ރައީސް ނަޝީދު ---

ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގު ސުވާލުތަކެއްގެ ތެރެއަށް!

އަންގާރަ 17 މެއި 2022 | އަލީ ސުލައިމާން

ހޮނިހިރު ދުވަހު ނިމިގެން ދިޔަ އެންޑީޕީގެ އެތެރޭގެ އިންތިޚާބަކީ މާނަވީ ބަދަލުތަކެއް އެމްޑީޕީގެ ތެރެއިން ފެނިގެންދާނެ ދުވަހެއްކަމުގައި ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދެވިއެވެ. އަދި އެދުވަހުގެ ނަތީޖާ ނުކުންނަ ގޮތެއްގެ ސަބަބުން ރާއްޖޭގެ ސިޔާސީ މައިދާނުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެއްލިގެން ހިނގައިދާނެކަމުގައިވެސް އެމަނިކުފާނުގެ ސިޔާސީ ވާދަވެރިން ވިދާޅުވަމުން ގެންދެވިއެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ، ރައީސް ނަޝީދުގެ ނުފޫޒު ޕާޓީގެ ތެރޭގައި ގަދަވެ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ)އެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ބޯގަންވިލާގެ އާއިލާއަކީވެސް ނުފޫޒުހުރި އާއިލާއެކެވެ.

Advertisement


އެމްޑީޕީގެ ޗެއާޕަސަންގެ އިންތިޚާބަށް ވާދަކުރެއްވި އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅަކީ، އިބްރާގެ ކޮއްކޯފުޅު ފައްޔާޒު އިސްމާއީލެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު އެނބުރެމުންދާގޮތް އަބަދުވެސް ދިރާސާކުރައްވާ ސޯޝަލްމީޑިއާގައި ވާހަކަފުޅު ދައްކަވަމުން ގެންދަވާ އިބްރާހިމް އިސްމާއިލް ވަނީ މެއި 15 ވަނަ ދުވަހުން ފެށިގެން ރައީސް ނަޝީދު ގެއްލޭނެ ކަމަށް ވިދާޅުވެފައެވެ. މަޖާޒީ ގޮތެއްގައި އިބުރާ ވިދާޅުވި މިވާހަކަފުޅާއި ގުޅިގެން ރައީސް ޔާމީނަށް ވަފާތެރި މެމްބަރުންނާއި އާއިލާގެ މެމްބަރުން އެމައްސަލަ މަޖިލީހަށާއި ފުލުހަށް ހުށައެޅިއެވެ.

އިންތިޚާބުގެ ނަތީޖާ އާއިއެކު އިބްރާ ޓުވީޓް ކުރައްވައި އޭނާ ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. 

"މިއަދަކީ 15 މެއި، ބޮމެއް ނުގޮވާ، ލެޔެއް ނުއޮހޮރޭ، ޓެރަރިޒަމްގެ އަމަލެއް ނުފެނޭ. އެކަމަކު "ގެއްލުވާ ނުލިޔަސް " ގެއްލިއްޖެ." އިބްރާހިމް އިސްމާއީލް އެދުވަހު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އިބްރާހިމް އިސްމާއީލްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުވެސް ވަނީ މެއި 14ގެ އިންތިޚާބާއި އެކު ރައީސް ނަޝީދަށް އެމްޑީޕީގެ ބާރުވެރިކަން ގެއްލިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ މީހުން މަސައްކަތް ކުރަމުން ދަނީ އެމްޑީޕީގެ ބާރުވެރިކަން އެފަރާތްތަކުގެ މުށުތެރޭގައި ބޭއްވުމަށް ކަމުގައި މޫސަވެސް ވިދާޅުވަމުން ގެންދެވިއެވެ.

ރައީސް ނަޝީދަކީ އެއް އިރެއްގައި އެކަކަށް މިރާއްޖޭގައި އެންމެ ބޮޑުތާއީދެއް އޮތް ސިޔާސީ ލީޑަރެވެ. އެހެންނަމަވެސް އެކަނި ގިނިކަންޏާ އިންތިޚާބެއް ކާމިޔާބު ކުރެވޭވަރަށް އެމަނިކުފާނަށްވެސް ވޯޓެއް ލިބިވަޑައެއް ނުގަތެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެނިގެން ދިޔައީ އެކަމެވެ.

މެއި 14 ވަނަ ދުވަހު އޮތް ޗެއާޕާސަންގެ އިންތިޚާބުގައި ރައީސް ނަޝީދު ވޯޓު ލައްވަނީ ---

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ޞޯލިޙް ނުކުންނެވީ ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެންނެވެ. ރައީސް ނަޝީދގެ ތާއީދާއި އެކުގައެވެ. ކޯލިޝަން އެއްބަސްވުމުގައި އަނެއް ތިން ސިޔާސީ ލީޑަރުންނާއި އެކު އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ސޮއެ އެޅުއްވީ ރައީސް ނަޝީދެވެ. އެހެން ނަމަވެސް ކޯލިޝަން ވެރިކަމަށް 6 މަސްވެސް ނުވަނީސް ކޯލިޝަނާއި އެކު ވީވައުދުތައް އުވާލައްވައި، މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ މެމްބަރުން ނެރުމުގެ ފަހަތުގައި ހުންނެވީ ރައީސް ނަޝީދެވެ. އޭރުވެސް މިހާރުވެސް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ޤަބޫލު ކުރައްވާ ގޮތުގައި ރައީސް ނަޝީދުގެ އެނިންމެވުމުގެ މަޤުޞަދަކަށް އޮތީ އަލުން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމެވެ. ރައީސުލްޖުމުހޫރިއްޔާގެ ގޮތުގައި ނޫންނަމަ ބޮޑުވަޒީރުގެ ގޮތުގައެވެ. ނުސީދާކޮށް ފުރަތަމަ ވިދާޅުވަމުން ގެންދެވި އެވާހަކަ ފަހުން ސީދާ ސަރީހަ އިބާރާތުން ރައީސް ނަޝީދު ރައީސް ސޯލިޙަށް ދެންނެވިއެވެ. އަދި ފަހުން އެކި ހަފްލާތަކާއި އެއްވުންތަކުގައި އާއްމު މެމްބަރުންނަށް އެވާހަކަތައް ތިލަކޮށްދެއްވިއެވެ.

ރައީސް ނަޝީދު އުއްމީދުފުޅު ކުރެއްވި ގޮތާއި ޚިލާފަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކޮންޓްރޯލެއް އެމަނިކުފާނަށް ލިބިވަޑައެއް ނުގަތެވެ. އޭގެ ފަހުން ޤައުމީ މަޖިލީހުގެ ކޮންޓްރޯލްވެސް އެމަނިކުފާނަށް ގެއްލުނެވެ. އަދި މެއި 14 ވަނަ ދުވަހު އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފައްޔާޒު އިސްމާއީލް ކާމިޔާބުކުރެއްވުމުން، ޕާޓީގެ ކޮންޓްރޯލްވެސް ރައީސް ނަޝީދަށް ގެއްލުނީ ކަމުގައި ހުރިހާފަރާތްތަކަކުންވެސް ޤަބޫލު ކުރެއެވެ. އެއީ އެމްޑީޕީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނެވި ނަމަވެސް އިދާރީގޮތުން ޕާޓީ ހިންގަވަން ހުންނަ އެންމެ އިސްބޭފުޅަކީ ޗެއާޕާސަން ކަމުގައި ވުމެވެ.

ޗެއާޕާސަންގެ އިންތިޚާބުގައި އިމްތިޔާޒު ފަހުމީ އާއި ފައްޔާޒު އިސްމާއީލް ވާދަކުރެއްވި ނަމަވެސް އެދެބޭފުޅުން ރަމްޒުކުރެވެނީ ރައީސް ނަޝީދާއި ރައީސް ސޯލިޙްގެ ބާރު ރަމްޒުކޮށްދޭ ފަރާތްތަކެއްގެ ގޮތުގައެވެ. އަލުން ބޮޑުވަޒީރުގެ ގޮތުގައި ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދަށް ސަރުކާރަށް ޕްރެޝަރުތައް ކުރިމަތި ކުރުވެން އޮތީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުގައި އެމަނިކުފާނު ވިދާޅުވާހައި ގޮތަކަށް ކަންކުރައްވާނެ ބޭފުޅަކު ހުރެގެންނެވެ. އިންތިޚާބުގެ ކެމްޕޭނުން ފެނިގެން ދިޔައީ އެކަމެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާ އާއި އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން އިމްތިޔާޒު ފަހުމީގެ ފަހަތުގައި ތިއްބެވި އިރު، އެބޭފުޅުން ކުރެއްވީ މީހުން ޖަޒްބާތުގައި ޖައްސައި، ނަފްރަތާއި ރުޅިވެރިކަން އުފައްދައި، އަބުރު ނަގާލައިގެން މީހުންގެ މައްޗަށް މޮޅު ހޯދުމުގެ ކެމްޕޭނެކެވެ.

އިންތިގެ ޓީމުން އެންމެ ފުރަތަމަ ދެއްކި ވާހަކައަކީ އިންތިއަށް ތާއީދު ކުރާ މީހުން ވަޒީފާތަކުން ކަނޑާވާހަކައެވެ. އެހެންނަމަވެސް ޕާޓީގެ މެމްބަރުންނަށް ފެނުނީ، ސިޔާސީ މަޤާމުތަކުގައި މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ޑިރެކްޓަރުންނާއި އެތައް ބަޔަކު އިމްތިޔާޒް ފަހުމީގެ ކެމްޕޭނުގައި އުޅޭތަނެވެ. ދެންދެއްކެވީ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އޮތްކަމުގެ ވާހަކައެވެ. އިންތިގެ ޓީމުން ކުޅުނު އެންމެ ބޮޑު އިމޯޝަނަލް ގޭމަކީ، ޗެއާޕާސަންގެ މަޤާމަށް ފައްޔާޒު ގެނައުމަށް ކުރާ މަސައްކަތަކީ ރައީސް ނަޝީދު އެކަހެރިކޮށް ބާކީކޮށްލަން އުޅޭ ވާހަކައެވެ. މެއި 6ގައި ރައީސް ނަޝީދު އަވަހާރަކޮށްލަންދިން ހަމަލާގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަކަށް ތުހުމަތުކޮށް އެތުހުމަތުތައް ރައީސް ސޯލިޙާއި ހަމައަށް އުފުލިއެވެ.

އިމޯޝަނަލް ކެމްޕޭންތަކާއި، އަބުރުކަތިލައި ބަދުނާމު ކުރުންތަކާއި އެކުވެސް އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބުކުރީ ފައްޔާޒު އިސްމާއީލެވެ. އެއާއިއެކު އެމްޑީޕީގެ މިސްރާބު ބަދަލުވެގެންދާނެކަން މާކުރިންވެސް އެތައް ބަޔަކު ދެނެތިއްބެވެ.

ފައްޔާޒު އިސްމާއީލް ޗެއާޕާސަންގެ މަޤާމަށް ހޮވުމަށް ފަހުގައި، ޕާޓީގެ މުޅިކޮންޓްރޯލް ރައީސް ސާލިހްގެ ކޮޅަށް އެނބުރުނީއެވެ. މީގެ އިތުރުން އެ އިންތިޚާބުގެ ނަތީޖާއަކީ ރައީސް ނަޝީދު ގެ ސިޔާސީ ޙަޔާތުގެ ކުރިމަގާއި މެދު ސުވާލުތައް އުފައްދާނެ ކަމެކެވެ.

އެއް އިރެއްގައި އެމްޑީޕީގެ އެންމެ މަޤުބޫލު ބޭފުޅަކަށް ރައީސް ނަޝީދު ވީނަމަވެސް އެމަނިކުފާނު ހަމަ އެދޭހައި ގޮތަކަށް އެމްޑީޕީއަނބުރައި ނުލެވޭނެކަން މިއިންތިޚާބުގެ ނަތީޖާއިން އެނގިގެން ހިނގައްޖެއެވެ. އަދި ރިޔާސީ ޕްރައިމަރީއެއްގައި ވާދަކޮށްފި ނަމަވެސް ރައީސް ނަޝީދަށް ކާމިޔާބުވުމުގެ ފުރުޞަތު ކުޑަކަން ހާމަވެއްޖެއެވެ. އެހެން ކަމުން ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގު މިހާރު އޮތީ ސުވާލުމާކެއްގެ ތެރޭގައެވެ. އެމަނިކުފާނު އަމަލު ކުރެއްވި ގޮތާއި ދެއްކެވި ވާހަކަފުޅާއި ސާބިތެއް ނެތި އެމަނިކުފާނަށް ދެވުނު ހަމަލާ ރައީސް ސޯލިޙާއި ރައީސް ސޯލިހުގެ އަރިސް ބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވައި ދެއްކެވި ވާހަކަތައް އަނބުރައެއް ނުގެނެވޭނެއެވެ. އެހެންކަމުން ދެން ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުގައި ނިމުމުގެ ފެށުން އައީކަމަށްވެސް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. މެއި 15 އާއި ގުޅުވައި އިބްރާހިމް އިސްމާއީލްވެސް ވިދާޅުވީ އެވާހަކައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.