އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމާއި ގުޅޭ ޕޯސްޓެއް. ފޮޓޯ:ބީ.އެމް.އެލް

ބީ.އެމް.އެލްއިން އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމެއް އިފްތިތާހުކޮށްފި

ބުދަ 01 ޖޫން 2022 | ހަމްޒާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމެއް ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާހުކޮށްފިއެވެ.

Advertisement


މި ޕްލެޓްފޯމަށް ދީފައިވާ ނަމަކީ 'ކައިންޑްލީ ބައި ބީއެމްއެލް"އެވެ.

ބީ.އެމް.އެލްއިން ބުނީ، މި ޕްލެޓްފޯމަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.

'ކައިންޑްލީ ބައި ބީއެމްއެލް' އަކީ، ޖަމިއްޔާތަކުން ފަންޑްރެއިޒް ކެމްޕޭން ގާއިމްކޮށް ޖަމިއްޔާގެ ފަރާތުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފަސޭހައިން ބޭނުންކުރެވޭ ރައްކާތެރި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ، ފަންޑްރެއިޒްކުރާ ފަރާތުގެ ގޮތުގައި ޖަމިއްޔާތަކަށް ގިނަ ކެމްޕޭންތަކެއް ހިންގައި، ފަސޭހައިން ރިޕޯޓުތައް ނެގޭ ގޮތަށް އެހީގެ އަދަދު ވަގުތުން ބަލާލައި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ޕްރޮމޯޓްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށް އަދި މަދުވެގެން ދެ އަހަރު ދުވަހު ހިންގާފައިވާ ޖަމިއްޔާތަކަށް 'ކައިންޑްލީ ބައި ބީއެމްއެލް' ގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.

މިޕްލެޓްފޯމާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، ޖަމިއްޔާތަކުން ހިންގާ ކެމްޕޭނުތަކަށް އާންމުންނަށް ރައްކާތެރިކަމާއެކު ފައިސާ ހަދިޔާ ކުރުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފްކުރާ އޮންލައިން ފަންޑްރެއިޒިންގ ޕްލެޓްފޯމް ގާއިމްކޮށް އިފްތިތާހު ކުރެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި މުޅި ދުނިޔޭގައިވެސް ކްރައުޑް ފަންޑިންގއަކީ މަގުބޫލު ކަމެއް ކަމަށާއި، ކައިންޑްލީގެ ހިޔާލު އައީ ފަންޑްރެއިޒް ކުރާ ފަރާތްތަކާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް މުހިންމު އަދި އެންމެ ފަހުގެ ކެމްޕެއިންތަކަށް ހެޔޮ އެދޭ ފަރާތްތަކުން ރައްކާތެރިކަމާއެކު އެހީދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް ޓިމް ސޯޔަރ ވިދާޅުވިއެވެ.

" އަޅުގަނޑުމެން އެންމެނަށްވެސް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ. އަދި ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އަޅުގަނޑުމެންގެ މި މުހިންމު ޕްލެޓްފޯމުގެ ޒަރިއްޔާއިން މަގުފަހިވާނެކަމަށް އުންމީދުކުރަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް 5 ހަރަކާތެއް ވަނީ ހިންގާފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.