
"ގެހެރިޔާ" ރިލީސްކުރުން އަންނަ މަހަށް
ޝަކުން ބަޓްރާ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ގެހެރިޔާ" އަންނަ މަހު ރިލީސްކުރަން ނިންމާފައިވާކަން އިއުލާން ކޮށްފިއެވެ.

ދީޕިކާ ޕަދްކޯން އާއި ސިދާންތު ޗަތުރަވެދީ އަދި ދައިރިއާ ކަރްވާ ފެނިގެންދާ މި ފިލްމަކީ، ކައިވެނީގެ ބޭރުން ހިންގާ ނަހަމަ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ތަރިންގެ އިތުރުން ނަސީރުއްދީން ސާހު އާއި ރަޖަތް ކަޕޫރްވެސް މި ފިލްމުގައި ފެނިގެންދެއެވެ.
ގައިގޯޅި މަންޒަރުތަކެއް ހިމެނުމުގެ ސަބަބުން ސިނަމާތަކުގައި ނާޅުވައި އެ ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯއިން އަންނަ މަހު 25 ވަނަ ދުވަހުއެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން އާއި ވިއާކޮމް 18 ސްޓޫޑިއޯ އާއި ޝަކުން ބަޓްރާ ޖޯކާސް ފިލްމްސް ގުޅިގެން ހަދާފައިވާ މި ފިލްމުގެ ޓްރޭލާއެއްވެސް ވަނީ އާއްމުކޮށްފައެވެ. މި ޓްރެއިލާއަށްވެސް ގިނަ ބަޔަކަށް ކަމުގޮސްފައެވެ.