ ޖަޒުބާތު ކައްކުވާލައިގެން މަޤުޞަދެއް ހާސިލް ކުރުމަށެވެ.

ދީނީ އިލުމުވެރިންގެ ތެރެއިން އެވާހަ ދައްކަވާ ބޭފުޅުންނަކީ، ފަސްވަގުތު ނަމާދު ކުރައްވަމުން އައި ދީނީ ވަހުދަތު ދެމެހެއްޓުމަށް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅުންނެވެ. އެބޭފުޅުންގެ ނިޔަތާއި މެދު އެއްޗެއް ދަންނަވާކަށް ނެތީމެވެ. އެކަމަކު ފަންނީ ބޭފުޅުންގެ ނިންމެވުންތަކާއި އެކަންކަމާއި ގުޅިފައިވާ ސަބަބުތައް އެފަދަ އިލުމުވެރިންނަށް ރަނގަޅަށް ފަހުމުވެފައި ވޭތޯ ބަލާލަން ޖެހެއެވެ.

އާއްމު ރައްޔިތުންގެ ތެރެއިން އެކްޓިވިސްޓުންނަކީ އިލްމީ ގޮތުން އަދި ފަންނީގޮތުން ޚިޔާލު ފާޅު ކުރުމުގެ ބަދަލުގައި އެވަގުތަކު ތިމާގެ ބުއްދިއާއި ފިކުރަށް ފެނުނު ގޮތް އެއީ އެންމެ ރަނގަޅުގޮތްކަމަށް ބުނެ ޖަދަލު ކުރާ މީހުންނެވެ. ހާސިލް ކުރަން ބޭނުން މަޤުޞަދު ތަފާތުވިޔަސް މި އެންމެންގެވެސް އޮތީ ހަމައެއް ސުވާލެކެވެ. މިސްކިތުގެ ޖަމާއަތްތައް ނުހަދަންވީ ކީއްވެ ހެއްޔެވެ؟

ސަރުކާރާއި ދެކޮޅު ސިޔާސީ މީހުންނާއި، ހަރުކަށި ދީނީ ފިކުރުގެ މީހުންނާއި އިދިކޮޅު އެކްޓިވިސްޓުންގެ ޖަވާބަކީ، އެއީ ސަރުކާރުގެ ލާދީނީ ކަމެވެ. މިޤައުމުން އިސްލާމީ ވަހުދަތާއި ޝިއާރުތައް ރައްޔިތުން ދީނާއި ދުރު ކުރުވުމަށް ހިންގާ ކަމެއް ކަމެވެ. އެފަދަ މީހުންނަށް ސައޫދީ އަރަބިއްޔާ އާއި އީރާނާއި ތުރުކީ ފަދަ ޤައުމުތަކުން މިސްކިތްތަކުގެ ޖަމާއަތް ނުބާއްވަން ނިންމާފައި އޮތް ސަބަބާއި މެދަކު ބަހުސެއް ނުކުރެއެވެ.

ބައެއް ރައްޔިތުން ބުނެއެވެ. މިރަށުގައި މަނާވެފައިވަނީ މިސްކިތުގައި ޖަމާއަތް ހެދުން އެކަންޏެވެ. މަސްވެރިން މަހަށް ދެއެވެ. ދަނޑުވެރިން ދަނޑަށް ދެއެވެ. ހޮޅުއައްޓަށް ނުކުންނަ މީހުން ހޮޅުއައްޓަށް ނުކުމެއެވެ. އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވެއެވެ. ހުރިހާކަމެއް ހަމަ އޮތީ އާދައިގެ ހާލަތެއްގައެވެ. ވީމާ މިސްކިތުގެ ޖަމާއަތް ނުބާއްވަން ވީ ކީއްވެ ހެއްޔެވެ؟

 No photo description available.

މިސްކިތުގެ ޖަމާއަތް މަނާކުރެވިފައި އޮތީ މިހެންވެއެވެ.

ރާއްޖޭގެ އެއްވެސް ރަށަަކަށް ވައިރަސް ނުފެތުރޭނެ ކަމެއް ޔަޤީން ކުރެވޭނެ ގޮތެއް ނެތެވެ. ދަތުރު ފަތުރު ހުއްޓައި ލެވޭކަން ނެތެވެ. ރަށްރަށަށް ބޭނުންވާ ބޭހާއި ކާބޯތަކެތި އުފުލަން ޖެހެއެވެ. ރާއްޖޭގެ ރަށްރަށަށް ވައިރަސް ފެތުރުމަށް މިވަގުތު އޮތް އެންމެ ބޮޑުވަސީލަތަކީ ދަތުރު ފަތުރުގެ ތެރެއިން އުފުލޭ މުދަލެވެ. އެފުރުޞަތު ކުޑަކުރުމަށް ބާލާ މުދާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރެވެއެވެ. މާލެއިން 5000 ވުރެ ގިނަމީހުން އެނބުރިރަށަށްދާން ކެތްމަދުވެފައި ތިބި އިރު، ރަށްރަށަށް ދާމީހުން އޭޕްރީލް 15ގެ ފަހުން ރަށްރަށަށް ދިޔަ މީހުން ކަރަންޓީންވާން ވެސް އެންގިއެވެ. އެކަމަކު އެކަމަށް އެންމެން ބޯނުލެބުމަކީ މުޅި މުޖުތަމައަށް އޮތް ނުރައްކަލެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ތެރެއިން %50 އިންސައްތަ މީހުންނަކީ އަލާމާތް ނުފެންނަ ނުވަތަ ވަރަށް އާދައިގެ އަލާމާތްތައް ފެންނަ މީހުންނެވެ. އެއީ ބަލި ފެތުރުން ހުއްޓުވުމަށް އޮތް ނުރައްކަލެކެވެ. މީގެ އިތުރުން ބައްޔަށް ޓެސްޓް ކުރެވޭ މިންވަރު ދަށްވުމަކީވެސް އޮތް ނުރައްކަލެކެވެ. ފޯލްސް ނެގަޓީވް ނަތީޖާއަކީވެސް އޮތް ނުރައްކަލެކެވެ.

ކުރިންވެސް ދެންނެވިހެން މިސްކިތަކީ ޖަމާއަތުގެ ނާރެހެވެ. ވީމާ ރަށަށް އައި ނާލު ބޯޓާއި ފެރީން މުދާ ހިފައިގެން ގެއަށް ދިޔަ މީހާ ވައިރަހާއި އެކު އައިސް މިސްކިތުގެ ޖަމާއަތުގެ ތެރެއަށް ވަދެވިއްޖެނަމަ ނުވަތަ އާދައިގެ އަލާމަތްތަކާއިއެކު ވައިރަސް ހުރި މީހާ، މިސްކިތުގެ ޖަމާއަތުގެ ތެރެއަށް ވަދެވިއްޖެނަމަ، ރަށުގެ އެހެން ހުރިހާ ގެއަކަށް ވައިރަސް ގެންދާނެ ތަނަކަށް ވާނީ، މިސްކިތެވެ. އަދި އާއްމުކޮށް ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތްތަކުން ފެންނަ މީހުންނަކީ ދޮށީ އުމުރުގެ މީހުންނަށް ވާއިރު، ވައިރަސް ޖެހި ފުރާނަގެއްލުމުގެ އެންމެ ބޮޑުބިރެއް އޮތީ އެމީހުންނަށެވެ.

 Image may contain: sky, house and outdoor

ސަރުކާރުން ހަމައެކަނި މަނާކުރީ ތިޔަރަށުގެ މިސްކިތުގައި ޖަމާއަތް ހެދުމެއް ނޫނެވެ. ސްކޫލުތައް ބަންދުކޮށްފައިވާތާއި 2 މަސްވީއެވެ. ސަރުކާރުގެ އޮފީސްތައް ނުރަސްމީ ބަންދުކޮށްފައިވާ 2 މަސްވީއެވެ. ޤައުމުގެ އިޤުތިޞާދު ހިފެހެއްޓުމަށް މަސްވެރިން މަހަށް ދާންޖެހެއެވެ. މަސްދޯނީގައި މީހުން ތިބެނީ މިސްކިތުގައި މީހުން ތިބޭ ގޮތަކަށް ނޫނެވެ، އެއީ އެކުގައި އެތައް ދުވަހެއް ހޭދަކުރާ އެއްގުރޫޕެކެވެ. މިސްކިތުގެ ޖަމާއަތްތަށް 5 ވަރަކަށް މިނިޓުން ނިމުނީމާ އެންމެ ދާނީ ގެއަކަށެވެ. އެޖަމާއަތްތަކުގައި މީހުން ތިބޭނީ ބަދަލުވެ ބަދަލުވެއެވެ.

ދަނޑުވެރިން ދަނޑުގައި އުޅެނީ މިސްކިތްތަކުގައި މީހުން ތިބޭ ގޮތަކަށް ނޫނެވެ. ދަނޑުވެރިން ދަނޑުތަކަށް ނުކުންނަންޖެހެނީ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރު ކުރުމަށެވެ. ބަލިމަޑުކަމުގެ ތެރެއިން ތަދުމަޑުކަމެއް އާއްމުވިޔަ ނުދިނުމަށެވެ.

ސަރުކާރަށް ހުއްޓުވޭނީ ސަރުކާރުގެ އިދާރީ ބާރުގެ ތެރެއިން މީހުން އެއްވެއުޅުން ހުއްޓުވެން އޮތް ކަންކަމެވެ. އެއީ މިސްކިތްތަކުގެ ޖަމާއަތް މެދު ކަނޑާލުމާއި ސްކޫލުތައް ބަންދު ކުރުމާއި، އޮފީސްތައް ނުރަސްމީބަންދުކޮށްގެނެވެ. ޕާކުތަކާއި މައިޒާންތަކަށް އެއްވެ އުޅުން މަނާކޮށްފައި އޮތަސް، މަގުމައްޗަށް ނުކުމެ އުޅުން މަނާކޮށްފައި އޮތަސް އެކަން ހުއްޓުވޭނީ ފަރުދީ ޒިންމާގެ ތެރެއިން ކޮންމެ އާއްމުން އެކަން ހުއްޓައިގެންނެވެ. ކޮންމެ މީހެއްގެ ފަހަތުގައި ފުލުހެއް ބަހައްޓައިގެނެއް ސަރުކާރަކަށް އެކަމެއް ނުކުރެވޭނެއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ބަންގި ގޮވައި ނަމާދު ކުރުން މަނާކޮށްފައެއް ނެތެވެ. މިސްކިތަށް މީހުން ވަނުން މަނާކޮށްފައިވެސް ނެތެވެ. ހަމައެކަނި މަނާކޮށްފައި އޮތީ ޖަމާއަތްތައް ހެދުމެވެ. ހާލަތު ބަދަލުވަމުން އަންނަ ގޮތެއްގެ މަތިން އެކަން ކަމަށް ބަދަލު އަންނަން ޖެހެއެވެ،

 No photo description available.

މިސްކިތުގެ ޖަމާއަތްތައްވެސް އައު އާއްމުހާލަތަކަށް ދާއިރު ހެދެން ފެށޭނެއެވެ. އެކަމަކު އޭގެ ކުރިން ޖެހެނީ ދޮށީ އުމުރުގެ މީހުންނާއި، ދީނީހޭލުތެރިކަން ކުޑަމީހުން ހޭލުންތެރިކޮށް އިޖުތިމާއީ ގައިދުރުކަމުގައި މިސްކިތްތަކުގެ ޖަމާއަތްތައް ހެދޭނެ މަގެއް ފަހި ކުރާށެވެ. މިސްކިތުގެ ސަފުތައް ހަފޫޓުގެ ރޭޑިއަސްގައި ހަދާފައި ޖަމާއަތް ނިމޭގޮތަށް މިސްކިތުގެ ދޮރުން އެކަކު އަނެކަކު ފިތިބާރުވެގެން ނުކުތީމާ ގައިދުރުކަމުގައި ޖަމާއަތް ހެދުމުގެ ބޭނުން ކެނޑުނީއެވެ.

އައު އާއްމު ހާލަތަކަށް ބަދަލުވެ މިސްކިތުގެ ޖަމާއަތްތައް ހަދާއިރު މިސްކިތުގެ ޖަމާއަތަން އަންނަ މީހުންގެ ހުން ބެލޭނެ ގޮތެއް، އަދި ވުޟޫކުރާ އިސްކުރުބަރި އާއި ހަމައަށް ދިޔުމުގެ ކުރިން އަތްސެނިޓައިޒް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސަން އެބަޖެހެއެވެ. ދުނިޔޭގެ އިސްލާމީ ޤައުމުތަކުގައިވެސް މިއަދު އަމަލު ކުރާ ފަދައިންނެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1000 އާއި ގާތްކޮށްފައެވެ. ރާއްޖޭގެ ހާލަތު ރަނގަޅުވުމުގެ ކޮޅުމައްޗެއް އަދި ނުފެނެއެވެ. ކަމާއި ބެހޭ ފަރާތްތަކުން އަދިވެސް ލަފާކުރައްވަނީ ރާއްޖޭގެ ހާލަތު ދުވަހުން ދުވަހަށް ދާނީ ގޯސްވަމުން ކަމަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.