ރައީސް ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ

" ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ "

ހޮނިހިރު 21 ޖެނުއަރީ 2023 | އައުޓްރީޗް

" ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ " މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަރަށް ޖޯޝާއެކު މާލޭގައި މިރޭ އޮތް ކެމްޕެއިން ޖަލްސާގައި ތަކުރާރުކުރެއްވިއެވެ.

Advertisement


ރައީސުލްޖުމްހޫރިއްޔާގެ މިތަކުރާރުކުރެއްވުން އައީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ތަކުރާރުކޮށް އަންނަނީ، އަންނަނީ އޭ ވިދާޅުވެ ކަންކަން ނުނިމޭކަމަށް އިޝާރާތްކުރައްވާ ވިދާޅުވާ ފާޑުކިއުންތަކާ ގުޅިގެންނެވެ. ރައީސް ނަޝީދުގެ ފާޑުވިދާޅުވުމަށް މިރޭވެސް ރައީސުލްޖުމްހޫރިއްޔާ ރައްދުދެއްވީ ހިސާބު އަދަދުތަކުންނެވެ. ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި ސަރުކާރަކުން އެންމެ ގިނަ ތަފާތު މަޝްރޫޢު ހިންގީ މިސަރުކާރުންކަމަށެވެ.

ފެނާއި ނަރުދަމާގެ 141 މަޝްރޫޢު މިދައުރުގައި އެބަހިނގާ. ލަފާފުރުމުގެ ދަތިކަން ހައްލުކުރަން 47 މަޝްރޫއު ނިމިއްޖެ. ތައުލީމީ ދާއިރާއިން 1571 ކްލާސްރޫމް ނިމިއްޖެ. 17 މިސްކިތް އަޅާ ނިމިއްޖެ. 57 ފުޓްބޯޅަ ދަނޑު ނިމިއްޖެ. 61 ފުޓްސަލް ދަނޑު ނިމިއްޖެ. 47 ޖިމް ނިމިއްޖެ. 144 ރަށަކަށް 313 ޖަނެރޭޓަރު ފޯރުކޮށްދެވިއްޖެ. ކޮންކަމެއްތޯ ނުވަނީ. ކޮންކަމެއްތޯ ނުނިމެނީ. ރައީސް ސުލާވު ކުރެއްވިއެވެ.

މީގެއިތުރުންވެސް ހިލޭ ޑިގްރީއަށް 6000 ހާސް ދަރިވަރުން އަދި ކިޔަވަމުންދާ 16000 ދަރިވަރުން ތިބިކަން ފާހަގަކުރެއްވިއެވެ. ސިއްހީ ދާއިރާއާއި، ދަތުރުފަތުރާއި މިނޫންވެސް އެހެން ދާއިރާތަކުން ކޮށް ނިމިފައިވާކަންކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެދެއްވީ އަދަދުތަކުންނެވެ. އެއަށްފަހު ދެން ސުވާލުކުރެއްވީ އިޝާރާތްކުރެއްވި ކަންކަމާއެކު ތަރައްޤީގެ މަގުގައި ކުރިއަށްދާނީތޯ ނުވަތަ ދާގޮތަށްގޮސް މަގުމަތިވާނީތޯއެވެ. ވިދާޅުވީ ޖެނުއަރީ 28 ވަނަ ދުވަހު ލާވޯޓަކީ މިކަމަށް އެމްޑީޕީން ގޮތެއް ނިންމާ ވޯޓްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާނީ ތަރައްޤީގެ މަޝްރޫޢުތަކަށްތޯ ނުވަތަ ޕެޕަސްޕްރޭއާއި, ކަރަންޓް މުގުރާއި, އަސޭމިރުސް އާވިގަންނަންތޯ ނިންމާނީ ތިބޭފުޅުންކަމަށެވެ. ދެވަނަ ދައުރަކަށް އެމްޑީޕީ ދިއުމަށް ލިބޭ ފުރަތަމަ ފުރުޞަތަކީ ޖެނުއަރީ 28 ވަނަ ދުވަހު ލާވޯޓްކަމަށް ވިދާޅުވިއެވެ. 

ތިޔަބޭފުޅުން އަޅުގަނޑާއެކު މިފުރުޞަތުގެ ބޭނުން ހިއްޕަވާ. އަޅުގަނޑު މިހުރީ ތައްޔާރަށް. ތަފާތުބޮޑުކޮށް އިރާދަކުރެއްވިއްޔާ މިޕްރައިމަރީ އަޅުގަނޑު ކާމިޔާބުކުރާނަން. އެއްވެސް ޝައްކެއް ނެތް, އެއްވެސް ޝައްކެއް ނެތް. މިތަނުން މިއަދު މިއޮތީ އެކަން ނިންމާފަ. ނިމިއްޖެ, ނިމިއްޖެ, ނިމިއްޖެ,ނިމިއްޖެ.

ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާއާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެވެސް ރައީސް މުޙައްމަދު ނަޝީދަކީ ރައީސުލްޖުމްހޫރިއްޔާގެ ގާތް އެކުވެރިޔާއެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީގެ ފޯރީގައި ދެބޭފުޅުންގެ ގާތްކަމަށްވެސް އަސަރުކުރަމުންދާތަން ދަނީ ފެންނަމުންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.